ads
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މާލެ އިން ފުރައިގެންދާން އުޅުނު ފްލައިޓެއް ގޮއްވާލަން އުޅުނު: ޝަރީފް
މާލޭ ވައިގެ ބަނދަރުން ފުރައިގެންދާން އުޅުނު މަތިންދާ ބޯޓެއް ގޮއްވާލަން ދީނީ ހަރުކަށި ފިކުރުގެ ބަޔަކު އުޅުނު ކަމުގެ ރިޕޯޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ލިބުނު ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
Advertisement

ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވާތީ "އޭރު އެކަމަށްޓަކައި ކުރެއްވީ ކޮން މަސައްކަތްތަކެއްތޯ؟" ސީއެންއެމްގެ "ތަފްސީލް"ގައި ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝަރީފު ވިދާޅުވީ، ރައީސް ޔާމީންއަކީ އެމަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް ހިނގަމުން އައި ކަންކަމަށް ވަރަށް ބޮޑަށް ފިކުރުކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށެެވެ. 

ޝަރީފް ވިދާޅުވީ، އޭރުވެސް ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމާއި އެކި ކަހަލަ ނުރައްކާތެރި ތުރެޓްސް ލިބެމުންދިޔަކަމަށާއި، އެގޮތުން މާލޭގެ ވައިގެ ބަނދަރުން ފުރައިގެންދާން އުޅުނު މަތިންދާ ބޯޓެއް ގޮއްވާލުމަށްޓަކައި، ހަރުކަށި ފިކުރުގެ ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ބޭރުގެ މުރުތަބައު ދެ ގައުމަކުން އޭރުގެ ސަރުކާރާއި ހިއްސާކުރި ކަމަށެވެ.

"އެގޮތުން ބޭރުގެ ދެ ގައުމަކުން ކުރެވުނު ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބުނު. މާލޭގެ ވައިގެ ބަނދަރުން ފުރައިގެންދާ ފްލައިޓެއް ނުވަތަ މަތިންދާ ބޯޓެއް ގޮއްވާލުމަށްޓަކައި، ހަރުކަށި ފިކުރުގެ ބަޔަކު މަސައްކަތް ކުރަމުންދާކަމަށް އެ މައުލޫމާތު އަޅުގަނޑުމެންނަށް ބޭރުގެ މުރުތަބައު ދެ ގައުމަކުން ލިބުމާއި ގުޅިގެން ރައީސް ޔާމީންގެ ވިސްނުންފުޅާއި، އެމަނިކުފާނުގެ އިރުޝާދާއިއެކު އެއާޕޯޓުގެ ސެކިޔުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރެވުނު. އަދި އެތަނުގައި ހަތިޔާރާއިއެކީ ހަރަކާތްތެރިވާން ފެއްޓުނު" އާދަމް ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވީ، އެކަމާއި ގުޅިގެން ސްކްރީންކުރުމާއި، އެކްސްޕޯޓް ކުރެވޭ މުދަލާއި ލަގޭޖްތައް ސްކޭން ކުރުން ވަރުގަދަ ކުރެވުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މާތްﷲގެ ވާގިފުޅާއިއެކު އެފަދަ ކަމެއް ރާއްޖެެއަށް ކުރިމަތިނުވެ، ސަލާމަތް ކުރެވުނު ކަމަށެވެ. ޝަރީފް ވިދާޅުވީ، އޭރު އެޅި ފިޔަވަޅުތަކަކީ އެއީ ވަރަށް ރަނގަޅު ފިޔަވަޅުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ދިން ދެގައުމުން އެކަން ހޭންޑަލް ކުރިގޮތަށް ތައުރީފުކޮށް ސިޓީ ވެސް ފޮނުވާފައިވާ ކަމަށެވެ. 

މާލޭގެ ވައިގެ ބަނދަރުން ފުރައިގެންދާ ފްލައިޓެއް ނުވަތަ މަތިންދާ ބޯޓެއް ގޮއްވާލުމަށްޓަކައި، ހަރުކަށި ފިކުރުގެ ބަޔަކު މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު އޭރު ލިބުނުކަން ޝަރީފު ހާމަކުރެއްވިއިރު ރައީސް ޔާމީންގެ ވެރިކަމުގައި ވައިގެ ބަނދަރުގައި ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވާން ފެށުމުން އާއްމުން ވަނީ އެކަމާއި ވަރަށް ބޮޑަށް ސުވާލު އުފައްދާފައެވެ. 

އެހެންނަމަވެސް އޭރު ސަރުކާރުގެ ފަރާތުން އެ މައުލޫމާތުތައް އާއްމުކޮށްފައެއް ނުވެއެވެ. މިއީ މިކަމާއި ބެހޭގޮތުން އޭރުގެ ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝަރީފްވެސް އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. 

ޓެރަރިޒަމް ހުއްޓުވުމަށް އޭރުގެ ސަރުކާރުގެ ފަރާތުން ގިނަ ކަންތައްތަކެއް ކުރެއްވިކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، އެމަނިކުފާނުގެ ޒައާމަތުގައި 2015ވަނަ އަހަރު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނެއް ވުޖޫދުކޮށް، ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރެއްވެސް ގާއިމުކުރެއްވި ކަމަށެވެ. 

ޝަރީފު ވިދާޅުވީ އެ ސެންޓަރު ގާއިމުކުރެވުމާއިއެކު ރާއްޖޭގައި ޓެރަރިޒަމްއާއި ދެކޮޅަށް ކުރެވޭ މަސައްކަތް ހަރުދާނުކުރެއްވުމަށްޓަކައި އެ ސެންޓަރުގެ ދަށުގައި ކައުންޓަ ޓެރަރިޒަމް ކޮމެޓީއަކާއި، ކައުންޓަ ރެޑިކަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލައްވާ ރާއްޖެއަށް ކުރިމަތިވެދާނެ ޓެރަރިޒަމްގެ ނުރައްކަލަކަށާއި، އަދި ހަރުކަށި ފިކުރު ނުވަތަ ހައްދުފަހަނައަޅާ ދިޔުމުގެ ފިކުރާއި ދެކޮޅަށް މަސައްކަތް ކުރެވޭނެ ގޮތްތަކާއި، ދީނީ ހައްދުފަހަނައަޅާ ދިޔުމާއި، ވަކި ދީނެއް ގަބޫލު ނުކުރާ މީހުންވެސް ފާހަގަކޮށް އެމީހުން ހަަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރެވޭނެ ގާނޫނީ ނިޒާމެއްގެ ތެރެއިން މަސައްކަތް ފެއްޓެވި ކަމަށެވެ. 

އަދި ހަމައެެއާއެކު ދީނީ ހައްދު ފަހަނައަޅާ ދިޔުން ފެތުރިފައޮތީ ކިހާވަރަކަށްތޯ އާއި، ބޭރުގެ އުދުވާނީ ހަމަލާތައް ނުވަތަ ބޭރަށް ހަނގުރާމައަށް ފުރައިގެންދާ މީހުން ދެނެގަތުމަށް ވަރަށް ގިނަ މަަސައްކަތް ކުރެވުނު ކަމަށް ޝަރީފް ވިދާޅުވިއެވެ.

52%
ކަމުގޮސްފި
35%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް