ވެރިކަންކުރާ އެމްޑީޕީން މަޖިލީހުގެ 65 ގޮނޑިއާއެކު ސުޕަ މެޖޯރިޓީ ދަމައިގަތީ، މިނިމަމް ވޭޖެއް ނޫނީ މަސައްކަތްތެރިންނަށް ދޭނެ އެންމެ ކުޑަ އުޖޫރަ ގާނޫނަކުން ކަނޑައަޅާދޭނެ ކަމުގެެ ވައުދާ އެކުއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މި ހުވަފެން އޮތީ ހުވަފެނެއްގެ ގޮތުގައެވެ. ދިވެހިން ތިބީ މިނިމަމް ވޭޖެއްގެ އިންތިޒާރުގައެވެ. މި އިންތިޒާރަށް ދެންމެ ދެންމެ ނިމުމެއް އަތުވެދާނެ ކަމަށް، ފެންނަ ފަދަ މަންޒަރުތަކެއް ފެނުނަސް އަދިވެސް އެކަން އޮތީ ގޮތެެއް ނުނިންމި، މޭޒުމަތީގައި ބޭއްވިފައެވެ.
މި އަހަރު ނިމުމުގެ ކުރިން މިނިމަމްވޭޖް ކަނޑައަޅަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލިސްއިން ފާސްކޮށްފައިވާއިރު، މިކަމަށް ގޮތެއް ނިންމުމުގެ ޒިންމާ ބޮލުގައި އެޅިފައި އޮތީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑާއެވެ. މި ބޯޑުން މިނިމަމް ވޭޖްގެ ގޮތުގައި ދޭނެ އެންމެ ކުޑަ އުޖޫރައަކީ 6400 ރުފިޔާ ކަމުގައި ހަމަޖެއްސުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އެންގިނަމަވެސް، ރަސްމީ ސިފައެއްގައި މި ކަމަށް އަދި ގޮތެއް ނިމިފައެއް ނުވެއެވެ.
މިނިމަމް ވޭޖުގެ ވާހަކައާއެކު އުފެދޭ ސުވާލަކީ މިނިމަމް ވޭޖަކުން ދިވެހިންގެ އަނގައާ އަތާ ދިމާވެދާނެތޯ އެވެ. ހަގީގަތުގައި ވެސް މިނިމަމް ވޭޖުން ދިވެހިންގެ ހިތް ފުރިދާނެތޯއެވެ. ދިވެހިންނަށް އެ މީހުން ދެކެމުން މި އަންނަ ފުދުންތެރި ދިރިއުޅުން ހޯދައިދެވިދާނެތޯއެވެ.
ވިހި ވަނަ ގަރުނު ނިމުމާއި ގާތްވެފައިވަނިކޮށް ދުނިޔެއަށް ތައާރަފްވި މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައަކީ، އުޖޫރަ ލިބޭގޮތަށް ވަގުތު ކަނޑައެޅިގެން މަސައްކަތްތެރިޔާއަށް ކުރާ މަސައްކަތަށް، މަސައްކަތް ހަވާލުކުރާ ފަރާތުން އަސާސީ މުސާރައިގެ ގޮތުގައި އެންމެ މަދުވެގެން ދޭން ޖެހޭނެ ކަމަށް ލާޒިމްކުރާ އަދަދެކެވެ.
މިނިމަމް ވޭޖެއް އެންމެ ފުރަތަމަ ދޭން ފަށައިފައިވަނީ މަސައްކަތްތެރިން ކުރާ މަސައްކަތާ އެކަށޭނެ އަގު އެމީހުންނަށް ނުލިބޭތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ. ޒަމާނަށް އައި ބަދަލާއެކު މިހާރު މިނިމަމް ވޭޖު ވެފައިމިވަނީ އާމްދަނީ ލިބޭ އާއިލާތަކަށް އެހީއެއްގެ ގޮތުން ދެވޭ އެލަވަންސަކަށެވެ.
ރާއްޖޭގައި މިނިމަމްވޭޖްގެ ގޮތުގައި 6400 ރުފިޔާކަމުގައި، ހަމަޖެއްސުމުން، އެއާއެކު އިވިގެން ދިޔައީ އެ އަދަދުގެ ކުޑަ ވާހަކައެވެ. އެ އަދަދުން ދިރިއުޅުމުގެ ހަރަދުތައް ފޫނުބެއްދޭނެ ވާހަކައެވެ. އަދި ރާއްޖޭގައި މިނިމަމް ވޭޖު ކަނޑައަޅަން އުޅުނީ އެހެނިހެން އެލަވަންސްތައް ވެސް ލައިގެން ކަމަށް ބުނެ އެއާ ގުޅޭ އިތުރު ކަންބޮޑުވުންތަކެވެ.
މިނިމަމް ވޭޖު ކުޑައޭ ބުނާ ވާހަކައަށް އޭރު މިނިސްޓަރު ފައްޔާޒް ވަނީ ރައްދު ވެސް ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖާއި ލިވިން ވޭޖަކީ ވަރަށް ތަފާތު ދެ އެއްޗެއް ކަމަށެވެ. އަދި އެ ދޭތީގެ ފަރަގު ދިވެހިންނަށް ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ލިވިން ވޭޖް ނުވަތަ މީހެއްގެ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސޭ ވަރުގެ އުޖޫރައެއް ދޭން ލާޒިމް ނުކުރާ ވާހަކައެވެ.
މިިނިސްޓަރު ވިދާޅުވީ ތެދެކެވެ. މިނިމަމް ވޭޖާ އާއި ލިވިން ވޭޖަކީ މުޅިން ދެ އެއްޗެކެވެ. އެކަމަކު މިނިމަމް ވޭޖަކުން ދިވެހިންގެ ހަރަދުތައް ފޫބެއްދި ދާނެހެއްޔެވެ؟ ދިރިއުޅޭ ކޮތަރުކޮށީގެ ކުލި މާ ބޮޑެވެ. ކާބޯތަކެތީގެ އަގު ދަނީ ދުވަހެއްވުރެ ދުވަހަކަށް ބޮޑުވަމުންނެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށް ގިނަ ދިވެހިންނަށް ދަތިވެއްޖެއެވެ. ބޭސްފަރުވާއަށް ސަލާން ޖަހަން މަގުމައްޗަށް ނިކުންނަށް މަޖުބޫރުވެއްޖެއެވެ. ކަރަންޓު ބިލާއި ފެންބިލާއި އިތުރު އެހެން ބިލުތަކުން ފެންނަ އަދަދުތައް އަންނަނީ ގިނަވަމުންނެވެ.
ދެން އޮތީ ލިވިން ވޭޖުގެ ވާހަކައެވެ. ލިވިންގް ވޭޖް ނުވަތަ ދިރިއުޅެވޭ ވަރުގެ އުޖޫރައިގެ މާނައަކީ މަސައްކަތްތެރިޔާގެ ޒަރޫރީ ބޭނުންތައް ފުއްދޭނެވަރުގެ އުޖޫރައެއް އޭނާއަށް ދިނުމެވެ. ޒަރޫރީ ބޭނުންތަކުގެ ގޮތުގައި ބަލަނީ ކާބޯތަކެތި، ބޯހިޔާވަހިކަން އަދި އަންނައުނު ފަދަ ކަންތައްތަކެވެ. ލިވިންގް ވޭޖެއްގެ މަގްސަދަކީ އަބުރުވެރި ފުދުންތެރި ދިރިއުޅުމެއް މަސައްކަތްތެރިޔާއަށް ހޯދައިދިނުމެވެ. އަބުރުވެރި ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ ވައުދެކެވެ. ނަމަވެސް ސުވާލަކީ އެ ވައުދަކީ ރައީސް ސޯލިހުގެ ވައުދެއްތޯ އެވެ.
ދުނިޔޭގެ އެތައް ގައުމެއްގައި އަންނަނީ މިހާރު ވެސް ލިވިން ވޭޖެއް ދެމުންނެވެ. އެންމެ މުއްސަނދި އެމެރިކާއިން ފެށިގެން އައިސް އަވައްޓެރި ބަންގާޅުގައި ވެސްމެއެވެ. ލިވިން ވޭޖު ކަނޑައަޅަނީ އެމީހެެއްގެ އާއިލާއަށް ބެލުމަށް ފަހުގައެވެ. މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް ކަނޑައަޅައިގެންްނެވެ.
ރާއްޖެ އާއި އެމެރިކާ އާއި އަޅާ ކިޔާކަށް ނެތީމެވެ. އެންމެ ކައިރިން ބަންގްލަދޭޝަށް ބަލަމާ ހިނގާށެވެ. ރާއްޖެއަށް ވުރެ ނިސްބަތުން ފަގީރު ގައުމެކެވެ. ބަންގްލަދޭޝްގައި ލިވިން ވޭޖުގެ ގޮތުގައި މަހަކަށް ދެމަފިރިންނާއި ދެކުދިން ތިބޭ އާއިލާއަކަށް 9060ޓަކާ އާއި 13300ޓަކާއާ ދެމެދުގެ އަދަދެއް ޖެހެއެވެ. އެއީ ގާތް ގަނޑަކަށް 150 އެއްހާ އެމެރިކާ ޑޮލަރެވެ. އެ އަދަދަކީ ދިވެހިންނަށް ކުޑަ އަދަދަކަށް ވެދާނެއެވެ، އެކަމަކު އެއީ ބަންގްލަދޭޝްގެ ދިރިއުޅުމުގެ އާންމު ހާލަތާ އެކަށޭނެ އަދަދެކެވެ.
ރާއްޖެއަށް ލިވިން ވޭޖެއް ތައާރަފްކުރެވިއްޖެނަމަ ފަރުދުންގެ އާންމު ހާލަތު ރަނގަޅުވެގެން ދާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ތަކެތީގެ އަގު ވެއްޓި އަތްފޯރާ ފަށަށް އައުމެވެ. އިގްތިސޯދު ރަނގަޅުވެ، ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން ދިއުމެވެ.
ދިވެހިން އެދޭ ފުދުންތެރި ދިރިއުޅުން ދިވެހިންނަށް ފޯރުކޮށްދެވޭނެ އެއް ގޮތަކީ ދިވެހިންނަށް ލިވިން ވޭޖެއް ދިނުމެވެ. އެއީ މިނިމަމް ވޭޖަކުން ވާނެ ކަމެއް ނޫނެވެ. އަބުރުވެރިކަމާއެކު ދިވެހިންނަށް ދިރިއުޅެވޭނީ އޭރުންނެވެ.