ads
ރައްޔިތުންގެ މަޖިލިސް
ސިއްރުކުރާ ކޮމެޓީތައް ދެން ބާއްވާނީ މަޖިލީހުގެ އިދާރާގައި: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ ތެރެއިން ސިއްރުކުރަން ނިންމާކޮމެޓީތައް ދެން ކުރިއަށް ގެންދާނީ މަޖިލީހުގެ އިދާރާގައި ކަމަށް މަޖިލީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ބޭރުކޮށްލި މައްސަލަ އާ ގުޅިގެން، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެމެ އެ މައްސަލަ ބޭރުކޮށްލެއްވުމުގައި ރައީސް ސޯލިހުގެ ޅިޔަނެއް ކަމަށްވާ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ)ގެ އަތެއް ވާކަމަށް ބުނެ އެމްޑީޕީގެ ގިނަ މެންބަރުން އަންނަނީ ބިގޭއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މިކަމާއި ގުޅިގެން އެކަން ހިނގާފައިވާގޮތް ސާފުކޮށްދިނުމަށް މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށްވާއިރު، އެ ބައްދަލުވުމުގައި ނެގުނު ސްކްރީން ޝޮޓެއް ލީކުވެ، އާއްމުންގެ މެދުގައި ހިޔާލުތަފާތުވެ، އެ ކޮމެޓީގެ މެންބަރުންނަށް އެކި ފަރާތްތަކުގެ އުދަގުލާއި ފުރުއްސާރަ ކުރިމަތިވަމުންދާތީ، އެފަދަ ކަމެއް ކުރިއަށް އޮތްތަނުގައި ވިޔަ ނުދިނުމަށް، ކޮމެޓީ ކުރިއަށް ގެންދާނެ ގޮތަށް ބަދަލުތަލެއް ގެނެވިފައިވާ ކަމަށެވެ. 

ކުރިން އެފަދަ ކޮމެޓީތައް ކުރިއަށްދާ ގޮތަށް ބަލާއިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން މަޖިލީހުގެ ކޮމެޓީތައް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ. އަދި ކޮމެޓީތައް ޔޫޓިއުބުގައިވެސް ވަގުތުން ދައްކަމުންދެއެވެ. ކޮމެޓީއެއް ސިއްރުކުރާނަމަ އެހިސާބުން ޔޫޓިއުބުގައި ކުރިއަށް ގެންދާ ލައިވް މެދުކަނޑާލައެވެ. ނަމަވެސް ކޮމެޓީގެ ބައްދަލުވުން އޮންލައިންކޮށް މެންބަރުންނާއިއެކު ކުރިއަށް ދެއެވެ. މިމަހުގެ ހަވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވޯޓު ނެގިގޮތުގެ ސްކްރީން ޝޮޓް ލީކުވެފައިވަނީ އޮންލައިން ބައްދަލުވުމުގެ ތެރެއިންނެވެ. އެވޯޓު ލީކުވުމާއި ގުޅިގެން ކޮމެޓީގެ މެންބަރުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ބައެއް ފަރާތްތަކަށް ދަނީ އުދަގުލާއި ފުރުއްސާރަ ކުރިމަތިވަމުންނެވެ.

އެހެންކަމުން އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އޮންލައިންކޮށް ކުރިއަށް ގެންދާ ބައްދަލުވުންތައް، ސިއްރުކުރަން ކޮމެޓީއަށް ފެނިއްޖެނަމަ އެ ކޮމެޓީއެއް މެދުކަނޑާލައި، އެ ބައްދަލުވުން މަޖިލީހުގެ އިދާރާގައި ބާއްވާގޮތަށް މިހާރު ނިންމާފައިވާކަމަށް މަޖިލީހުން ބުނެއެވެ.

މަޖިލީހުގެ އިމްތިޔާޒާއި ސްލޫކީ ކޮމެޓީން މިމަހުގެ ހަވަނަ ދުވަހު ބޭއްވި ބައްދަލުވުން ބާއްވާފައިވަނީ ސިއްރު ބައްދަލުވުމެެއްގެ ގޮތުގައެވެ. އެ ބައްދަލުވުމުގައި ޒަމީލްގެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ މައްސަލަ ބޭރުކޮށްލީ ކޮމެޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. އަދި އެ މައްސަލަ ބޭރުކޮށްލާފައިވަނީ އެ މައްސަލައާއި ގުޅޭ އިންކުއަރީއެއް 241 ކޮމެޓީން ކުރިއަށް ގެންދާތީއާއި، އެ ކޮމެޓީއަށް ހާޒިރުކުރަން ބޭނުންވާ މެންބަރުން ހާޒިރުވެސް ކުރަމުންދާތީ ކަމަށެވެ. އެހެންކަމުން ސިޔާސީ ފަރާތެއް އޭގައި ސޮއިކޮށްފަ އޮތުމުން އެއީ ކޮމެޓީއަށް ނެގޭނެ މައްސަލައެއް ކަމަށް ގަބޫލުނުކުރެވޭތީއާއި، އެމައްސަލާގައި ގާނޫނީ ބޮޑެތި ފުށުއެރުންތަކެއް އުޅޭތީ އިމްތިޔާޒް ކޮމެޓީއަށް އެކަން ބެލޭނެ ކަމަށް ނުފެންނާތީ އެ މައްސަލަ ބޭރުކޮށްލީ ކަމަށް މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް