ads
މިޝްކާ
ލޯބި ލޯބި 4 އަހަރުގެ މިޝްކާއަށް އެހީވެދީ
މަރިޔަމް މިޝްކާ މިސްބާހް ދުނިޔެއަށް އުފަންވީވެސް މަންމަގެ ބަނޑަށް 6 މަހާއި 15 ދުވަހުއެވެ. ދުވަސްނުުފުރާ ވިހޭ މިޝްކާގެ އުމުރުން މިހާރު 4 އަހަރު ފުރިފައިވީނަމަވެސް އަދިވެސް ހުންނަނީ ވަރަށް ކުޑަކޮށެވެ.

މިޝްކާގެ މަންމަ އެ ކުޑަކުޑަ ލޯބިލޯބި މިޝްކާގެ ހަޔާތުގެ ދުވަސްތައް ހޭދަކުރަމުންދާ ހިތްދަތި ހާލު ސީއެންއެމްއާއި ހިއްސާކުރީ އަމިއްލަ ދެލޯފަދައިން ލޯބިވާ ދަރިއަކު އުޅޭ ހިތްދަތި ހާލަތު ބަލަން ކެތްނުވާ މައެއްގެ ހިތުގައި އަޅާ ވޭނީ، ހިތްދަތި އަސަރުތަކާއިއެކުއެވެ. 

މިޝްކާގެ މަންމަ ބުނީ މިޝްކާ އަބަދުވެސް އުޅެނީ ވަރަށް މަޑުމަޑުން ކަމަށާއި، ހިނގަން ފެށީވެސް އަދި ވާހަކަދައްކަން ފެށީވެސް ވަރަށް ލަހުން ކަމަށެވެ.

"ސްކޫލްއަށް ގޮސްފަވެސް ވަރަށް މަޑުމަޑުން އިންނާނީ. ވާހަކައެއްވެސް ނުދައްކާ، ޓީޗަރުންނަށްވެސް އެކަން ފާހަގަވެގެން ޕޭރެންޓު މީޓިންއަށްވެސް ގެންގޮސްފަވެސް އެވާހަކަ ދައްކާ. މިޝްކާ ކީއްވެހޭ ވާހަކަނުދައްކަނީ؟ އަނެއްކާ ނަފްސާނީ ބަޔެއް އުޅެނީ ހެއްޔޭ؟" -މިޝްކާގެ މަންމަ-

މިޝްކާގެ ހަރަކާތްތަކާއި އުޅުން އެހެން ކުދިންނާއި ތަފާތުކަން ފާހަގަކުރެވި ޑޮކްޓަރަށްވެސް އެތަށް ފަހަރަކު ދައްކާފައިވެއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ޑޮކްޓަރުން ބުނަނީ މިޝްކާ ނޯމަލް ކަމަށާއި އެއްވެސް މައްސަލައެއްވެސް ނެތް ކަމަށެވެ. 

އެހެން ދުވަސްތައް ގުނަމުންދަނިކޮށް މިއަހަރުގެ ފެބްރުއަރީ މަހު މިޝްކާ ވަރަށް ގަދައަށް ހުން އާކަމަށް މިޝްކާގެ މަންމަ ބުނެއެވެ. އެފަހަރު ހުންގަދަވެގެންގޮސް ފިޓުޖެހިގެން އަނެއްކާވެސް ޑޮކްޓަރަށް ދެއްކުމުން އެފަހަރުވެސް ޑޮކްޓަރު ވިދާޅުވީ މިޝްކާގެ އެއްވެސް މައްސަލެއް ނެތްކަމަށް ކަމަށާއި، ފިޓު ޖެހުނީ ހުންގަދަވުމުން ކަމަށް ބެލެވޭ ކަމަށެވެ. މިޝްކާގެ މަންމަ ބުނީ އެހެންނަމަވެސް އޭގެ ފަހުން މިޝްކާގެ އުޅުމަށް އިތުރު ބޮޑެތި ބަދަލުތަކެއް އަންނަން ފެށި ކަމަށެވެ. 

"އެކަނިވެ އުޅުމާ، ކުޅުމަށް ބަދަލު އައުން، ކެޔުމަށް ބަދަލުއައުން، މިހެން ގޮސް ވަރަށް ގިނަ ބަދަލުތައް އޭގެ ފަހުން އަންނަން ފެށި، އެކަނި ހުރުމާ، ވާހަކަ ނުދެއްކުމާ، މީހުންނާ ދުރުގަ އުޅުމާ، ގޭގަ އުޅޭ އެހެން ކުދިންނާއިވެސް ނުގުޅޭ، ދެން ހުންނަނީ އެކަނި އަބަދު" -މިޝްކާގެ މަންމަ-

މިޝްކާގެ މަންމަ ކިޔާދިން ގޮތުން ޕުއްޕުލާއިރުވެސް 5 ނުވަތަ 10 ދުވަސް ވަންދެންވެސް އެއްގޮތަކަށް ވެސް ޕުއްޕުނުލާ ހުންނަކަމަށާއި، އަދި ޕުއްޕު ލެވުނަސް ތަދުވާތީ ނުހިގިދާނެ ކަމަށެވެ. މިޝްކާގެ އުޅުމަށާއި، ދިރިއުޅުމުގެ ގިނަ ކަންތައްތަކަކަށް ބަދަަލު އަންނަމުންދިޔައިރުވެސް ކޮންމެ ފަހަރަކު ޑޮކްޓަރު ކުއްޖާ ނޯމަލް ކަމަށާއި، އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ބުނާތީ އެކަންކަމަށް ފަރުވާކުރެވޭނެ ގޮތެއް އަދި އޮތް ހައްލަކީ ކޮބާ ކަމެއްވެސް ނުވަތަ ހަދަންވީ ގޮތެއްވެސް މިޝްކާގެ މަންމައަަކަށް ނޭގެއެވެ.  

އެހެންނަމަވެސް 24 ގަޑި އިރު މިޝްކާ ކައިރި ހޭދަ ކުރާއިރު މިޝްކާ އަށް އަންނަ ބަދަލާ ވާ ގޮތް ފެނި އެ މަންމަގެ ހިތަށް ދަރިފުޅު އުޅޭ ހާލު ބަލާކަށް ކެތެއް ނުވެއެވެ. ހަދާނެގޮތެއް ނޭގިފައި ހުއްޓާ މިޝްކާ ނަފްސާނީ ބައްޔަށް ފަރުވާ ކުރާ ޑޮކްޓަރަކަށް ދައްކަން ލަފާ ދިނީ ރަށު ބައެއް މީހުންނެވެ. 

"މީހުން ބުނަނީ މިޝްކާ ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދައްކާށޭ. ބުނާތީ މިމަހުގެ ހަވަނަ ދުވަހު އަޅުގަނޑު ޑޮކްޓަރަށް ދެއްކީ ދެއްކީމަ ޑޮކްޓަރަށް ދެއްކީމަ ބުނަނީ ކިހިނެތްހޭ މިކުއްޖާ އުޅެނީ. ދެން އަޅުގަނޑު ކިޔާ ދިނީމަ ޑޮކްޓަރު ބުނީ އޯޓިޒަމް ކަމަށް ލަފާކުރެވެއޭ. މިކޮޅުން ޑޮކްޓަރު ބޭނުންވާ ޓެސްޓުތަކެއް ނުހެއްދޭ" -މިޝްކާގެ މަންމަ-

އައްޑޫ ސިޓީއަށް ނިސްބަތްވާ މިޝްކާއަކީ އޯޓިޒަމް ކުއްޖެއްތޯ ޔަގީންކުރުމަށް ޑޮކްޓަރު ހައްދަން ބޭނުންވާ އެމްއާރްއައި އެތަނުން ހެއްދެން ނެތީކީ ނޫނެވެ. އެހެންނަމަވެސް މިޝްކާ ހުންނަލެއް ކުޑަވުުމުން އެމްއާރްއައި ހައްދަން ޖެހެނީ މިޝްކާ ނިންދަވާފަ ބާއްވާފައެވެ. ކުޑަކުއްޖަކު ނިންދަވާފަ ހެއްދޭނެހާ ވަސީލަތްތައް ހޮސްޕިޓަލުގައި ހުންނަންޖެހޭތީ އެ ވަސީލަތްތައް މިވަގުތު ހޮސްޕިޓަލުގައި ނެތުމުން ހޮސްޕިޓަލުން އެ ރިސްކު ނަގާކަށް ބޭނުމެއް ނުވެއެވެ. ދެން އޮތް ގޮތަކީ މާލެ އައުމެވެ. އެހެންނަމަވެސް މާލެ އައިސް ހުރުމާއި ކެއުމާއި ހޮސްޕިޓަލް ހަރަދުތަކަށް ބަލާއިރު މިޝްކާގެ މަންމަގެ އެ ތަނަސްކަމެއް ނެތެވެ. 

"އެއީ ކުޑަކުޑަ ކުއްޖަަކަށްވީމަ ބުނީ ނިންދަވާފައޯ ހެއްދޭނީ، ނިންދަވާފަ ހައްދަންޏާމު އެވަރަށް ވަސީލަތްތައް ހިދުމަތެއް ނެތީމަ ތިމަންނަ މެންއަކަށް ނުކެރޭނެއޯ އެވަރު ހައިރިސްކެއް ނަގާކަށް. ދެން ކޮންމެ ގޮތެއްވިޔަސް މާލެދާން އެމީހުން އަންގަނީ، މާލެދާން ބަލާއިރު އަދި އެވަރުގެ ތަނަވަސްކަމެއް ނެތީމަ މާލީ ހާލަތު ހުރިގޮތުން އަސްލު އެހީއަކަށް ބޭނުންވަނީ، މިއީ ދުވަހަކުވެސް ކުރިކަމެއް ނޫން، ކުރަން ބޭނުންވާ ކަމެއްވެސް ނޫން އެކަމަކު މަޖުބޫރުވީމަ" މިޝްކާގެ މަންމަ އަސަރާއިއެކު ކިޔާދިނެވެ.

މިޝްކާގެ އުޅޭ ހާލު ބަލަން މިޝްކާގެ މަންމައަކަށް ކެތެއް ނުވެއެވެ. ދަރިފުޅުގެ ހާލުފެނި މިޝްކާއަށް ވަނީ ކީއްކަން ދެނަގަނެ ދަރިފުޅަށް ފުރިހަމަ އަވަސް ފަރުވާއެެއް ހޯދަދިނުމަށް މިޝްކާގެ މަަންމަ ބޭނުންވެއެވެ. އެހެންކަމުން އެންމެ ހަތަރު އަހަރުގެ ލޯބި ލޯބި މައުސޫމު މަރިޔަމް މިޝްކާ މިސްބާހްގެ މަންމަ އެދެނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީއަކަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

އައިމިނަތު ނިޒާމާ (ވައިބާ): 7677008 960+

ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު: 7702471617101

މިޝްކާގެ މަންމަ އެދެނީ ފައިސާގެ ގޮތުން އެހީވެދެވެން ނެތްނަމަވެސް، މިޝްކާއަށް ހެޔޮ ދުޣާ ކޮށްދިނުމެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

19%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް