އަސްރާ ވަނީ އެ ދުވަހު ފުލުހަށް ގޮސް އީސައާ ދެކޮޅަށް ބަޔާންވެސް ދީފައެވެ. އަދި ފުލުހުން އެ މައްސަލަ ތަހުގީގުކުރަންފެށިއެވެ.
އަސްރާއަށް ގިނަ އަނިޔާތަކެއް ކުރި ކަމަށާއި އެ ދެމީހުންގެ ކުޑަ ދަރިފުޅަށް ގެއްލުން ދޭނެކަމަށް ބުނެ އިންޒާރު ދިން ކަމަށް ބުނެ މަންޒަރުދުށް ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދިނެވެ. އަސްރާގެ ފޭސްބުކުގައި ޖެހި ސްޓޭޓަސްގައިވެސް ބުނެފައިވަނީ ތަޖުރިބާ ކުރަން ޖެހުނީ މީގެ ކުރިން ދުވަހަކު ވެސް އުންމީދުކޮށްގެން ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.
އެއާ އެކު ގިނަ ބަޔަކު އަސްރާގެ ހައްގުގައި، އަސްރާގެ ދިފާއުގައި ނުކުތެވެ. ގެވެށި އަނިޔާއާ ދެކޮޅަށް ނުކުތުމުން ގިނަ ބަޔަކު އަސްރާއަށް ތައުރީފު ކުރިއެވެ. ގާނޫނު ހަދާ މަޖިލީހުން މެންބަރު އީސަ ބޭރުކޮށް އީސަ ހައްޔަރުކުރުމަށް ގޮވަންފެށިއެވެ. އީސަ ހައްޔަރު ކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނުނެރެދިނުމުން އާންމުން އިސްނަގައިގެން އީސަ ހައްޔަރުކުރަން ގޮވާލައި ޕެޓިޝަނެއް ފަށައިގެން ސޮއިކުރަމުންދިޔައެވެ.
"ޖަސްޓިސް ފޯ އަސޫ" ހޭޝްޓެގް އާއެކު ކުރާ ޓުވީޓުތަކުން ޓުވިޓާ ފުރާލިއެވެ.
ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވީތާ ހަފްތާއެއް ނުވަނީސް އިވިގެންދިޔައީ މުޅިން އެހެން އަޑެކެވެ. އީސަގެ މައްސަލަ ނުބެލުމަށް ފުލުހުންތެ އިދާރާގައި އަސްރާ އެދުނެވެ. އަސްރާ ބުނީ މައްސަލަ ކުރިއަށް ނުގެންދިއުމަށް ފުލުސް އޮފީހުގައި އެދިފައިވަނީ އެ ދެމީހުންގެ ދަރިފުޅަށްޓަކައި ކަމަށެވެ. އަދި އީސަ ވެސް ވަނީ އޭނާގެ ދަރިފުޅުގެ މަންމަ (އަސްރާ) އަށް ކުޑައިމީސްވާ ގޮތައް އެއްވެސް މީހަކު ބަހެއް ނުބުނުމަށް އެދިފައެވެ.
މިއާއެކު އަސްރާގެ ދިފާއުގައި ނުކުތް މީހުން ރަތައް އަރައިފިއެވެ. ފޭސްބުކްގައި ގިނަ ބަޔަކު މިކަމާ ގުޅިގެން ކުރި ކޮމެންޓުތަކުގައި ވަނީ އަސްރާއަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ބައެއް މީހުން ބުނަނީ އިންސާފު ހޯދައިދޭން ހަދައިގެން އިސްރާފުވީ ވަގުތުތަކެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އަސްރާގެ ދިފާއުގައި ނުކުމެވުމުން ޖެހުނީ ލަދުގަންނަން ކަމަށެވެ. އަދި އަންހެނުންގެ ހައްގުގައި ނުނިކުމެވެނީ މިހެންވެ ކަމަށާއި ދެފަހަރު ދެގޮތަށް ވާހަކަ ދައްކާތީ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮންމެއަކަސް މި ފަހަރު މި "އެނދީ" ގެވެށި އަނިޔާއާ ދެކޮޅަށް ނުކުތް މީހުންނެވެ.
މެމްބަރު އީސާއާ ދެކޮޅަށް އަސްރާ ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދަން އޭނާ އެދިވަޑައިގެންފައި އޮތަސް ތަހުގީގު ކުރިއަށްދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.