ads
ފޮޓޯ: ސަން
"ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ލިބިއްޖެ"
ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ލިބިއްޖެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ލިބިއްޖެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އިސްނަގައިގެން، ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު "ގަރލްސް ލީޑް އިނީޝިއޭޓިވް"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް މި މަހުގެ 5ން 10ށް ވަނީ ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ނިންމައިލުމުގެ ގޮތުން އަސަރީ މާލަންގައި މިއަދު ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވީ މި އަހަރުގެ ޕްރޮގްރާމްގައި ދައުލަތުގެ ތިން ބާރާއި، މީޑިއާއާއި، ވިޔަފާރީގެ އިތުރުން މަދަނީ މުޖުތަމަޢުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަންހެނުންނާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެން ހިނގައްޖެ ކަމަށާއި، މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުޞަތެއް ކަމަށެވެ.


"އެހެން ކަމުން، މި ފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައި، މުސްތަޤުބަލުގައި ނަމޫނާ އަންހެން ލީޑަރުންނަށް ވުމުގެ އަޒުމް ކަނޑައެޅުމަށް އެ ކަމަނާ ބައިވެރިންގެ ކިބައިން އެދެން،" މިނިސްޓަރު ވިދާޅުވިއެވެ.

އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އަންހެން ކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ކުރިއަށް ގެންދެވުނު 6 ދުވަހުގެ މި ޕްރޮގްރާމްގައި އަންހެން ކުދިންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމާއި، އަންހެން ކުދިންގެ ޞިއްޙަތާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އ.ދ.އިން އެކުލަވައިލައިފައިވާ މުޢާހަދާއަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގިފައިވެއެވެ.



އަދި މި ޕްރޮގްރާމްގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތައް އަދި އެހެނިހެން މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި ތިއްބެވި ފާހަގަކޮށްލެވޭ އަންހެނުންނާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ބައިވެރިންނަށް ދެވިފައިވެއެވެ. މީގެ އިތުރުން ނޮން-ޓްރެޑިޝަނަލް ރޯލުތަކަށް އަންހެން ކުދިންގެ ޝައުޤުވެރިކަން އުފެއްދުމަށް ޓަކައި ހިންގާ ހަރަކާތްތަކާއި، އަންހެނުން މަދު ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ ފަރާތުން ކެރިއަރ ގައިޑަންސް ދިނުން ވެސް ކުރިއަށް ގެންދެވިފައިވެއެވެ.

ސްކޫލްތަކާއި ކޮލެޖްތަކުގައި ތަޢުލީމު ހާސިލުކުރަމުންގެންދާ 16 އަހަރާއި 18 އަހަރާ ދެމެދުގެ 40 ކުދިން ބައިވެރިވި މި ޕްރޮގްރާމް ފެސިލިޓޭޓްކުރުމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ވިމެން އިން ޓެކް މޯލްޑިވްސް، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަދި މޫދު ބުޅާ ޑައިވް ސެންޓަރއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މިއަދު ބޭއްވުނު ޙަފުލާގައި ޕްރޮގްރާމްގެ އެންމެހައި ބައިވެރިންނަށް ހަނދާނީ ލިޔުން އެރުވި، މި ޕްރޮގްރާމްގައި ކުދިންނަށް ކުރެވުނު ތަޖުރިބާ ދައްކުވައިދޭ ވީޑިއޯ ރިޕޯޓެއް ދައްކައިލައިފައިވެއެވެ.

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ވެއަތުވެ ދިޔަ 3 އަހަރު ވެސް ގަރލްސް ލީޑް އިނީޝިއަޓިވްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގިފައިވެއެވެ.

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި އަންހެން ކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރައްވައި، 2011ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް