އިމްތިޔާޒު ކޮމެޓީން ސިއްރުކޮށްގެން މިމަހުގެ ހަވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ޒަމީލްގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމައި ބައްދަލުވުން ނިންމާލިތާ އިރުކޮޅެއްގެ ތެރޭގައި ވޯޓު ދިން ގޮތް ސޯޝަލް މީީޑިއާގައި އޮތީ ލީކުވެފައެވެ.
އެ މައްސަލަ ހޫނުވެ މެމްބަރުންނަށް މަރުގެ އިންޒާރުވެސް ލިބެމުން ދިއުމުން އެކަން ހިނގައިދިޔަ ގޮތް ބަލަން މިހާރު ވަނީ ސަބް ކޮމެޓީއެއް އެކުލަވާލާފަ އެވެ. އެ މައްސަލަ ބަލައި ނިންމަން ކުރިން އޮތީ ކަނޑައަޅައިފައި އޮތީ، މިމަސް ނިމުމުގެ ކުރިންނެއެވެ. ނަމަވެސް މިއަދު ބޭއްވި ސަބްކޮމެޓީގެ ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން އެދިވަޑައިގެންނެވީ އެ މައްސަލަ ނިންމަން ކަނޑައެޅި މުއްދަތު އަންނަ އޮގަސްޓު މަހުގެ 30 އަށް އިތުރުކުރުމަށެވެ.
ހާރުންގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އެވެ. އެހެންވެ، އަންނަ އޮގަސްޓް މަހުގެ 30ގެ ކުރިން މައްސަލަ ބަލައި ނިންމަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އިމްތިޔާޒު ކޮމެޓީގައި ވޯޓު ދިން ގޮތުގެ މައުލޫމާތު ލީކު ކޮށްލީ އެ ކޮމެޓީގައި އިންނެވި މެމްބަރެއް ކަަމަށް ބައެއް މެންބަރުން ތުހުމަތު ކުރައްވަ އެވެ. ވޯޓުލީ ގޮތް ލީކު ކޮށްލި މައްސަލަ ސަބް ކޮމެޓީން ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ.
އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ހިމެނެ އެވެ. އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް އިމްތިޔާޒު ކޮމިޓީއަށް ޒަމީލްގެ މައްސަލަ ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޓީގައި އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.