ads
ބަލިވި މީހުންނާއި އެމީހުންގެ އެހީތެރިން-- ފޮޓޯ: އޭޕީ
ޑެންގީ އާއި، ބޭރަށް ހިންގުން އަދި އަރިދަފުސް ރޯގާއިން ސަމާލުވުމަށް އަންގައިފި
ޑެންގީ އާއި، ބޭރަށް ހިންގުމުގެ އިތުރުން އާންމު އަރިދަފުސް ރޯގާއިން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ބަޔާނެއްގައި، ވަނީ ޑެންގީ އާއި، ބޭރަށް ހިންގުމުގެ އިތުރުން އާންމު އަރިދަފުސް ރޯގާއިން ރައްކާތެރިވެ ސަމާލުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޑެންގީ ހުމާއި، ބޭރަށް ހިންގުމުގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރެވިފައިވާ އަދަދު މަދުނަމަވެސް މިބަލިތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމުކަމެއްކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިގޮތުން ޑެންގީއިން ސަލާމަތްވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށް އާދަކުރުމަށާއި، މަދިރި ލޯޝަން، ސްޕްރޭ އަދި ރިޕެލެންޓް ފަދަ ތަކެތި ބޭނުންކުރުމަށް އާދަކުރުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހަމައެހެންމެ، އަރިދަފުސް ރޯގާއިން ސަލާމަތްވުމަށް އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި، ދުންފަތުގެ އިސްތިއުމާލުން ކުޑަކުދިން ރައްކާތެރިކުރުމަށް އަންގާފައިވާއިރު، ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ، މީހުން އުޅޭ ތަންތަނަށް ނުނިކުތުމާއި، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހޯދުމަށް ވަނީ އަންގާފައެވެ.

ބޭރަށް ހިންގުމުން ސަލާމްތްވުމަށްޓަކައި، ކެއުމުގެ ކުރިންނާއި ފާހާނާ ކުރުމަށް ފަހު ރަނގަޅަށް އަތްދޮވުމަށާއި، ކާބޯތަކެއްޗަށް އެކިކަހަލަ ދިރޭތަކެތި ނުވަދެވޭގޮތަށް ބަންދުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަހަރުގެ މޭ މަހު ޑެންގީގެ 12 ކޭހެއް ފެނިފައިވާއިރު، ޖޫން މަހުގެ ނިޔަލަށް ޖުމްލަ ހަތް ކޭހެއް ރިޕޯޓުކުރެވިފައިވާކަމަށާއި، އަރިދަފުސް ރޯގާގެ 12216 ކޭހެއް މޭ މަހު ފެނިފައިވާއިރު، 5168 ކޭހެއް ޖޫން މަހު ފެނިފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. 

އަދި ބޭރަށް ހިންގުމުގެ 1452 ކޭހެއް މިއަހަރުގެ މޭމަހު ރިކޯޑުކުރެވިފައިވާއިރު، 882 ކޭހެއް ޖޫން މަހު ރިކޯޑުކުރެވިފައިވާކަމަށްވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް