އާންމުކުރި ރިޕޯޓްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކޮމިޓީއަށް ހާޒިރުކުރުމުން މާރިޔާ ކޮމިޓީ އާއި ހިއްސާކުރި މައުލޫމާތު ހިމެނެއެވެ. އެގޮތުން ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބު، ރައީސް ނަޝީދަށް ބަޔަކު ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ. ކޮމިޓީ އިންކުއައިރީގައި މާރިޔާ ވިދާޅުވީ އިލްޔާސް ލަބީބުގެ ފަރާތުން އެކަނާއަށް ލިބުނީ ފޯން ކޯލެއް ކަމަށާއި މައުލޫމާތެއް ނޫންކަމަށެވެ. އަދި މައުލޫމާތެއް ކަމަށް އެކަމަނާ ބަލަނީ މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ކޮންމެވެސް ގޮތެއް ހިމެނޭ ނަމަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެރިކަންކުރާ އެމްޑީޕީގެ މެމްބަރުން ވަނީ ރިޕޯޓާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
އެގޮތުން ގަލޮލު ދެކުނު ދާއިރާ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ރައީސް ނަޝީދަށް ފައިސާ ހަރަދުކޮށްގެން ބަޔަކު ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ނުވަތަ ފޯން ކޯލެއް ވިޔަސް އެހެން ގޮތަކުން ވިޔަސް ޑިފެންސް މިނިސްޓަރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފޯރުކޮށްދިނީމަ، އިންކުއައިރީއަށް ހާޒިރުވެވަޑައިގެން އެއީ މައުލޫމާތެއް ކަމަށް ތިމަން ކަމަނާ ގަބޫލްފުޅު ނުކުރަމޭ ވިދާޅުވީމާ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އަދި އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަށް ލިބިވަޑައިގަތުމުން އޭގެން އެއްވެސް މައުލޫމާތެއް އެއީ މުހިއްމުކަމެއް ކަމަށް ދެކި ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި ހިއްސާކޮށްފައިނުވާ ކަމަކީ ހިތާމަކުރާ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ ކްރެޑިބަލް މައުލޫމާތެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އެ ޓެކްނިކަލް "ނޯހައު ނޭނގޭ" ސިޔާސީ މީހެއް ނޫން ކަމަށެވެ. ސިޔާސީ މީހާގެ ޒިންމާ އަކީ އެ ޓެކްނިކަލް "ނޯހައު އެނގޭނެ" މީހުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު އެމީހުންނަށް ފޯރުކޮށްނުދީ އޮތުމުގެ ސަބަބުން އެއްވެސް ގޮތަކަށް ޑިފެންސް އިންޓެލިޖެންސް ސާާވިސް އަށް އެ މައުލޫމާތު ލިބިފައިނުވާ ކަމަށް މިކާއީލް ފާހަގަ ކުރެއްވި އެވެ. އަދި މިނިސްޓްރީގެ ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ކްރިޓިކަލް ލެވެލްގައި ތްރެޓް ލެވެލް ހުންނަ މީހަކާ ބެހޭ އިންޓެލިޖެންސް މައުލޫމާތަކީ އެއްވެސް ހާލަތެއްގައި ސަމާލުކަމެއް ނުދީ ދޫކޮށްލާ ވަރުގެ މައުލޫމާތެއް ނޫން ކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދެވުނީ ބަޔަކު މީހުންނަށް ނޭނގި ނޫން ކަމަށާއި ތަކުރާރުކޮށް އެކި ފަހަރުމަތިން އެމަނިކުފާނަށް ހަމަލާ ދެވެން އުޅޭ ކަމާއި ދެވެން އުޅޭ ގޮތް ވެސް ޑިފެންސް އިންޓެލިޖެންސް ސާވިސް އަށް ކޮންމެވެސް ގޮތަކަށް އެނގިގައިވާކަން އިންކުއައިރީ ރިޕޯޓުން ހާމަވެގެންދާ ކަމަށެވެ.
އަދި މިއީ ރާއްޖޭގެ ތާރީހުގައި ވަރަށް ލަދުވެތި ކަމެއް ކަމަށާއި ދިވެހިރާއްޖޭ މުއައްސަސާތަކަށް އެނގިތިބެ ދައުލަތުގެ އެއްބާރުގެ އިސްވެރިއާއަށް ދެވުނު ހަމަލާ ނުހުއްޓުވުނު ކަމީ އިންކިއުއަރީ ރިޕޯޓުން ހާމަވާ ލަދުވެތި ހަގީގަތެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.
އިންކުއައިރީ ރިޕޯޓްގައި ފާާހަގަކޮށްފައިވާ ފަދައިން އިހުމާލުވި ފަރާތްތަކާމެދު އަވަސް ފިޔަވަޅެއް އެޅުމަށް މީކާއިލް ގޮވާލައްވަ އެވެ. މާޒީއަށް ބަލާއިރު އެއީ ވެފައިއޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް ދައުލަތުގެ އިސްވެރިންގެ ކައިރިން މިފަހަރު ކުރިން ހައްދަވާ ގޮތަށް ނެހެއްދެވުމަށް މީކާއިލް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އިންކުއައިރީ ރިޕޯޓުން އިހުމާލަކަށް ފަހު އިހުމާލެއް ފާހަގަވާއިރު އެކަމާމެދު ފިޔަވަޅެއް ނާޅާ ތިބޭކަމަށް ނަމަ ދެ މަސް ދުވަސް ވަންދެން 241 ކޮމިޓީގެ މެމްބަރުން ކުރި މަސައްކަތުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް މީކާއިލް ފާހަގަ ކުރެއްވި އެވެ.