ads
ވީޑިއޯ ރިޕޯޓް
މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް:ހަގީގީ މަގުސަދަކީ ކޮބާ؟
ހަރުކަށި ފިކުރުގެ ވާހަކައަކީ އަބަދުހެން ދެކެވޭ ވާހަކަ ތަކެކެވެ. އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅޭލެއްވެސް އަވަހެވެ. ނަމަވެސް ފާޅުގައާއި ފޮރުވި ތިބެގެން އިސްލާމް ދީނުގެ ކަންކަމާ ފުށުއަރާ ވާހަކަތައް ދައްކާ މީހުންނަށް ގިނައީ ފިޔަވަޅު ނޭޅޭ ފަހަރެވެ.

އަނެއްކާވެސް "ލާދީނީ" މި އަޑު ގަދަވެގެން ގޮސްފައި ވަނީ އިއްޔެ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަކާ އެކުއެވެ. އެ ބިލުގައި އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި މި ބިލުގައި ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމުގައި ބުނެފައިވެއެވެ. އަދި އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމަކީ މަނާކަމެއް ކަަމަށް ބުނެފައިވެއެވެ.

ނަމަވެސް ރާއްޖޭގައި މިހާރު އޮތް އިޖްތިމާއީ މިންގަޑު ރައްކާކުރުމުގެ ގާނޫނުގައްޔާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގައި ބަޔާންކުރެވި ދިޔަ މައްސަލަތަކަށް މާ ކުރިންވެސް ވަނީ އެކަށީގެންވާ ހައްލުތަކެއް ބަޔާންކޮށްފައެވެ. އެހެންކަމުން ނަފްރަތު އުފެއްދުމުގެ ނަމުގައި އަލަށް ހުށަހެޅި ބިލުގައި ބަޔާންކޮށްފައިވާ ކަންކަމާ މެދު ގިނަ ދީނީ އިލްމުވެރިންގެ އިތުރުން ބައެއް ގާނޫނީ ވަކީލުންވެސް ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ. ދީނީ އިލްމުވެރިން މި ބިލު ސިފަކޮށްފައިވަނީ އޮޅުވާލައިގެން އިސްލާމްދީން ނިކަމެތި ކޮށްލުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައެވެ. އަދި ދީނަށް ހަޖޫ ޖަހާ މީހަކާ ދިމާލަށް އެއީ ދީނާ ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެން ނުވާނެކަމަަށް ބައެއް ގާނޫނީ ވަކީލުންވެސް ވަނީ ބުނެފައެވެ.

ދީނަށް ހަޖޫ ޖަހާ މީހުންނަށް ފިޔަވަޅު އެޅުން ލަސްވޭ!

އިސްލާމްދީނާ ދެކޮޅަށް ހަޖޫ ޖަހައި އިސްލާމްދީނާ ހިލާފު ޕްރޮޕަގެންޑާތަށް ފެތުރުމަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމަށްވާ މި ރާއްޖޭގައި މަނާކަމެކެވެ. އެފަދަ ފަރާތްތަކަށް މުޖްތަމައު އިން ފުރުސަތު ދެވިގެން ނުވާނެއެވެ. ނަމަވެސް މި ފަހުން ފެންމަތިވެގެން ދިޔަ ގިނަ މައްސަލަތަކަށް ބަލާއިރު ކަން ވެގެން ގޮސްފައިވަނީ އެގޮތަކަށް ނޫނެވެ.އޮތީ ފުރުސަތު ދެވިފައެވެ. އިސްލާމް ދީނާ ދެކޮޅަށް ފާޅުގައި ބަސް ބުނެ ދީނަށް ހަޖޫ ޖަހަމުން ދިޔަ މީހުންނަށްވެސް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެެމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ވުމުން ގާނޫނުގެ ބާރެއް ނޯވެއެވެ. އެގޮތުން އެމްޑީއެން ޖަމިއްޔާއިން ނެރުނު ރިޕޯޓުަގައި އިސްލާމްދީނާ ހިލާފު އެތައް ވާހަކަތަކެއް ދައްކާފައިވާއިރު ރާއްޖޭގެ 180 އަށް ވުރެ ގިނަ ކައުންސިލުންނާއި ގިނަ މަދަނީ ޖަމިއްޔާތަކުންވެސް ވަނީ އެ ރިޕޯޓު އެކުލަވާލުމުގައި ހަރާކާތްތެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލިއެވެ. ނަމަވެސް އެމީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅުނުތާ އެމްޑީއެންގެ މީހުން މަގާމުތަކުން ވަކިކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި މައްސަލަވެސް މަޖިލީހުން ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ. ގިނަ ބަޔަކު ސަރުކާރަށް ޕްރެޝަރުކޮށްގެން އެމްޑީއެން ޖަމިއްޔާ އުވާލުމަށް ރައީސް ސޯލިހު ނިންމެވި ފަހުންވެސް އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ އެކި މައްސަލަތަކުގައި ބަޔާންތައް ނެރެ ހަދާފައެވެ.

އެމްޑީއެން އަށް ފަހު އަނެއްކާވެސް އުތެމަ ކިޔާ ޖަމިއްޔާއަކުން ނެރުނު ރިޕޯޓުގައި ވަނީ ދިވެހިރާއްޖޭގައި ޒިނޭ ކުރުން ހުއްދަ ކުރަން ގޮވާލައި، ދިވެހިރާއްޖޭގައި އިސްލާމީ ފަސްގަނޑުގައި އެއްވެސް ހުރަހެއް ނެތި އާންމު ތަންތާނގައި މާތް ﷲ އަށް ޝިރުކު ކުރުމުގެ ހުއްދަ އެހެން ދީންތަކުގެ މީހުންނަށް ހޯދައިދިނުމަށްވެސް ގޮވާލާފައެވެ. މި ޖަމިއްޔާއަށްވެސް ފަންޑުކޮށްފައިވަނީ ހަމަ އެމްޑީއެން އަށް ފަންޑުކުރި ޖަމާއަތުންނެވެ. ނަަމަވެސް އުތެމަ ޖަމިއްޔާއާ މެދުވެސް ސަރުކާރުން ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ޖަމިއްޔާތަކަށް ބަލައިލުމަށްފަހު ވަކިވަކި ފަރުދުންނަށް ބަލައިލާނަމެވެ. ދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަމުންދިޔަ އުފާ މުހުތާރު ވެސް ރާއްޖެއިން ފުރައިގެން ބޭރަށް ދިޔައީ އޭނާގެ މައްސަަލަ އިސްލާމިކް މިނިސްޓްރީން ބަލަމުންދާކަމަށް ބުނެފައި އޮއްވައެވެ. އަދި ރާއްޖެ ސެކިއުލާ ގައުމަކަށް ވުން ދެން ނުހުއްޓުވޭނެ ކަމަށް ބުނެ މާތްﷲ އަށް ހަޖޫ ޖަހަމުން ދިޔަ މުޒައްފަރު މުހައްމަދު ނައީމް (މުޖޫ ނައީމް) އާ ދޭތެރޭވެސް އެއްވެސް ފިޔަވަޅެއް ސަރުކާރަށް ނޭޅުނެވެ. އޭނާވެސް ބޭރުގެ ގައުމެއްގައި ހުރީ ހިމާޔަތުގައެވެ. ވެލިޒިނީއާ ދޭތެރޭވެސް ފިޔަވަޅެއް ނޭޅުނެެވެ. ދީނަށް ފުރައްސާރަކޮށް ހަޖޫޖަހަމުންދާ މިފަދަ ކިތަންމެ މީހެއްގެ ލިސްޓެއް ކިއިދާނެއެވެ. 

ނަމަވެސް ހަރުކަށި ފިކުރުގެ މީހުންނަށް ފިޔަވަޅު އަޅާހާ އަަވަސް ސްޕީޑުގައި މި "މަޑުކަށި" ފިކުރުގެ މީހުނަށް ފިޔަވަޅު އެޅޭ ބާވައެވެ؟އެތަނެއް ނުފެނެއެވެ. އެހެންކަމުން ރާއްޖޭގައި އިސްލާމްދީން ބަލިކަށިވެގެން ދެއެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް: އަސްލު މަގުސަދަކީ ކޮބާ؟

ސައްތައިން ސަައްތަ މުސްލިމުން އުޅޭ ފަސްގަނޑެއްގައި ތިބެ އިސްލާމްދީނަށް ހަޖޫ ޖެހުމަށްފަހު ކޮންމެ މީހަކުވެސް ނުވަތަ ބަޔަކުވެސް ފުރައިގެން ދަނީ ރާއްޖެއިން ބޭރަށެވެ. އެހެން އެކަން ވަނީ އަކަމަށް ފުރުސަތުވެސް ދެވޭތީއެެވެ. މިހާރުވެސް އިސްލާމްދީނަށް ފުރައްސާރަކުރުން ރާއްޖޭގައި އިންތިހާއަށް ގޮސްފައިވާއިރު އަނެއްކާވެސް އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް ބާރު ލިބޭ ފަދަ ގޮތަކަށް ބިލެއް ފާސްކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ.

މިއީ އިސްލާމްދީނަށް ހަޖޫ ޖަހާ މީހުންނަށް ގާނޫނީ ބާރު ދިނުމަށް ހެދޭ ބިލަކަށް ނުވެދާނެބާއެވެ. އެމީހުން ގާނޫނުގެ ދަށުން ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތަކަށް ނުވެދާނެބާއެވެ. ނޫނީ ދީނަށް ފުރައްސާރަކުރުމަށްފަހު ފިލައިގެން ތިބި މީހުންނަށް މިނިވަންކަން ދީ އެފަދަ ފަރާތްތައް އަނެއްކާވެސް އަނބުރާ މުޖްތަމައުއަށް އަންނަން ލިބޭ "ޓިކެޓަކަށް" ނުވެދާނެބާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް