ads
ވީޑިއޯ ރިޕޯޓް
ހަމަލާއަށް ފަންޑުކުރީ ކާކު؟
މިހާރު އެންމެ ގަދައަށް އިވޭ އަޑަކީ، ފަންޑު ކުރީ ކާކު؟ ފަންޑު ކުރީ ކީއްވެ؟ ފަންޑު ކުރި މީހުން ނުހޯދެނީ ކީއްވެ؟ ފަންޑު ކުރި މީހުން ހޯދުމަށް އެކަށީގެންވާ މަސައްކަތެއް އެބަ ކުރޭތަ؟ މިފަދަ އަޑުތަކެކެވެ.
Advertisement

އާދެ، މި ދެކެވެނީ މި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު ދިރިއުޅުއްވާ ކެނެރީގޭ ކައިރީގައި ދެވުނު ޓެރަރިޒަމްގެ ހަމަލާގެ ވާހަކައެވެ. މާލޭގެ މަގުތައް ސީސީޓީވީން ކެމެރާތަކުން ފުރިފައިވާއިރު، ބޮމެއް ނުވަތަ އައިއީޑީއެއް ހަދައި އޭތި ސައިކަލެއްގައި ހަރުކޮށްގެން ގެނެސް ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި ބެހެއްޓި ވާހަކައެވެ. އެ ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވި ވާހަކައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއަށް މިއަދަށް 16 ދުވަސް ވާއިރު އަދިވެސް އެ ހަމަލާއަށް ފަންޑު ކުރި މީހެއްގެ ހިލަމެއް ނެތެވެ. ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކަކީ ކުރިން ޕޮލިސް އިންޓެލްގައި މަސައްކަތް ކުރި މީހެއްކަން ވަނީ ހާމަވެފައެވެ. ރައީސް ނަޝީދަށް ދިން ހަމަލަ ފުލުހުން ވެސް ބޮޑަށް ގުޅުވާފައިވަނީ ހަރުކަށި ފިކުރާއެވެ. ހަމަލާއާ ގުޅިގެން ފުރަތަމަ ހައްޔަރުކުރެވުނު ތިން މީހުންނަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ކަމުން ފުލުހުންނާއި ސިފައިން ވަނީ އެފަދަ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންނާއި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަންތަކެއް ފަށާފައެވެ.

ބައްޕާފުޅަށް ދެވުނު ހަމަލާގައި މީރާ ލައިލާ ނަޝީދުގެ ހިޔާލު ތަފާތެވެ. ރައީސް ނަޝީދަށް ހަމަލާ ދެވުނު ރޭ ވެސް މީރާ ވިދާޅުވީ ހަމަލާގެ ކަންތައްތަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިތުބާރު ނުކުރެވޭ ކަމަށެވެ. އޭރު އެންމެންވެސް ގޮވަމުން ދިޔައީ އިންޓެލް ފެއިލް ވެފައޭ، އިންޓެލްއަށް މިފަދަ ބޮޑު ހަމަލާއެއްގެ މައުލޫމާތު ނުލިބުމަކީ ފުލުހުންނާއި ސިފައިން ފެއިލް ވުމޭ، މިފަދަ ވާހަކަތަކެކެވެ.

ނަމަވެސް ރައީސް ނަޝީދަށް ދެވުނު ހަމަލާގެ މައުލޫމާތު ސީދާ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ވަގުތުން ހިއްސާ ކުރިކަން މަޖިލީހުގެ މެންބަރަކު ހާމަކުރީ އޭގެ ފަހުންނެވެ. ހަމަލާގެ މައުލޫމަތު ލިބުމުން، ދައުލަތުގެ ތިން ބާރުން އެއް ބާރު ކަމުގައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމާޔަތް ކުރުމުގެ ޒިންމާ އެޅިފައިވާ ޑިފެންސް މިނިސްޓަރު މާރިޔާ އާ އެ މައުލޫމާތު ހިއްސާކުރުމުން ވެސް ހަމަލާ ހުއްޓުވިފައެއް ނުވެއެވެ. ނުވިތާކަށް، މި ކަން ހާމަވުމާ ހަމައަށްވެސް މިނިސްޓަރު މާރިޔާވެސް ބައިވެރިވި ޕްރެސްތަކުގައި ބުނަމުން ދިޔައީ އިންޓެލް ނުލިބޭ ކަމަށެވެ. ހަމަލާގެ މައުލޫމާތު ލިބުނު ނަމަ ހަމަލާ ހިނގިޔަ ނުދޭނެ ކަމަށެވެ.

ހަމަލާގެ މައުލޫމާތު މިނިސްޓަރަށް މާ ކުރިންވެސް އިނގޭކަން ހާމަވުމާއެކު މިނިސްޓަރުގެ ހަބަރެއް ނެތެވެ. ދިފާއުގައި "ޗުއްޕު" ވެސް ނުބުންޏެވެ. ނަމަވެސް ފަހުން މިނިސްޓަރު މާރިޔާވަނީ މާރިޔާއަށް އަމާޒުވި ވާހަކަތަކުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ.

މާރިޔާ މީޑިއާއަށް ވިދާޅުވެފައިވާގޮތުގައި މާރިޔާއަށް އެ މައުލޫމާތު ދެއްވި މެމްބަރަށް ބައެއް އިރުޝާދު ދެއްވި އެވެ. އެގޮތުން އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް މެމްބަރަށް ދެންނެވިކަމަށް މާރިޔާ ވިދާޅުވި އެވެ. ނަމަވެސް އެ މެމްބަރު ވަނީ މާރިޔާގެ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.

އެފަދަ ހަމަލައެއްގައި ބައިވެރިވާނީ ހަމައެކަނި ތިން މީހުންނެއް ހަތަރު މީހުންނެއް ނޫނެވެ. ހަމަލަ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން އެބުނާ ބޮން ހެދުމަށް ފަންޑުކުރި މީހުންވެސް ތިބޭނެއެވެ. އެ ހިޔާލުދިން މީހުންވެސް ތިބޭނެއެވެ. އެ ހަމަލަ ދިނީ ބަޔަކަށް ބޮޑު އަދަދުން ފައިސާ ދީގެން ކަމަށް ވެސް ވެދާނެއެވެ. މި މީހުން ކޮބައިހެއްޔެވެ. 

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަ މަސައްކަތް ކުރީ ހަރުކަށި ފިކުރަށް ނިސްބަތްވާ އެންމެ ތިން މީހުން ވެގެންތޯއެވެ؟ ރައީސް ނަޝީދު ނޫނަސް ރާއްޖޭގައި ހަރުކަށި ފިކުރާ ދެކޮޅަށް ވާހަކަ ދައްކާ ކިތަންމެ ބަޔަކު އެބަ ތިއްބެވެ. ނަޝީދު އަވަރާކޮށްލައިގެން އެމީހުންނަށް ވާނީ ކޮން މޮޅެއް ތޯއެވެ؟ 

ރައީސް ނަޝީދަކީ ރާއްޖޭގެ އިތުރުން ބޭރު ދުނިޔޭގައިވެސް ވަރުގަދަ ޝަހުސިއްޔަތެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެމަނިކުފާނަކީ ރާއްޖޭގައި އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެވެ. އެމަނިކުފާނު އަވަހާރަވެއްޖެ ނަމަ ސިޔާސީ ގޮތުން ފައިދާ ވާނެ ފަރާތްތައް ތިބޭނެއެވެ. މިއީ ސިޔާސީ ކަމަކަށް ނުވެދާނެ ބާއެވެ؟ ނޫނީ ހަމަ ހަރުކަށި ފިކުރުގެ ރޭވުމެއް ތޯއެވެ؟

ބޮން ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުމުގައި ފައިސާ ހަރަދުކުރި މީހުން ހޯދުމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެކަށީގެންވާ މަސައްކަތް ކުރަމުންނުދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާކަމަށް ސީދާ ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ ނުރަސްމީ ޓުވިޓާ އެކައުންޓު މެދުވެރިކޮށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ފަދަ ސެކިއުރިޓީ ވަރުގަދަ ބޭފުޅަކު އަވަހާރަކޮށްލަން ރާވަމުންދާއިރު އެކަމުގެ އިންޓެލް ލިބިފައި ނެތުމަކީވެސް ވަރަށް ނުވާނެ ކަމެކެވެ. ނޫނީ އިންޓެލް ލިބި އޮވެމެ އަޅައި ނުލީ ބާއެވެ. އެކަމުގައި ސިފައިންގެ ބައިވެރިވުމެއް ނެތްކަމުގެ ޔަގީންކަންވެސް އެފަރާތުން ވަނީ ދީފައެވެ. ނަމަވެސް ރާއްޖޭގައި މީގެ ކުރިންވެސް ވެރިކަންކުރި ފަރާތެއްގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޓެރެރިސްޓް ހަމަލާގައި އެމްއެންޑީއެފްގައި ތިއްބެވި ބައެއް ފަރާތްތަކުގެ ޝާމިލުވުން އޮތްކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ކަން މިިހެން ހުރި އިރު ސުވާލުތައް ވަރަށް ވެސް ގިނައެވެ. ފަންޑުކުރީ ވެސް ހަރުކަށި ފިކުރުގެ ފަރާތްތަކެއް ދިވެހި ދައުލަތަށް ވެރިވެގަންނަށް ބޭނުންވެގެން ތޯއެވެ؟ ނޫނީ މިއީ ސިޔަސީ މަންފާއަށްޓަކައި ބާރާއި މަގާމަށް ދަހިވެތިވެފައި ތިބި ފަރާތްތަކެއް ރާވައިގެން ދެވުނު ހަމަލާއެއް ބާވައެވެ؟ ނޫނީ ރައީސް ނަޝީދު ވިދާޅުވާ ފަދަ އަނދިރި ދައުލަތެއް އޮވެގެންވީކަމެއް ބާވައެވެ؟ އަހަރެންގެ ނަޒަރުގައި މިއީ މިހެން ލިޔެލާ އެންމެ ލިޔުމަކުން ޖަވާބު ލިބޭނެ ސުވާލުތަކެއް ނޫނެވެ. މިއީ ބޮޑެތި ވާހަކަތަކެވެ. އެހެންވީމާ ބޮޑެތި ތަހުގީގުތަކެއްވެސް ކުރަން ޖެހޭނެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް