ads
މިޝްކާ
މިޝްކާގެ މަރުގެ ޒިންމާ ނަގާނީ ކާކު؟
މި މަަހުގެ 2 ވަނަ ދުވަހު އިރު އެރީ ހިތާމަވެރި ހަބަރަކަށެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް ޖެހިގެން ކުޑަކުއްޖަކު މަރުވި ހަބަރަށެވެ. އަދި އެކުއްޖާ މަރުވީ އެންބިއުލާންސްގެ އިންތިޒާރުގައި އެތައް ގަޑިއިރެއް ފަހުން ކަމާއި އާއިލާގެ އިތުރު ބޮޑެތި ތުހުމަތުތަކާއެކުގައެވެ.
Advertisement

މިޝްކާގެ މަރާއެކު ހެލްތް މިނިސްޓްރީއަށް އިހުމާލުގެ އިނގިލި އަމާޒުވެގެން ދިއުމާއެކު އެމައްސަލަ ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވީ ހުދު ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. މިނިސްޓަރުގެ އެއްވެސް އިހުމާލެއް އޮތް ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިއަދު ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ފަހުން މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓު ނެރުނުއިރު މިޝްކާގެ މަރުގެ ޒިންމާ ނަގަން ޖެހޭ ފަރާތެއް ނެތެވެ. ގިނަ ބައެއްގެ އިހުމާލު އޮތް ކަމަށް ބުނާއިރު ފަހު ވަގުތު ގޯސްވެފައިވަނީ އެޗްޕީއޭގެ ސިސްޓަމެވެ. ކަން އޮތް ގޮތް ބަލަން ޖެހޭ ޒިންމާ ނަގަންޖެހޭ ފަރާތެއްނެތެވެ.

ހެލްތް މިނިސްޓްރީން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެޗް.އީ.އޯ.ސީއިން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއް ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ. ޑީ.އެމް.އާރް.ޓީއިން އޮންލައިން ކޮންސަލްޓޭޝަން ހެދި ޑޮކްޓަރަށް ހާލަތު ރަނގަޅަށް ދެނެނުގަނެވޭ ކަމާއި އެންބިއުލާންސް ފޮނުވާނެ ކަމަށް ބުނެ އެތައް ފަހަރެއް މަތިން ބުނި ނަމަވެސް އެންބިއުލާންސް ޓްރިގާ ނުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ. 

މީގެ އިތުރުން ކޯލް ސެންޓަރުން ޖަވާބު ދިނުމުގައި ވެސް ހާލަތުގެ ސީރިއަސް މިނަށް ބަލާފައިނުވާއިރު މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން އޮންނަ އުސޫލުން ހިއްސާކޮށްފައިނުވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. ހެލްތް މިނިސްޓްރީގެ ރިޕޯޓުގައި އިތުރަށް ބުނީ މި ފަރާތްތަކުން ޒިންމާ އަދާކުރި ނަމަ މިޝްކާގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށެވެ. އަދި މިޝްކާގެ މަރުން މިސާލު ނަގައިގެން މިކަން ކަން އިސްލާހު ކުރެވިފައިވާ ކަމަށް ވެސްވަނީ ބުނެފައެވެ. ސުވާލަކީ މިސާލު ނަގަން ޖެހެނީ މީހެއްގެ މަރުން ތޯއެވެ؟

ރިޕޯޓުގެ ދެން ޖެހިގެން އައި ފޮޅުވަތުގައި ވަނީ މިޝްކާ މަރުވީ އެޗްޕީއޭ ސިސްޓަމުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށް ބުނެފައެވެ. ކުރިން އިހުމާލުވީ ހުރިހާ ފަރާތްތަކުގެ އިހުމާލު ފޮހެވިގެންދާ ފަދަ ގޮތަކަށް، މި މައްސަލައިގައި އިހުމާލު އޮތީ ސިސްޓަމުގައި ކަމަށް ބުނެ ރިޕޯޓުގައި ބުނީ ކޭސްތައް އިތުރު ވުމުން ސިސްޓަމަށް މިފަދަ ކަންކަން މެދުވެރިވެދާނެ ކަމަށެވެ.

"މިހާދިސާ ދިމާވުމަށް މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތައްކަން ވަނީ ފާހަގަ ކުރެވިފައެވެ. މީގެ ކުރިން ކޮވިޑް ކޭސްތަކުގެ އަދަދު ހިފެހެއްޓިފައިހުރި މިންވަރުގެ ސަބަބުން މި މައްސަލަތައް ފެންމަތިވެފައެއް ނުވެއެވެ. ސިސްޓަމްގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަ ގޮތެއްގައި އާދަޔާ ޚިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރުވަނީ ދެނެގަނެވި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައެވެ." ރިޕޯޓުގައި ބުނެފައިވެއެވެ.

އެތައް ދުވަސްތަކެއް ލަސްވެގެން ދިޔަ ރިޕޯޓު އާންމުކުރިއިރު މިހާރު ގޯސް ވަނީ އެޗްޕީއޭގެ ސިސްޓަމެވެ. ހެލްތް މިނިސްޓްރީގެ އިހުމާލެއް ނެތެވެ. ކަންކަން ބަލަން ތިބޭ ބޮޑުންގެ އިހުމާލެއް ނެތެވެ. ބޮޑު މުސާރަ ނަގައިގެން ފިނި ކޮޓަރީގައި ތިބި ވެރިންގެ އިހުމާލެއް ނެތެވެ. 

ކޮވިޑް-19 އަށް އަހަރެއްވެފައިވާއިރު، އެޗްޕީއޭގެ ސިސްޓަމް ރަނގަޅަށް ތަރައްގީކޮށް، އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވުމަކީ އެޗްޕީއޭގެ ބެލެނިވެރި ހެލްތް މިނިސްޓްރީގެ ޒިންމާއެކެވެ. ކަންކަން ހިނގަނީ ރަނގަޅަށްތޯ އެފަރާތްތަކުން ބަލަން ޖެހެއެވެ. ރަނގަޅަށް ނުކުރެވި ހުރިކަންކަމަށް ޒިންމާ ނަގަން ޖެހެއެވެ. ހެދޭ ގޯސްތައް ގަބޫލުކުރަންޖެހެއެވެ.

ހެލްތް މިނިސްޓްރީއާއި އެޗްޕީއޭގެ އިހުމާލުން ނިޔާވި ތުއްތު ފުރާނައެއްގެ މަރުން މިސާލު ނަގައިގެން ކަންކަން އިސްލާހުނުކޮށް، އެންމެ ފުރަތަމަ ވެސް ކަންކަން އިސްލާހުކުރަން މަސައްކަތް ކުރިނަމަ މިއަދު އެތައް ފުރާނައެއް ސަލާމަތްވީހެވެ. ހިދުމަތް ފޯރުކޮށްދޭންތިބި ފަރާތްތަކުން ރަނގަޅަށް ހިދުމަތް ދިން ނަމަ މިޝްކާގެ ފުރާނަ ސަލާމަތްވީހޭ، ބުނާކަށް ނުޖެހުނީހެވެ. 

ތުއްތު މިޝްކާއަށް އިންސާފު ހޯދައިދޭ ވާހަކަ ދައްކާނެ އަނގައެއް ނެތްއިރު، މިއަދު މިި ފެންނަނީ ޒިންމާ ނަގަންޖެހޭ ފަރާތެއް ވެސް ނެތިގެން އުޅޭ ފަދަ ގޮތަކަށް ހެލްތް މިނިސްޓްރީގެ އަމަލުތައް ހުރިތަނެވެ. ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންސާފުގެ ވާހަކަ ނިންމާލައިފި ކަހަލައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް