ނިޔާޒްއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ ފެންމަތި ކުރެއްވި ބޭފުޅާއެވެ. އޭރު ނިޔާޒް އިބްރާހިމް ހުންނެވި އޮޑިޓާ ޖެނެރަލްކަމުގެ މަގާމު ގެއްލެން މެދުވެރިވި އެއް ސަބަބަކީ ވެސް އެ ބޮޑު ހިޔާނާތާ ދެކޮޅަށް ފާޅުގައި ނުކުންނެވުމެވެ.
ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމްގައި ނިޔާޒް ވިދާޅުވީ އަދީބު އަދީބަކަށް ހެދީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީނަކީ ދައުލަތުގެ ތެރޭގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވަމުން ނިޔާޒް ވިދާޅުވީ ޔާމީނަކީ ދައުލަތުގެ ނިޒާމުތައް ތަރުތީބު ކުރެއްވުމުގެ މައުލޫމާތު ހުރި ބޭފުޅެއް ކަމަށެވެ. އަދި އެއާ ހިލާފަށް އަދީބަކީ ދައުލަތުގެ ނިޒާމު މާބޮޑަށް އެނގިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި އަދީބުއަށް އެކަންކަން ފަހި ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދިނީ ރައީސް ޔާމީނުއަށް އެނގިގެން ހުދު އެމަނިކުފާނު ކަމަށް ނިޔާޒް ވިދާޅުވިއެވެ.
އެގޮތުން ފަތުރުވެރިކަމަށް ފަޅުރަށްތައް ދޫކުރުމަކީ އެމްއެމްޕީއާރުސީގެ މަސްއޫލިއްތެއް ނޫން ކަމަށާއި އެމްއެމްޕީއާރުސީއާ އެކަން ހަވާލުކުރެއްވީ ހުދު ރައީސް ޔާމީން ކަން ނިޔާޒް ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތަކީ ޕީޕީއެމްގެ ތެރެއިން ރާވާއިގެން ދައުލަތުގެ ފައިސާ ހުރި ދިމާތައް ބަލައިގެން ތަފާތު އެކި އެކި ސްކީމްތަކުގެ ނަމުގައި ސީދާ ގަސްތުގައި ޑިޒައިންކޮށްގެން ހިންގި ޖަރީމާއެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް ވިޔަފާރިއެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށާއި މިނިސްޓަރު ކަމުގައި ހުންނެވި އިރު ވެސް ލިބިވަޑައިގަންނަވާނީ 12 ނުވަތަ 14 ހާސް ރުފިޔާ ކަމަށެވެ. އަދި މުޅި ދުވަހު ލިބުނު ހުރިހާ ލާރިއެއް ހަރަދުނުކޮށް، އެކައުންޓަށް ޖަމާކޮށްގެން ސޭވްކުރިނަމަވެސް އެކައުންޓަށް އެތައް މިލިއަން ރުފިޔާ ވަންނާނެ ގޮތް ނުވިސްނޭ ކަމަށެވެ.
އަދި ކެމްޕެއިނު ކުރައްވަނީ ޕާޓީގެ ފަރާތުން ނަމަ ކެމްޕެއިނު ފައިސާ ވަންނަން ޖެހޭނީ ޕާޓީގެ އެކައުންޓަށް ކަމަށާއި ޕާސަނަލް އެކައުންޓަށް ނޫން ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.