ads
ރައީސް ސޯލިހް އާއި ޢުއްތަމަ ފަނޑިޔާރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް
ގޮވަންވީ ހަރުކައްޓޭތަ؟ ލާދީނީތަ؟
ނަފްރަތުގެ ބިލެވެ. ހިސާންގެ ބިލެވެ. ލާދީނީ ބިލެވެ. ސެކިއުލާ ބިލެވެ. ދެންވެސް ދެން އޮތްނަމެކެވެ. ކަފިވެފައިވާ ވިސްނުންތަކަށް ނިމުން އަންނާނެހެން ހީވޭ ހެއްޔެވެ؟ ދިވެހީން ޒަމާނުއްސުރެ ދެކެމުންއައި އުފާވެރި މާހައުލު އޭގެ ރީތި ތާޒާ ގޮތުގައި އޮވެދާނެހެއްޔެވެ؟ ދައްކަން މިއުޅެނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލެއްގެ ވާހަކައެވެ.

އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއްހުށަހެޅިއެވެ. ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހެޅީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އެވެ. ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެވެ. އަދި އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމުގައި ވަނީ ކަޑައަޅާފަ އެވެ.

މީގެ އިތުރުން އެ ބިލުގައި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީ ވެސް ކުށެއް ކަމުގައި ބުނެފައި ވެއެވެ. މީހެއްގެ ނަސްލަށް ، އުފަންވީ ގައުމަށް، ކުލަޔަށް ބަލައި އެމީހަކާ މެދު ތަފާތުކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުމަކީ ވެސް ކުށެއް ކަމުގައި އެ ބިލުގައި ބުނެފައި ވެއެވެ. ބިލުގައިވާ ގޮތުން އެއީ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ކުޑަ ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިބިލާގުޅިގެން އެންމެ ފުރަތަމަ އެއްޗެއް ވިދާޅުވީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުއެވެ. ވިދާޅުވީ ކޮންމެ ގޮތަކަށް ގާނޫނު ފާސް ކުރި ނަމަވެސް ލާދީނީ މީހަކު އެއީ ދީނީ މީހަކަށް ނުވާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ އެފަދަ މީހުންގެ ނުރައްކާތެރިކަން ހާމަކޮށް ފާޅު ކުރަންވެސް ޖެހޭ ކަމަށެވެ. މިބިލުގެ ކަންބޮޑުވުން ފެށުނީ މިހިސާބުންނެވެ. "ލާދީނީ" ގޮވުމާއި "ހަރުކަށި ފިކުރުގެ" ވާހަކަ އަށް ތަންދެމުން ބިލުގެ ބަހުސް އާންމުންނާ ހަމައަށް ތިލަވެ، ދެން ފެށިގެން ދިޔައީ ހޫނު ބަހުސްތަކެކެވެ. 

އެގޮތުން ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން މަނާކުރީ އެމްޑީއެން ފަދަ "ލާދީނީ" ފަރާތްތަކަށް ގާނޫނީ ބާރު ދިނުމަށް ކަމަށް ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބު ވިދާޅުވެ، ބިލަށް ރައްދު ދެއްވިތަން ފެނިގެންދިއައެވެ. ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ މި ބިލަކީ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް ސަލަފްގެ ރައީސް އަބްދުﷲ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ދީނީ އިލްމުވެރިންގެ އެއްވެސް މަޝްވަރާއެއް ލަފައެއްނެތި އެފަދަ ބިލެއް ގާނޫނަކަށް ހެދުމުގެ ބޭނުމަކީ "ލާދީނީ" އެމްޑީއެން ފަދަ ފަރާތްތަކަށް ގާނޫނީބާރުދިނުން ކަމަށެވެ. އަދި ދީނީ ހޭލުންތެރިކަމަށް ރާއްޖޭގައި އޮތް "ހަނި" މަގުވެސް އަލުން މަނާކުރުމުގެ ނުބައިރޭވުން ރޭވިގެން އަންނަ މަންޒަރު ފެންނަ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އާއްމު އިޖްތިމާއީ މިންގަޑު ރައްކާކުރުމުގެ ގާނޫނުގައާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގައި އެފަދަ ގިނަމައްސަލަތަކަށް އެކަށީގެންވާ އުސޫލުތައް ކަނޑައެޅިފައިވާކަން އަބްދުﷲ ބިން ޖަނާބު ފާހަގަކުރެއްވިއެވެ. އެ ގާނޫނު ތަންފީޒު ކުރުމުގެ ބަދަލުގައި މިހާރު ފެންނަމުންދަނީ "ލާދީނީ" ފަރާތްތަކަށް ގާނޫނީ ބާރު ދިނުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށްވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އަނެއްކޮޅުން އޮޅުމެއްނެތް ގޮތުގައި، "ލާދީނީ" ކަމަށް އެހެން މީހަކާ ދިމާއަށް ބުނުމަކީ އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ބުނާ ބުނުމެއް ކަމަށާއި، އަނެކާ އަކީ ގޯސް މީހެއްގެ ގޮތުގައި ދެއްކުމަށް ބުނާ ބުނުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިބިލަށް އައި ފާޑުކިއުންތަކާ ގުޅިގެން އެދަނޑިވަޅުގައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްޤު އެހެން މީހުނަށް އޮންނާން ޖެހޭނެ ކަމަށް އެތައްބަޔަކު އެބަދެކޭ ކަމަށެވެ. މިމައްސަލާގައި އެމިނިކުފާނު ދެކެވަޑައިގަންނަވާ ގޮތް އެހާ މުހިއްމު ނޫން ކަމަށާއި އެމަނިކުފާނަކީ އިސްލާމެއް ކަމަށެވެ. ލާދީނީއޭ އެމަނިކުފާނަށް ގޮވަނީ އެހެން މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކަމަށް ނަޝީދު ދެކެވަޑައިގަންނަވައެވެ.

ނަޝީދު ވިދާޅުވަނީ މިހެންނެވެ. "މި މައްސަލާގައި އަޅުގަޑު ދެކޭގޮތް އެހާ މުހިންމެއްނޫނެވެ. އަޅުގަޑަކީ ކަނޑައެޅިގެން އިސްލާމެއް ކަމަށް އަޅުގަޑުދެކި ހުރިއިރު، އަޅުގަޑަކީ ލާދީނީ މީހެއް ކަމަށް ބުނުމަށް އަޅުގަޑަކު ނުއެދޭނެ ތާއެވެ. ސުވާލަކީ އަނެއްމީހާ އަޅުގަޑާއި ދިމާއަށްއެފަދަ ބަސްތަކެއް ރައްދު ކުރާން ބޭނުންވާ ސަބަބާއި ގުޅޭ ގޮތުން އުފެދޭ ސުވާލެވެ. އޭނާގެ ނަޒަރުގައި އަޅުގަޑު ގޯހީއެވެ. އެގޯސްއެނާ ފާހަގަ ކުރާން އެދިދާނެ ދެ ގޮތެއް ވިސްނެއެވެ. އިސްލާމް ދީން ޤަބޫލް ކުރާއެހެން މީހުންގެ ހިތްތަކުގައި އަޅުގަޑާއި މެދުނަފްރަތު އުފެއްދުމެވެ. ނުވަތަ އަޅުގަޑުގެ ސަބަބުންޖުމްލަ ގޮތެއްގައި އިސްލާމް ދީނަށް ގެއްލުން ވާކަމުން، އިސްލާމް ދީނުގެ ދިފާއުގައި އަޅުގަޑުގެ ގޯސް އޭނާ ފާހަގަ ކުރަނީއެވެ."

ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ އިސްލާމް ދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތްތެރިވާނީ ދިވެހިދައުލަތް ކަމަށާއި ވަކި ފަރުދެއް ނޫން ކަމަށެވެ. އަދި ލާދީނީ މީހެއް ކަމަށް ބުނުމަކީ ޖިނާއީ ތުހުމަތެއް ކުރުން ކަމަށާއި، ޖިނާއީ ދައުވާ އުފުލޭނެ ސަބަބެއް ކަމަށެވެ. 

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވަނީ އަދި އެހެން ގޮތަކަށެވެ. މުސްލިމަކާ ދިމާލަށް އެމީހަކީ ހަރުކަށި ފިކުރުގެ މީހެކޭ ބުނެވޭނަމަ، އަނެކާއާ ދިމާލަށް ތިއީ އިސްލާމްދީނާ ދެކޮޅު މީހެކޭ ނުބުނެވޭންވީ ސަބަބެއް ނެތް ކަމަށެވެ. މުސްލިމަކާ ދިމާލަށް ހަރުކަށި ފިކުރުގެ މީހެކޭ، އެކްސްޓްރީމިސްޓެކޭ، އަދި ޓެރެރިސްޓެކޭ ބުނެވޭނަމަ އަނެކާއާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ، ނުވަތަ އިސްލާމްދީނާއި ހިލާފަށް އަމަލުކުރާ މީހެކޭ ނުބުނެވޭންވީ ސަބަބެއް ނެތް ކަމަށެވެ. ދިވެހިދައުލަތަގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު އެހެން ގާނޫނެއްގައި މީހަކާ ދިމާލައް އޭނާއަކީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުން ކުށަކަށް ހެދުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ދިވެހި ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގައި ބުނާގޮތުން ކޮންމެ ދިވެހި ރައްޔިތަކީ މުސްލިމަކަށް ވުން ލާޒިމެވެ.

އަދާލަތުންވެސް ބިލާ ދެކޮޅަށް ވަނީ ބަޔާން ނެރެފައެވެ. އެބަޔާނުގައި ވާގޮތުން ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ޞުލްޙަވެރިކަމާއި އަމާންކަމާއި އެއްބައިވަންތަކަމާއެކު ސާދާ ދިރިއުޅުމެއް އުޅެމުން އައި ރައްޔިތުންތަކެއް ކަމުގައި ވީނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއެކު ދިވެހިރައްތުިންގެ އެއްބައިވަންތަކަމަށް ނުރަނގަޅު އަސަރުކޮށްފައިވާކަމަށެވެ. 

މިކަމާ ގުޅިގެން ރައީސް ސޯލިހާއިވެސް އަދާލަތު ޕާޓީން ވަނީ ބައްދަލު ކޮށްފައެވެ. ރައީސް ދެއްވީ އުންމީދީ ޖަވާބެއްކަމަށް އަދާލަތުން ވިދާޅުވެއެވެ. އެގޮތުން ނަފުރަތުގެ ކުށާ ގުޅޭ ބިލު ގާނޫނަކަށް ވެގެން އަންނައިރު، ރައްޔިތުންނާއި، އިލްމްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާދެއްވާނެ ކަމުގެ ޔާގީންކަން ރައީސް ދެއްވިކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.  

މިހުރިހާ ވާހަކައެއް ދެކެވެމުންދިޔައިރު އެންމެ ފަހަތުފަޔަށް ބަރުވެފައި އޮތީ އިސްލާމިކް މިނިސްޓްރީއެވެ. އިސްލާމިކް މިނިސްޓްރީގެ ބަހެއް އިވުނީ ބިލް ހުށަހެޅިތާ ވިއްސަކަށް ދުވަސްފަހުން ބިލާގުޅޭގޮތުން އެންމެންހެން ވާހަކަދައްކާ ނިމުނުފަހުންނެވެ. މިނިސްޓްރީން ބަޔާނެއް ނެރެ، ބުނީ ތިންކަމެއް ފާހަގަ ކުރާކަމަށެވެ. އެ ތިންކަމުގެ ގޮތުގައި އެބަޔާނުގައި ހިމަނާފައިވަނީ،  އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމެވެ.

މިހިސާބަށް ކަންކަން އައިއިރު ދީނީ ފަތުވާ މަޖިލިސް ވީ ކޮންތާކު ބާވައެވެ؟ އެމަޖިލީހުގެ އަޑެއް ނީވެއެވެ. މިކަމުގައި ދިވެހިންނަށް އަދިވެސް ކޮޅެއް ނުފެނިގެން އުޅޭއިރު ދީނީ ކަންކަމުގައި އެންމެ ފަހުބަސް އިއްވާ ފަތުވާ މަޖިލިސް އޮތީ ނިދާފައެވެ. އެބައިމީހުންގެ ހަބަރެއް ނުވެއެވެ. އެމަޖިލީހުގެ އަޑު އެންމެ ގަދަވާންވީ ދަނޑިވަޅަކީ މިއީ ނޫންހެއްޔެވެ؟ ދިވެހީންނަށް އެމަޖިލީހުގެ ބޭނުން އެންމެ ބޮޑު ވަގުތަކީ މިއީ ނޫންހެއްޔެވެ؟

ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމްދީނަށް އުޅެމުން އަންނަ ބަޔަކު ދިރިއުޅެމުން އަންނަ ގައުމެކެވެ. އޮތީ އެއްސަގާފަތެކެވެ. މިނިވަން ޖައްވެކެވެ. ވާހަކަދައްކަނީ އެއްބަހަކުންނެވެ. ހިޔާލު ތަފާތުވާންވީ ކީއްވެގެން ކަން ނޭނގުނަސް އެނގޭ ކަމަކީ ހިޔާލު ތަފާތު ކަމެވެ. އެއްބަޔަކު ނަފްރަތުގެ ބިލާ ދެކޮޅަށް ވަކާލާތު ކުރަމުންދާއިރު އަނެއްބަޔަކު ކޮންމެ ގޮތަކަށް މާނަކޮށްގެންވެސް އެބިލާ އެއްކޮޅެވެ. ޖަވާބު ލިބެންޖެހެނީ ކުރުކުރު ދެތިން ސުވާލަކަށެވެ. ލާދީނީ ގޮވަންވީހެއްޔެވެ؟ ހަރުކައްޓޭ ގޮވަންވީހެއްޔެވެ؟ ނުވަތަ މިދެގޮތުން ކުރެ ގޮތަކަށް  ނޮގޮވަންވީހެއްޔެވެ؟ ޖަވާބަކީ ހަރުކަށިވެސް ނުވާންވީއެވެ. ލާދީނީވެސް ނުވާންވީއެވެ. ދިވެހީން ރީތި ދިވެހީންގެ ގޮތުގައި ، އިހްތިރާމު ކުރެވޭ ނަލަނަލަ މާހައުލެއް އުފައްދަންވީއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް