ads
ރައީސް ނަޝީދު
ބޮޑުވަޒީރު ކަމަށް ކުރިމަތިލާނަން،އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާނަން: ރައީސް ނަޝީދު
ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާނެ ކަމަށާއި، އެމްޑީޕީގެ ޕްރައިމަރީގައިވެސް ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކްލަބްހައުސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. 

އެހެންނަމަވެސް ރިޔާސީ އިންތިހާބެއް ބޭއްވުމަކީ އެހާ ބުއްދިވެރި ކަމެއް ނޫންކަމަށް ބުނާ ވާހަކަ ތަކުރާރު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލެއް ގެނެސް ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރާއްޖޭގެ ހިންގުން ރަނގަޅުވެގެންދާނީ ބަރުލަމާނީ ނިޒާމެއްގައި. އެ ބަދަލު ގެނައުމަށްޓަކައި 2023 ވަނަ އަހަރު ތެރޭގައި ވޯޓެއް ނެގުން އެއީ ބޭނުންތެރި ކަމެއް."

ގާނޫނު އަސާސީއަށް މި ބަދަލު ގެންނަން މަސައްކަތް ކުރައްވާނެ ކަން ފާހަގަކުރައްވައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމްއިން ވެސް ތާއީދުކުރައްވާނެ ކަމަށެވެ. އެގޮތުން ބަރުލަމާނީ ނިޒާމަށް މީގެ ކުރިން ވެސް ރައީސް ޔާމީން ތާއީދު ކުރައްވާފައިވާ ކަމަށާއި ތާއީދު ނުކުރައްވާ ވާހަކަ ފަހުން ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީއާއި ޕީޕީއެމް ގުޅިގެން ނިޒާމު ބަދަލުކުރަން ވޯޓެއް ނެގުމުގެ މަސައްކަތް ކޮށް، ގާނޫނު އަސާސީއަށް ބަދަލު ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

ނިޒާމު ބަދަލުވުމުން ބޮޑު ވަޒީރަކަށް ކަނޑައަޅާނީ ކާކުކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެމަނިކުފާނަކީ ބޮޑުވަޒީރު ކަމުގައި ހިމެނުމަށް އެދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޮޑު ވަޒީރަކު ހުރެ، ރައްޔިތުންގެ މަޖިލީހުން އެ ބޭފުޅާ ޒިންމާދާރުކުރުވަން މަސައްކަތް ކުރަން މަސައްކަތްކޮށްގެން، ސަރުކާރު ހިންގުމުން ފައިދާ ބޮޑުވާނެ ކަމަށާއި ރާއްޖޭގެ ދުވެލި ވެސް އަވަސް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް