ދެ ރައީސުން މަޝްވަރާ ކުރެއްވިކަން ހާމަކުރައްވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ޗައިނާގެ ރައީސް ޝީ އާ މަޝްވަރާ ކުރެއްވީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ފޯނުން ކަމަށެވެ. އެ މަޝްވަރާތަކުގެ ތެރޭގައި ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް ވަމުން އަންނަ އެހީއަށް ރައީސް ޝީ އަށް ޝުކުރު އަދާކުރެއްވި އެވެ.
އެ މަޝްވަރާގައި ރާއްޖެ އާއި ޗައިނާ އާ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަންކަމާއި ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ދެ ދުވަސް ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ވެސް ރައީސް ސޯލިހް ވަނީ ފޯންކޮށް ވާހަކަ ދައްކަވައިފައެވެ.
އެ ފޯން ކޯލަށް ފަހު ބޮޑު ވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ މިދަނޑިވަޅުގައި، ބަލިމަޑުކަމުން ސަލާމަތްވުމަށް ރާއްޖެކުރަމުންދާ މަސައްކަތަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އަރުވާފައިވާނެ ކަމަށެވެ. ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ދާ ގޮތުގެ ތަފްސީލްތައްވެސް ރައީސް ސޯލިހްގެ ކިބައިން މޯދީ ސާފު ކުރެއްވި އެވެ.