ads
ކުޑަކުދިންގެ ޑރ. އަހްމަދު ފައިސަލް
ކޮވިޑް ޖެހުމުން ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބަލި ފ. އަތޮޅާއި މާލޭގައި
ކޮވިޑް-19 ޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސްކް)، މިހާތަނަށް މާލެއިންނާއި ފ. އަތޮޅުން ފެނިފައިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްޔަކީ ކުޑަކުދިންގެ ތެރެއިން 3 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންގެ ފަރާތުން ފެންނަ ބައްޔެއް ކަަމަށާއި ކޮވިޑު ޖެހިފައިވާ މުއްދަތުގައި ވެސް މި ބަލި ކުޑަކުދިންނަށް ޖެހެއެވެ.

މިސްކު ބަލީގެ އަލާމާތްތަކުގެ ތެރޭގައި އަތާއިފައި އަދި ހަށިގަނޑު ރަތްވުން، އަތާއިފައި ދުޅަވުން، އަތާއިފައިން ހަންފޮޅުން، އެކިވައްތަރުގެ ބިހިތައް ނެގުން، ލޮލުގަ މަޑުނުލާ ލޯ ރަތްވުން، ކަރުގައި ގޮށްލުން، ދުލާއި ތުންފަތާއި ކަރު ވަރަށް ރަތްވުން ހިމެނެއެވެ.

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ މިސްކު ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫން ކަމަށާއި ގައިން ގަޔަށް އަރަނީ ކޮވިޑް ކަމުން، މިސްކް ބަލި ކޮންޓްރޯލް ކުރެވޭނީ ކޮވިޑް ކޮންޓްރޯލް ކުރެވިގެން ކަމަށެވެ. ކޮވިޑްގެ ޑެލްޓާ ވޭރިއަންޓާއެކު ކޮވިޑުޖެހޭ ޢަދަދު މިފަހަރު ގިނަވީމާ މިސްކު ޖެހޭ އަދަދު ގިނަވާނެ ކަމަށް ވެސް ޑރ. ފާހަގަކުރެއްވިއެވެ.

އަދި ކޮވިޑް ޖެހި ރަނގަޅުވުމަށްފަހުގައި ވެސް ގަދައަށް ހުން އަންނަ ނަމަ ޑޮކްޓަރަށް ދައްކަން ޑރ. ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލެ އާއި ފ. އަތޮޅުން މި ބަލި ފެނިފައިވާއިރު، މިދިޔަ އަހަރު ތެރޭގައި ވެސް ރާއްޖެއިން މި ބަލި ފެނިގެން ޑރ.ފައިސަލް ވަނީ އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. މިދިޔަ އަހަރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ ރާއްޖޭގައި ދިރިއުޅެމުން އައި އިންޑިއާގެ ކުޑަކުއްޖެކެވެ.

މި ބަލީގެ އެންމެ ބޮޑު އަލާމާތަކީ ގަދައަށް ހުންއައުންކަން ފާހަގަ ކުރައްވައި ޑރ ފައިސަލް ވިދާޅުވީ، ގާތްގަނޑަކަށް 39، 40 ޑިގްރީ ސެލްސިއަސްގައި މަދުވެގެން 3 ދުވަސް ވަންދެން ހުން އަންނަ ކަމަށެވެ. އަދި ކޮވިޑަށް ޓެސްޓު ނުކޮށް ހުއްޓައި އޭގެ ފަހުން މި ބަލީގެ އަލާމާތްތައް ފެނި ޓެސްޓު ކުރާއިރު މި ބަލި ޖެހިފައިވާ ކުދިން ވެސް އެބަތިބި ކަމަށް ވެސް ޑރ. ފައިސަލް ވަނީ ފާހަގަ ކުރައްވައިފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް