
ދާދިފަހުން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އައްޑޫގައި ކޮންސިއުލޭޓް ހުޅުވުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްއަރާ ކުރެވެމުންދާ ކަމަށާއި ނަމަވެސް އަދި ވަކި ގޮތަކަށް އަމަލު ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. އައްޑޫގައި ކޮންސިއުލޭޓް ހުޅުވުމަށް ހުއްދަ ދެއްވާނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ، އިންޑިއާގައި ވެސް ރާއްޖޭގެ އެކަކަށްވުރެ ގިނަ ޑިޕްލޮމެޓިކް މިޝަން ހުންނަކަމަށެވެ. ނަމަވެސް އިންޑިއާގެ ހުށަހެޅުމާމެދު ގޮތެއް ނިންމަވާނީ މަޝްވަރާތަކަށް ފަހު ކަމަށެވެ.
މި މައްސަލާގައި ހިޔާލު ފާޅުކުރައްވަމުން އައްޑޫ ސިޓީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަމް ކޮންސިއުލޭޓް ގާއިމު ކުރުން ސިފަކުރެއްވީ އައްޑޫ ރައްޔިތުންނަށް ފައިދާ ލިބިގެންދާނެ ކަމެއް ގޮތުގައެވެ. އަސްލަމް މި މައްސަލާގައި ޝުއޫރުފާޅު ކުރައްވާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ އައްޑޫއަށް ވިޔާފާރީގެ ރޮގުން ވެސް އަދި ތަރައްގީގެ ގޮތުން ބެލި ނަމަވެސް ފައިދާ ހުރި ކަމެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ބަޔަކު މިކަމާ ދެކޮޅަށް އަޑުއުފަލުމުން ދިޔަކަމުގައި ވިޔަސް މިކަމުގައި އައްޑޫގެ ގިނަ ރައްޔިތުންގެ ތާއީދު އޮތީ ބޭރު ގައުމުތަކުގެ ކޮންސިއުލޭޓްތަކަށް އައްޑޫއިން ފުރުސަތު ދޭށެވެ. އެގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް، "ސީއެންއެމް" އާއި ވާހަކަ ދެއްކި އައްޑޫ ރައްޔިތަކު ބުނިގޮތުގައި ކޮންސިއުލޭޓްއެއް ހުޅުވިގެންދިއުން ވެގެންދާނީ އޭނާއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ކަމަށެވެ.
ރާއްޖެއިން ބޭސް ކުރެވެން ނެތް ބައްޔަކަށް ދިގު މުއްދަތަކަށް ފަރުވާ ހޯދެމުން އަންނަ އަދުނާން (އަސްލު ނަމެއް ނޫން) ބުނިގޮތުގައި، އޭނާ ކޮންމެ ހައެއްކަ މަހުން އެއް ފަހަރު ޑޮކްޓަރަށް ދެއްކުމަށް އިންޑިއާގެ ކޮޗިންއަށް ދަތުރު ކުރާއިރު ކޮންމެ ފަހަރަކު ވެސް ބޮޑު ހަރަދުތަކެއްކޮށް، ވިސާ ހަމަޖެއްސުމަށް މާލެ ދާން ޖެހުން އެއީ އޭނާއަށް ވަރަށް ބޮޑު ތަކުލީފެކެވެ. އަދި މިބަދަލާ އެކު އޭނާ އަތުން ޓިކެޓު ހަރަދުން އެކަނިވެސް 8،000 ވަރަކަށް ދިވެހި ރުފިޔާ ސަލާމަތްވާނެ ކަމަށް އޭނާ ލާފަކުރެއެވެ.
ކޮންސިއުލޭޓެއް ހުޅުވިގެން ދިއުމާ ގުޅިގެން ލުޔެއް ލިބޭނެ ކަމަށް ބެލެވެނީ ހަމައެކަނި ބޭސްފަރުވާއަށް ދަތުރުކުރާ މީހުންނަށް އެކަންޏެއް ނޫނެވެ. މިކަމާއި ގުޅިގެން "ސީއެންއެމް"އަށް ވާހަކަ ދެއްކި ބައެއް ކިޔަވާ ކުދިންނާއި ވިޔަފާރިވެރިންގެ ހިޔާލުވެސް ހުރީ މިކަހަލަ ގޮތަކަށެވެ. އެގޮތުން އިންޑިއާގައި ކިޔަވަމުންދާ ދަރިވަރަކު "ސީއެންއެމް"އަށް ބުނީ، އަލަށް އިންޑިއާއަށް ކިޔަވަންދާ ދަރިވަރުން މިހާރު އޮންނަ އުސޫލުން ނަމަ އައްޑޫގައި ތިބި ދަރިވަރުން ބޮޑު ހަރަދެއްކޮށް، ވިސާގެ ކަންކަން ހަމަޖެއްސުމަށް ދާން ޖެހެނީ މާލެއަށެވެ. އަދި މިކަމަކީ ގިނަ ފަހަރަށް ސްޓޫޑެންޓް ލޯނުން ކަވަރު ނުކުރާ ހަރަދަކަށްވާއިރު މިކަމަށް ހޭދަ ކުރަން ޖެހެނީ އެ ދަރިވަރެއް ނުވަތަ ބެލެނިވެރެއްގެ އަމިއްލަ ޖީބުންނެވެ.
އައްޑޫ ސިޓީއަކީ މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދެވެ. ސޯޝަލް މީޑިއާގައި #އިންޑިއާއައުޓް ޓެގް ބޭނުންކޮށް، އިންޑިއާއިން އައްޑޫގައި ގާއިމުކުރަން ނިންމި ޖެނެރަލް ކޮންސިއުލޭޓްއާ ދެކޮޅަށް އަޑުއުފުލަމުންދާ މީހުން ބުނާ ގޮތުގައި މިއީ މިގައުމުގެ ބައެއް އަޅުވެތި ކުރުމަށް އިންޑިއާއިން ޖަހާ ދަންތުރައެކެވެ. އެމީހުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާއިން ބޭނުން ވަނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީ ރާއްޖެއާ ވަކިކޮށް، އެތަނަށް އަތްގަދަ ކުރާށެވެ. އަދި އެތަނުގައި އިންޑިއާ މީހުން ގިނައިން އާބާދުކޮށް، އެމީހުންގެ ބާރު ހިންގާ ތަނަކަށް އެ ސަރަހައްދު ހެދުމަށެވެ.
އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓްއެއް ގާއިމުކޮށްފިނަމަ، އެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، އައްޑޫ ސިޓީ އަޅުވެތިވެދާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީ މަންފާއަށް ދައްކާ "ފުލޯކު" ވާހަކައެއް ކަމަށް އައްޑޫގެ ބައެއް ރައްޔިތުން ސިފަކުރެއެވެ. ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ރަށް، މާލޭ ސިޓީގައި 4 ގައުމެއްގެ އެމްބަސީ، އަދި 5 ގައުމެއް ހައި ކޮމިޝަން އަންނަނީ ހިންގަމުންނެވެ.
މާލޭ ސިޓީގައި ޑިޕްލޮމެޓިކް މިޝަންތައް ގާއިމުކޮށްފައިވާ ގައުމުތައް:-
- ޗައިނާ
- ޖަޕާން
- ސައުދީ އަރަބިއާ
- ޔޫއޭއީ
- ބަންގްލަދޭޝް
- އިންޑިއާ
- ޕާކިސްތާން
- ލަންކާ
- އިނގިރޭސި ވިލާތް
އެމްބަސީތަކާއި ހައި ކޮމިޝަންތައް ހުރެގެން މާލޭގެ މިނިވަން ކަމަށް ބުރޫއެއްނާރައެވެ. މާލެ ސިޓީ އޮތީ އެއްވެސް ބަޔެއްގެ އަޅުވެތިކަމުގެ ދަށުގައެއް ނޫނެވެ. މާލޭގައި ހިންގަނީ ދިވެހި ދައުލަތާއި ދިވެހިން ބާރެވެ. ކަން މިހެން އޮތްއިރު އައްޑޫގައި ގިނަ ޑިޕްލޮމެޓިކް މިޝަންތަކެއް ހުޅުވާލާ، އެންމެ އާދައިގެ ކަންކަމަށް ވެސް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެންނަންވީ ވަގުތަކީ މިއީ ނޫންތޯއެވެ. މުޅި ދެކުނަށް ލާމަރުކަޒީ އުސޫލުން ތަރައްގީ ގެނައުމަށް އޮތް ރަނުގެ ފުރުސަތުތަކަށް ހުރަސް އެޅުން އެއީ ހަމަ އެންމެ ބުއްދިވެރި ނިންމުން ބާއެވެ؟