ads
އޭޖީ އަހުމަދު އުޝާމް -- ފޮޓޯ: އޭޖީ އޮފީސް
ސެންޓާ އެންޓަޕްރައިސަސް އިން ވަގު ލިޔުން ހުށަހެޅި ކަމަށް ބެލެވޭ މައްސަލަ ފުލުހަށް
ސެންޓަރު އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2008 ވަނަ އަހަރުގެ ތެރޭގައި ސިއްހީ ވުޒާރާއަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކިއުޕްމަންޓް އާއި ކޮންސިއުމަބްލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ސިއްހީ ވުޒާރާއިން ފަސް މިލިއަނަަށް ވުރެ ގިނަ ޑޮލަރު ހޯދަން ފޯޖްކޮށްފައި ހުރި ޑޮކިއުމަންޓްތަކެއް ހުށަހެޅި މައްސަލަ ބަންޑާރަ ނައިބު (އޭޖީ) އޮފީހުން ފުލުހަށް ހުށަހަޅައިފި އެވެ.
Advertisement

އިއްޔެ އޮޑިޓަރު ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން, ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް)އަށް ސެންޓާ އެންޓަޕްރައިޒަސްއިން 2008ވަނަ އަހަރުގެ ތެރޭ ފޯރުކޮށްދީފައިވާ ކަމަށް ބުނާ ތަކެތީގެ އަގަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ، އެ ކުންފުނިން ފޯރުކޮށްދިން ތަކެތީގެ އަގަށްވާ 2.01 މިލިއަން ޑޮލަރާއި އެ ފައިސާ ނުލިބުމުން ޖޫރިމަނާގެ ގޮތުގައި ހޯދަން އެދޭ 3.14 މިލިއަން ޑޮލަރާއެކު، 5.15 މިލިއަން ޑޮލަރު ހޯދުމަށް ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.  

އެ މައްސަލައާ ގުޅިގެން ސެންޓާ އެންޓަޕްރައިޒަސްއިން ސިވިލް ކޯޓަށް ހުށަހެޅި ބައެއް ލިޔެކިއުންތަކުގައި ޑީއެމްއެސްގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި "އައިޝަތު ހަލީމް"ގެ ނަމުގައި ސޮއިކޮށްފައި އޮތް ނަމަވެސް އެ ނަން ކިޔާ މުވައްޒަފެއް އެއްވެސް އިރެއްގައި އެ ޑިޕާޓްމަންޓްގައި ނުވަތަ ހެލްތު މިނިސްޓްރީގައި މަސައްކަތްކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

މި ކަމާއި ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ، އެ ދައުވާތަކާ އެކު، ސެންޓާ އެންޓާޕްރައިސަސް އިން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަކަމާ މެދު އަދި ބައެއް މުއާމަލާތްތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ، އެ މައްސަލަތައް 2022 ވަނަ އަހަރު އަދި އޭގެ ފަހުން ވެސް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ހަމަ އެ ތާރީހުގައި މި މައްސަލަތައް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އެ ތަނުން ބުންޏެވެ.

"މި މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރެލް އިރުޝާދު ދެއްވާފައިވާތީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހާ ކަންކަމަށް ރިއާޔަތްކުރައްވައި ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މި އޮފީހުން މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފީމެވެ،" ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އޮޑިޓް ރިޕޯޓްގައި، ކުރީގެ ހަތަރު ދައުވާގައި ސެންޓަ އެންޓަޕްރައިސަސް އިން އެދިފައިވާ އަދަދުތަކާ މެދު ވެސް ސުވާލު އުފެދޭ އެތައް ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން ހެލްތު މިނިސްޓްރީއާ ދެކޮޅަށް ކުރާ ދައުވާގައި ވެސް ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔުމެއް ކަމަށް ބުރަވެވޭ ކަމަށާއި އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ޖިނާއީ ތަހުގީގެއް ހިންގުމަށް ލަފާ ދީފައިވެ އެވެ. 

ސެންޓަ އެންޓަޕްރައިސަސް 2006 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ ތިން ހިއްސާދާރުން ހިމެނޭ ގޮތަށެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ އަބްދުﷲ އާރިފް އާއި އަހުމަދު ޖާމިޒް އަދި އަލީފާ އަހުމަދު ހިމެނޭއިރު، މެނޭޖިން ޑިރެކްޓަރަކީ އަލީފާ އެވެ. ފޭކް ލިޔުން ހުށަހެޅި ކަމަށް ދައުލަތުން ކުރިން ތުހުމަތުކުރުމުން އޭރު އެ ކުންފުނިން ވަނީ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ.

ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސްއަށް 2006 އިން 2008ގެ ނިޔަލަށް، ސެންޓަ އެންޓަޕްރައިސަސް އިން ފޯރުކޮށްދިން ކަމަށް ބުނާ މުދަލުގެ އަގު ނުލިބިގެން ސިވިލް ކޯޓުގައި ދައުވާކުރުމުން، މިދިޔަ ފެބްރުއަރީ މަސް ތެރޭ ސިވިލް ކޯޓުން ވަނީ އެ ހިދުމަތުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް