މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލަ ފުރަތަމަ ހުށަހެޅީ ރައީސް އޮފީހުގެ ވިސަލް ބްލޯވާ ޕޯޓަލް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށެވެ. އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް އޮފީހަށް ގޮސް ރައީސް ޞާލިހާއި ބައްދަލު ކުރައްވާ މިނިސްޓަރު އަލީ ވަހީދުގެ ޝަކުވާ އުފުލާފައެވެ.
އެކަމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައި ވީނަމަވެސް އޭނާ އިސްތިއުފާ ނުދެއްވައެވެ. އެހެންވެ، ރައީސަށް ޖެހިވަޑައިގަތީ އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރައްވާށެވެ.
މަގާމުން ވަކިކުރި ދުވަހު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ. "ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ފަހުން ބުނެފައިވާ ގޮތުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްކޮށް، ހިންގަމުން ގެންދާ ހުރިހާ ކަމަކީ ވެސް ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށާއި ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރާކަމަށެވެ. އެހެންނަމަވެސް އޭނާ ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސްކަމުންވެސް ވަނީ ވަކިކޮށްފައެވެ.
ތަހުގީގު ފެށުމާއިއެކު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭކަމަށް ބުނެ ކޯޓުން ޕާސްޕޯޓް ދޫކޮށްލަދިނުމަށް އެދިފައިއެވެ. ކޯޓުން ޕާސްޕޯޓް ދޫކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ. އެޖާމިނުގައި ވާގޮތުން އޭނާ 4 މަސް ތެރޭ އެނބުރި އަންނަން ޖެހޭނެއެވެ. ނަމަވެސް އޭނާ އެނބުރި އައިސްފަ އެއް ނުވެއެވެ.
އެފަހުން ހަތަރު މަސް ހަމަވުމާއެކު ޖިންސީ ފުރައްސާރައިގެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަން ނިންމުމުން އޭނާ ވަނީ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން އެދިފައެވެ. 10 ޖޫންގައި ބާއްވަން ނިންމި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލްކޮށްލާފައިއެވެ. އޮންލައިންކޮށް ބާއްވައިދޭން ހުށަހެޅުމުން މިކަމާއި މެދު ހިތްހަމަ ނުޖެހުންފާޅުކޮށްފައިވެއެވެ.
އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން އަލީ ވަހީދު އެދުމުން، އަލީ ވަހީދުގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ސަމީމް ވިދާޅުވެފައިވަނީ ރާއްޖޭގެ ބާރު ނުފޯރުވޭ ތަނެއްގައި ދައުވާ ލިބޭ މީހާ ހުރެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ޖޯކެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ހާލަތުގައި ޝަރީއަތް ބާއްވާ ނަމަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. މިކަމުގައި މިސާލެއް ނަންގަވަމުން ޝަމީމް ވިދާޅުވީ، އޮންލައިން އަޑުއެހުމެއްގައި ޝަރީއަތުގެ ހުރުމަތް ކަނޑައިފި ހާލަތެއްގައި، ދައުވާ ލިބޭ މީހާ ރާއްޖޭގެ ޖުރިސްޑިކްޝަނުން ބޭރުގައި ހުރުމުން އޭނާއާ މެދު ފިޔަވަޅު އެޅޭނެ ގޮތެއް ނެތުން ހިމެނޭ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން ގާނޫނީ ވަކީލް އާދަމް އާސިފް ވިދާޅުވެފައިވަނީ އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދެވިދާނެ ކަމަށާއި، ނަމަވެސް އެމީހާ ހުންނަން ޖެހޭނީ ރާއްޖޭގެ ގާނޫނު ހިނގާ ތަނެއްގައިކަމަށެވެ. މިސާލަކަށް އެހެން ރަށެއްގެ ކޯޓެއްގައި ނުވަތަ ދިވެހި ރާއްޖޭގެ ޖަލެއްގައި ހުރެގެން ޝަރީއަތް ކުރިއަށް ގެންދެވިދާނެކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ވަރަށް ނުބައި ސަގާފަތެއް އުފެދިގެންދާނެކަމަށާއި، އެކި މައްސަލަތަކުގެ ދައުވާ ލިބިފައިވާ ފަރާތްތަކުގެ މައްޗަށް ސާބިތުވެއްޖެ ހާލުގައި އެމީހަކު ރާއްޖެ ނައިސް ފިލައިގެން އުޅުމުގެ ފުރުސަތު ލިބެގެންދާނެކަމަށެވެ.
ގަނޫނީ ވަކީލް އަލީ ޝާހް މިކަމާއި ގުޅިގެން ވިދާޅުވީ ކޯޓަށް މީހާ ހާޒިރު ވުމަކީ ލާޒިމު ކަމެއްކަމަށެވެ. އަދި ހާޒިރު ނުވެވޭ ހާލަތުގައި ކަންކުރާނީ ވަކި އުސޫލަކުން ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަޢް ގެނައި 3 ވަނަ އިސްލާހުގެ ދަށުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން މި ބާވަތުގެ މައްސަލަތަކުގައިއާއި އަދި މިނޫންވެސް މައްސަލަތަކުގައި ޝަރީއަތް ކުރާ ފަރާތްތަކަށް ރާއްޖޭން ބޭރުގައި ތިބެގެން ޝަރީއަތް ކުރިއަށް ގެންދިއުން ވެގެން ދާނީ ރައްޔިތުންނަށް ގާނޫނުން ލިބެން ޖެހޭ ރައްކާތެރިކަމުގެ ހަމަ ފުރުސަތު ގެއްލިގެން ގޮސް ގާނޫނުގެ ބޭނުން ކެނޑި ބޮޑު މީހާއަށް ބޮޑު އިންސާފު ލިބޭކަމަށް ދައްކާ ވާހަކަ އަށް އިތުރު ބާރު ލިބިގެން ގޮސް އިންސާފު ގެއްލިގެން ދިއުން ކަމށް ވެ އެވެ.