
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސް ދަޅުގައި ބަންދުކުރަން ފެށީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑުންނެވެ.
އެ ކުންފުންޏަށް މަރުހަބާ ވިދާޅުވެ، ޝިޔާމް ވަނީ މިއީ ޗައިނާ އާއި ރާއްޖޭން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ކުރިއަށް އެޅުނު ކާމިޔާބު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް ވިއްކެ އެވެ.
ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް އެ ކުންފުނިން ވަނީ އެ މަސްދަޅުތަކުގެ ސާމްޕަލް ދައްކާލައިފަ އެވެ.
މިކަމާ ގުޅިގެން އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ތާޒާ މަސް އެކްސްޕޯޓްކޮށް، އެހެން ފަރާތްތަކަށް އޭގެން ޕްރޮޑަކްޓް އުފެއްދުމުގެ ފުރުސަތު ދެމުންގެންދާނަމަ، ރާއްޖެ އޮންނާނީ ފަގީރު ގައުމެއްގެ ގޮތުގައި ކަމަށެވެ.
އުމަރުގެ ޒައާމަތެއްގައި ރާއްޖޭން ރޯމަސް އެކްސްޕޯޓްކުރުން ހުއްޓުވާ، ރާއްޖޭން އެކްސްޕޯޓުކުރާ ހުރިހާ މަހަކީ ޕްރޮސެސް ކުރުމަށްފަހު ވިއްކާ މަސްކަމުގައި ހަދާނެ ކަމަށް އޭނާ އަންނަނީ ވިދާޅުވަމުން ނެވެ.
ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ)ގެ ދަށުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފުވެ އެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފުވެ އެވެ.
ރާއްޖޭން ބާނާ މަސް ބޭރަށް އެކްސްޕޯޓްކޮށް ތައިލެންޑާއި އެހެން ބައެއް ގައުމުތަކުގައި ކުރިން ވެސް ދަޅުގައި ބަންދުކޮށް އެކި މާކެޓްތަކަށް ނެރެ އެވެ.