ads
ރަދީފް
ދިވެހި ބަހަކީ ދުވަސްވީ އަދި މުއްސަނދި ބަހެކެވެ.
ޅެންވެރިޔާ ފާހަގަކުރައްވާފައިވަނީ ދިވެހި ބަހުން "ސެންސިކިރްތާ ޕާލި އާ ސިންހަޅަ ތަމަޅަ ފެނެޔޭ ނިކަން، ފެންނަހެން އަރަބީގެ ބަސްތައް، ފާރިސީ އާ ޕޮސްތު ވާ؛ ހަމަ އެފަދައިން ހުރެދެޔޭ ޔޫރަޕްގެ ބަސްތައްވެސް ލިބޭން"، އަދި މި ހަޤީގަތް ބަލާހޯދައިފި ކަތަކަށް ހަމަ ބުއްދިވާނެކަން ވެސް ފާހަގަކުރައްވައެވެ. ދިވެހި ބަހަކީ ދިވެހި ރާއްޖޭގައި އޮތް އެންމެ މުހިންމު އަދި އަގުހުރި އެއް ގައުމީ ތަރިކައެވެ.
Advertisement

މި ތަރިކައަކީ ދިވެހީން އެ އުފައްދާ، ބަދަލުކޮށް، އަގުކޮށް، މުއްސަނދިކޮށް، އަގު ނުކޮށް، ނިކަމެތިކޮށް، އެކި ޒަމާނުގައި އެކި ގޮތަށް ދިވެހިބަސް ލިޔެ ކިއުމުގައި އަދި ބޭނުންކުރުމާ ނުކުރުމުގައި ތަފާތު ގޮތްގޮތައް މާނަކޮށް، ދޭހަކޮށް، ހަދަމުންދާ، އޭގެ ޒާތުގައި "ދިރިހުރި" އެއްޗެކެވެ. މާނައީ ދިވެހިންގެ މި ތަރިކަ އަކީ ދިވެހިން އެއަށް ހަދާނެގޮތެއް ހެދުމުގެ ހާލަތެއްގައި އޮތް ދިރިހުރި އިންސާނީ ބަސް ކޮށާރެކެވެ. ދިވެހި ބަހަށް ދިވެހިން ބޭނުންހާ ގޮތެއް ހެދިދާނެކަމީ ޝައްކެއްނެތް ކަމެކެވެ. ސަބަބަކީ މިއީ މުޅި މުޖުތަމައު އޭގެ ބޭނުން އެކިގޮތަށް ހިފާ ބަދަލުކުރާ އެއްޗަކަށް ވާތީއެވެ. ތާރީހު ދައްކާގޮތުގައި ދިވެހި ބަހަކީ ޒަމާނުއްސުރެ ދިވެހިން ބޭނުންވާ ގޮތްތަކަށް ބަދަލުކުރަމުންދާ ބަހެކެވެ. އަދި ޒަމާންތަކާއެކު ބަދަލުވަމުން ދިއުމަކީ ބަޔަކު މީހުން އޭގެ ބޭނުން ހިފަމުންދާ، ދިރިދިރި ހުރި ބަސްކޮށާރެއްގެ އަސާސީ ސިފައެކެވެ. ނަމަވެސް ބަދަލަކީ ނިޔަތަކާ އެކު ގެންނަ އެއްޗެއް ކަމުން، ވާބަދަލަކީ ހެޔޮ ބަދަލެއްތޯ ނޫންތޯ، ބަހަށް ލިބެނީ މުއްސަނދިކަންތޯ ނޫންތޯ މިނެކިރާނީ މުސްތަގުބަލުގެ ތާރީހެވެ.

މިފަދަ މައުލޫއަކާ ބެހޭ ގޮތުން ލިޔަންފަށާއިރު އެންމެ ފުރަތަމަވެސް ބުނަން ޖެހެނީ އަހަރެންނަކީ ދިވެހިބަހުގެ މާހިރެއް، އަދީބެއް، ޝާއިރެއް އަދި މިފަދަ އެއްވެސް އެއްޗެއް ނޫންކަމެވެ. އަހުރެންނަކީ ދިވެހިބަސް ކުޑައިރުއްސުރެ އިވި، ފެނި، ދަސްވެ، ދަނެ ބޭނުންކޮށް، އެބަހުން މުއާމަލާތުކުރާ، އެބަސް ދެނެގަތުމަށް ޝައުގެއްހުރި ދިވެއްސަކީމެވެ. މި ހިޔާލުތައް ފާޅުކުރަނީ އެ ހައިސިއްޔަތުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަސް ދިރާސާކުރާ މީހުނަށް އެނގިގެން 7139 ދިރިހުރި ތަފާތު ބަސް ނުވަތަ ބަހުރުވަ އޮތްކަމަށްވެ އެވެ. ނަމަވެސް މިހާތަނަށް ހޯދިފައިނުވާ ބަސް ހުރުން އެކަށީގެންވާތީ މިއަށްވުރެ ގިނަވާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން ދުނިޔޭގައި އިންސާނުންގެ ދިރިއުޅުމާ، އުޅޭތަނާ، އުޅޭގޮތާ، ދިރިއުޅުމުގައި ކުރާ ކަންކަމާ ގުޅިފައިވާ އެތައްހާސް ބަސްތަކެއްގެ ތެރެއިން ދިވެހި ބަހަކީ ޅެންވެރިޔާ ބަޔާންކުރައްވާ ފަދައިން އެކި ތަފާތު ބަސްބަހުގެ ކިބައިންނާ އެކި ތަފާތު ކަރަކަރައިގެ މީހުންގެ ފަރާތުން މުއްސަނދިކަން ލިބިފައިވާ އަދި ލިބެމުންދާ އެއް ބަހެވެ. އަހުރެންނަށް ވިސްނޭގޮތުގައި ބަހުގެ މުއްސަނދިކަން އަންނަނީ ގިނަބަޔަކު އޭގެ ބޭނުންކޮށް، ލަފްޒުތައް އިތުރުވެ އަދި އެއިން ދޭހަކުރަން ބޭނުންވާ މާނަތައް ފުރިހަމަވެ ކުރިއަރާ ދިއުމުންނެވެ. އެހެންނަމަވެސް އެއްވެސް ބަހެއްގެ ހުރިހާ ލަފްޒަކީ އެއްގޮތަކަށް ކޮންމެ މީހަކަށްވެސް ދޭހަވާ އެއްޗަކަށް ނުވާނެކަން ކަށަވަރެވެ. އަދި އެ ސަބަބަށްޓަކައި ބަހުގެ ރަދީފަކީ ބަހުގެ އަސްލާ މާނަ ހޯދުމަށް ބޭނުންކުރާ ވަސީލަތެކެވެ. މީގެ އިތުރުން ރަދީފެއްގައި ބަހެއްގެ މާނަ އަސްލާ އެއްގޮތަށް އޮތަސް، އާންމުންގެ ތެރޭގައި ބަސް ބޭނުންކުރުމުގައި އެއާ ނުބައްދަލު ވެދާނެއެވެ.

މިފަހަކަށް އައިސް، ދިވެހި މުޖުތަމައުގައި ޒަމާނާއެކުގައި އުފައްދައިގެންއުޅޭ ބައެއް ލަފްޒުތައް ތަރުތީބުކޮށް ބޭނުންކުރާގޮތާ ދޭތެރޭ ހޫނު ބަހުސްތަކެއް ހިނގަމުންދާތީ އެކަމަށް ފިކުރު ހިންގެއެވެ. އެންމެ މައްސަލަބޮޑު އެއް ލަފްޒަކަށް ވެފައިވަނީ "ލާދީނީ" މި ލަފްޒެވެ. މީ ކޮންއިރަކު، ކާކު، ކޮން ނިޔަތެއްގައި، ކޮން މަގްސަދެއް ހާސިލްކުރަން ވުޖޫދުކުރި ބަހެއް ކަމެއް އެނގިފައި ނުވިނަމަވެސް، ކޮންމެ ލަފްޒެއްގެ ވެސް މަސްދަރެއްވާނެ އެވެ. އެނގޭ އެއްޗަކީ ދިވެހި ބަހުގެ ރަދީފެއްގައި މި ލަފްޒު ފެންނަން ނެތްކަމެވެ. ނަމަވެސް މި ލަފްޒު އަޑުނާހާ އަދި އެއިން މާނަދޭހަ ނުކުރާ ދިވެއްސެއް ހުރުން ނާދިރެވެ. މި ލަފްޒު މާނަކުރުމުގައި ހިޔާލު ތަފާތު ވެގެން ބައެއް ފަރާތްތައް އުޅޭކަން ފާހަގަކުރެވޭއިރު، މިއީ ރާއްޖޭގެ އަދުގެ ހަލަބޮލި ސިޔާސީ މާހައުލާ ގުޅިފައިވާ ލަފްޒެއްކަން ވެސް ފާހަގަކުރެވެ އެވެ.

ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު، "ލާދީނީ" މި ލަފްޒާ ބެހޭގޮތުން ފާހަގަކުރެވޭ އެންމެ މުހިންމު އެއް ނުކުތާއަކީ، މި ލަފްޒު ބޭނުން ކުރުމުގައި ބަސް ރައްދުވާ ފަރާތަށް ރައްދުކުރަނީ، ބޮޑު ތުހުމަތެއް ކަމެވެ. އެނގިފައިވާ ގޮތުގައި "ލާ" އަކީ އަރަބި ބަހެކެވެ. މާނައަކީ "ނޫން" މިއެވެ. ދިވެހި ބަހަށް "ދީން" އައިސްފައިވަނީ ވެސް އަރަބި ބަހުން ކަމަށް ބެލެވެ އެވެ. އެހެންކަމުން "ލާ" އަކީ ޒަމާނީ ތައާރަފަކަށްވީ ނަމަވެސް "ދީނީ" އަކީ ދިވެހިން ދިވެހިބަހެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލައިގެންފައިވާ ބަހެކެވެ.  "ނޫން ދީނީ" އޭގެ ލަފްޒީމާނައިގާ ބުނާއިރު ދިވެއްސެއްގެ ވިސްނުމުގައި މާބޮޑު މާނައެއް ދޭހަ ނުވެދާނެއެވެ. ނަމަވެސް "ލާދީނީ" މި ލަފްޒަކީ ދިވެހީންގެ ތެރޭގައި މި ފަހަކަށް އައިސް ބިރުވެރިކަމާ ނުތަނަވަސްކަން އުފައްދާ ބަހެއްކަމާ ދޭތެރޭ ޝައްކެއްނެތެވެ. މައިގަނޑު ސަބަބަކީ މި ބަސްބޭނުން ކުރުމުގެ ފަހަތުގައި އޮވެދާނެ ނިޔަތާދޭތެރޭ އޮންނަ ކަންބޮޑުވުމެއް ކަމަށްވެސް ބެލެވެއެވެ. ކުރިން ފާހަގަކުރިހެން، ބަހެއް ބޭނުންކުރުމަކީ އުސޫލެއްގެ ގޮތުން ނިޔަތަކާއެކު ކުރާ ކަމެކެވެ. އޭގައި ހެވާ ނުބައި ނިޔަތް ހިމެނެ އެވެ. އަދި އޭގެ ސަބަބުން ހެވާ ނުބައި ނަތީޖާ ވެސް ނިކުމެ އެވެ. ބަހަކީ އޭގެ ޒާތުގައި ވަރުގަދަ އެއްޗަކަށް ވީނަމަވެސް، ބަހުގެ ބޭނުންކުރާ މީހުން އެއްވެސް ލަފްޒަކަށް ނުދޭ ބުރަދަނެއް އެއަކު ނޯންނާނެ އެވެ.

"ނޫން ދީނީ" "ލާ ދީނީ" އަށްވެ ފިކުރީގޮތުން ދެކޮޅުވެރި ސިޔާސީ މާހައުލެއްގައި ފުޅާދާއިރާ އެއްގައި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް އޮއްގާ ފަދައިން ފަސޭހަކަމާއެކު އުކަމުންގޮސް އަދު ވަނީ ނަފްރަތުގެ ބަހުރުވައަށް މި ލަފްޒު ބަދަލުވެ ނިމިފަ އެވެ. މި ބަހަކީ ބަސް ރައްދުވާ ފަރާތް މުޅި މުޖުތަމައުއިން "ތަފާތު" ކޮށް، ތުހުމަތުކޮށް، ލޭބަލްކޮށް، ބޭރުކޮށް، އެކަހެރިކޮށް ދަށްކުރުމުގެ ރޫހެއްގައި ދެވޭ ހަމަލާއަކަށް ވަނީ ވެފައެވެ. ދެން ބަލާލަން ޖެހެނީ "ނަފްރަތުގެ ބަހުރުވަ" އަކީ ކޮބައިކަމެވެ. މިއީ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައިވެސް އިންސާނުންގެ ދެމެދުގައި ދެބަސްވެ ދެކޮޅުވެރިކަން އުފެދި، ފެތުރިގެން ދިއުމުގައި ޒަމާނުއްސުރެ ގެންގުޅޭ މުއާމަލާތީ ސިފައެކެވެ. އިންސާނީ މުޖުތަމައު ތަކުގައި ހިނގާ ބޮޑެތި ހަމަނުޖެހުންތަކުގެ މުގުލުގައި ނަފްރަތުގެ ބަހުރުވައިގެ ސިފަ ފެންނަން އޮވެއެވެ. ނަފްރަތުގެ ބަހުރުވަ (ނުވަތަ އިނގިރޭސިބަހުން "ހޭޓް ސްޕީޗް") އދ. ގެ ފަރާތުން މާނަކޮށްފައިވާ ގޮތަކީ:

"ނަފްރަތުގެ ބަހުރުވައަކީ، ދުލުންނާ، ލިޔުމުންނާ އަދި އަމަލުން އެހެން މީހަކާ ނުވަތަ ބަޔަކާ ދެކޮޅަށް، އެއީ އެމީހަކު ނުވަތަ އެ ބަޔަކު ކަމަށްވާތީ، އެހެންގޮތަކަށް ބުނާނަމަ ދީނީ ގޮތުން، ނަސްލީގޮތުން، ނިސްބަތްވާ ގައުމެއްގެ ގޮތުން އަދި ކުލަ، ނަސަބު، މިންތި ނުވަތަ އެހެނިހެން އަމިއްލަވަންތަ ޒާތީސިފައަކާ ދެކޮޅަށް އެކަންކަމުގެ މައްޗަށް ބިނާކޮށް ދޭ ހަމަލާއެއްގެ ގޮތުގައި އަދި ތަފާތުކުރުމުގެ ގޮތުން އެފަރާތްތަކަށް ބޭއިހުތިރާމުކޮށް ދަށްކޮށްލުމަށްޓަކައި ކުރާ އެއްވެސް ބާވަތެއްގެ މުއާމަލާތެވެ."

ވިސްނާލަން ޖެހޭ ކަމަކީ ނަފްރަތުގެ ބަހުރުވައަކީ އެ އުފަންކުރުމާ ބޭނުންކުރުމުގެ ނިޔަތުގައި ހެވެއްނެތް އެއްޗެއްކަމެވެ. އަދި މިފަދަ ބަހުރުވަ މީހުންގެ މެދުގައި ހިނގާ ހިޔާލު ތަފާތުވުންތަކުގެ މެދަށް ޖަހާ ކަޑައަކަށް ހަދާ، ތަރުޖަމާކުރެވި، މާނަދެވި، ހިތްތަކުގައި ބިންވަޅުނެގި، މީހުންގެ ނަފްސާ، ހައްޓާ، އިންސާނީ ކަރާމާތަށް އޮތް ނުރައްކަލަކަށް ވިޔަދީގެން ދިއުމަކީ ދުނިޔޭގެ ތާރީހުގައި ހިތި ތަޖުރިބާތަކެއް ފެންނަން އޮތް ކަމެކެވެ. 

ރާއްޖެއަށް މިފަދަ ބަހުރުވައިގެ ރޯޅިގަނޑެއް އައުމުގެ ސަބަބުން، އޭގެ ހިތި ނަތީޖާ މުޅި މުޖުތަމައު ދަނީ ތަހައްމަލު ކުރަމުންނެވެ. ނަމަވެސް އަދު ކުރަންޖެހިފައިވާ ސުވާލަކީ، ނަފްރަތުގެ ބަހުރުވަ އަކީ ނަފްރަތުގެ ބަހުރުވަކަން އަދި އެއީ ކިހާވަރެއްގެ ސުންޕާކަމެއް އޭގައި އެކުލެވޭ، ކޮންފަދަ ނަތީޖާއެއް އޭގެ ސަބަބުން ނިކުންނަމުންދާ އެއްޗެއްކަން މުޖުތަމައުގައި ވަޒަންކުރަން ދަތިވެގެން އުޅެނީ ކީއްވެ ބާއެވެ؟

ސުލްހަވެރިކަމާ އަމާންކަމަށް ލޯބިކުރާ ބައެއްގެ މެދުގައި ނަފްރަތުގެ ބަހުރުވަ ފުޅާވެ ފައްކާވެ ބިންވަޅު ނެގުމަށް ޖާގައެއް ނުދޭނެއެވެ. އިޖުތިމާއީ ހަމަޖެހުމާ ސުލްހަމަސަލަސްކަމާ އަމާންކަމާ، އިންސާނިއްޔަތުކަމަށް އިސްކަންދޭ ބައެއްގެ ތެރޭގައި ނަފްރަތުގެ ބަހުރުވައަށް ޖާގައެއް ނުދޭނެ އެވެ. މުއްސަނދި ދިވެހި ބަހަކީ މުޅި ދުނިޔޭގެ އިންސާނީ ބަސްކޮށާރުތަކެއްގެ ތަފާތު މަސްދަރުތަކުން މަސްހުނިވެގެން އުފެދި އާލާވެ ފައްކާވެ އަދާހިސާބައް ދިރިހުރި ދިވެހިންގެ ގައުމީ ތަރިކައެކެވެ.

މި ބަހުގެ ސަލާމަތްކަމާ، ސަލާމަތްތެރިކަމާ، ސާފުކަމާ، ތާހިރުކަމާ، ސާދާކަން ހިމާޔަތްކުރެވޭނީ ބަހުގެ އަހުލުވެރިންނަށެވެ. ދިވެހިބަސް ހެޔޮ ނިޔަތުގައި ބޭނުންކޮށް، މި ބަހުގެ ޒަރިއްޔާއިން ހެޔޮގޮތުގައި މުއާމަލާތުކޮށް، ބަހުގެތިޔާގި ކަމުން އިޖްތިމާއީ ދުޅަހެޔޮކަން ހޯދާ، މީހުންގެ ތެރޭގައި ހަމަޖެހުމާ ސުލްހަ އުފައްދާ، އޭގެ ހެޔޮ ނަތީޖާ ގެ މަންފާ ލިބިގަތުމަށް މަސައްކަތް ކުރާނީވެސް ބަހުގެ އަހުލުވެރިންނެވެ. ނަފްރަތުގެ ބަހުރުވައަށް ޖާގަ ނުދިނުމަކީ މިއަދު ކޮންމެ ދިވެއްސެއްވެސް އަމިއްލައަށް އަމަލީގޮތުން އިހުތިޔާރުކޮށް، ހިޔާރުކުރަންޖެހޭ މަގެކެވެ.

އެޑިޓަރުގެ ނޯޓް:

ހުމައިދާ އަބްދުލްޢަފޫރު އަކީ އިންސާނީ ޙައްޤުތަކާ އިޖްތިމާއީ ދާއިރާގެ އެކި މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތްކުރާ ރިސާޗަރެކެވެ. އޭނާއަކީ މަދަނީ ޖަމްޢިއްޔާތަކާއެކު އެކި މަސައްކަތްކުރާ ފަރާތެކެވެ. އޭނާވަނީ އިނގިރޭސިވަލާތުން ރޭސް އެންޑް އެތްނިކް ސްޓަޑީސް އާއި ސޯޝިއޮލޮޖީ އިން ފުރަތަމަ ޑިގްރީ ހާސިލްކޮށް ޔުނިވަރސިޓީއޮފް މެންޗެސްޓަރ އިން ގަވަންމަންޓް (އިންޓަނޭޝަނަލް ރިލޭޝަންސް) ގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް