ads
އަދާލަތު ޕާޓީން މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ - ފޮޓޯ: ސީއެންއެމް
އަދާލާތު ޕާޓީން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ފަށައިފި
އަދާލަތު ޕާޓީން މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
Advertisement

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ދައުލަތް ހިންގުމުގެ މުޅި ނިޒާމު ހަރާބުކޮށް އޮޅުން ބޮޅުންކޮށްފައިވާ ކަމަށެވެ. އަދި އެކަން ފެށުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުން ތަޅުއެޅުވޭ ގޮތަށް ފާސްކުރި ގާނޫނާ ހަމައިން ކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުިވީ ޝަރުއީ ނިޒާމާއި މިނިވަން މީޑިއާގައި ވެސް މި ސަރުކާރުން ތަޅު އަޅުވާފައިވާ އިރު ހުރަސް ކުރަން ނުޖެހޭ އެތައް ރޮނގެއް ރައީސް މިހާރު ހުރަސްކުރައްވާފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ރައީސް މުއިއްޒަށް ވެރިކަން ކުރަން އެނގިވަޑައިނުގަންނަވާނަމަ، ނުވަތަ ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާނަމަ، މިއަދުން ފެށިގެން ގެއަށް ވަޑައިގަންނަވާ،" އޭނަ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ވެރިކަން ކުރަން ކަމަށެވެ. އެހެންވެ، އެ ނޫން މަގަކަށް ހިންގެވުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލަ ރަސްކަމަކަށް ދިވެހި ގައުމު ހައްދަވަން ބޭނުންފުޅު ވާނަމަ، އެ ޖާގައެއް ރައްޔިތުން ނުދޭނެ. އަޅުގަނޑުމެން އެ ޖާގަ ދޭކަށް ނެތިން،" އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން ފުރުސަތު ލިބިވަޑައިގަންނަވާނީ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނަމަ ކަމަށެވެ. އެ ނޫން ވިސްނުންފުޅެއް ގެންގުޅުއްވާނަމަ އެ މަނިކުފާނު ޖެހިވަޑައިގަންނަވާނީ ގެކޮޅަށް ވަޑައިގަންނަވަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ޕާޓީތަކަށް ދައުވަތު ދީފައެވެ. އެގޮތުން، ބައެއް ޕާޓީތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި މަދަނީ ޖަމިއްޔާތަކާ އެކު ވެސް މަޝްވަރާކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ، ނޮވެންބަރު 17 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އިމްރާން މިމޭރުމުން ވާހަކަދެއްކެވި އިރު އިދިކޮޅު އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރާނެ ކަން އަދާލަތުން ކުރިން އޮތީ އިއުލާނު ވެސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް