ރައްޔިތުންގެ މަޖިލީހުން ބުނީ ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފުރިހަމަ ރިޕޯޓާ ގުޅޭ މައުލޫމާތު މެންބަރުންނާ ހިއްސާކުރުމަށް މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ކޮމިޓީ ރިޕޯޓުގެ މައުލޫމާތު މެންބަރުންނާ ހިއްސާކޮށްފައިވަނީ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ކޮމިޓީގެ މެންބަރުން ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހެންވޭރުހުޅަނގު ދާއިރާގެ މެމްބަރު ހަސަލްލަތީފްއެވެ.
ކޮމިޓީގެ ބައްދަލުވުންތައް ސިއްރުން ގެންދިޔަ ނަމަވެސް، ކޮމިޓީން އެކުލަވާލައި ރިޕޯޓު އާއްމުކުރާނެ ކަމުގެ ޔަގީންކަން ކޮމިޓީން މީގެ ކުރިން ވަނީ ދީފަ އެވެ.
އަދި އެ ރިޕޯޓުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތެއް ހުރި ކަމަށް ފާހަގަވެއްޖެނަމަ، އެ ބައި ރިޕޯޓުން އުނިކުރަން ޖެހުނު ނަމަވެސް، އެބައި ވެސް ރައީސާއި މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަފަނޑިޔާރާ ވެސް ހިއްސާކުރާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިންކުއަރީގެ ރިޕޯޓު މިދިޔަ މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފި ނަމަވެސް، އެ އިންކުއަރީގެ ބާވަތުން މަސައްކަތް ލަފާކުރެވުނު ވަރަށް ވުރެ ލަސްވެފައިވާކަމަށް ކޮމިޓީގެ މުގައްރިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެ ރިޕޯޓު އަވަސް އަރުވާލައިގެން ނިންމުމުގެ ބަދަލުގައި ކޮމިޓީގެ އަމާޒަކީ ފުރިހަމަ މަސައްކަތެއް ކުރުން ކަމަށާއި މި ހަފްތާ ތެރޭގައި ރިޕޯޓް ނިންމާލެވޭނެ ކަމަށް އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރާއްޖޭގެ ތާރީހުގައި މުޅި މަޖިލިސް އިގުރާރުވެގެން ހިންގާ ތަހުގީގަށް މިހާތަނަށް 50 އަށް ވުރެ ގިނަ ފަރާތް ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިން ވެސް ހިމެނެ އެވެ.