ads
ކުޑަކުދިން ގެ ހިޔާ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އާއިލާއާ ހަވާލުކުރަން ހާއްސަ ކޮމެޓީއެއް ހަދަނީ
އެކި މައްސަލަތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން، އެ ކުދިންގެ އާއިލާތަކާ އަލުން ހަވާލުކުރުމުގެ މަސައްކަތުގައި ލަފާދިނުމަށްޓަކައި ހާއްސަ ކޮމިޓީއެއް އުފައްދަން ނިންމައިފި އެވެ.
Advertisement

ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއްޔެ އާންމުކުރި "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިން ގެ އާއިލާއާ ހަވާލު ކުރުމާބެހޭ ގަވާއިދު" ގައިވާގޮތުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމާ ބެހޭ ކަންކަން ހިންގުމުގައި ޖެންޑާ މިނިސްޓްރީ އަށް ލަފާދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ އެ ކޮމިޓީނެވެ. 

މި ކޮމިޓީ އެކުލަވައިލާނީ ޖެންޑަ މިނިސްޓްރީން ކަމަށާއި ކޮމިޓީން ޖަވާބުދާރީ ވާންޖެހޭނީ ޖެންޑަ މިނިސްޓަރަށް ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެ އެވެ. އެ ކޮމިޓީގެ އިދާރީ ކަންކަން ހިންގައި، ބަލަހައްޓަން ޖެހޭނީ ވެސް ޖެންޑަ މިނިސްޓްރީންނެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިންގެ ތެރެއިން އަނބުރާ އާއިލާ އާ ހަވާލުކުރަން ތައްޔާރުވެފައިވާ ކުދިންނާއި ކުއްޖާ ހަވާލުކުރާ މީހާ އަކީ އެ ކަމަށް ޝަރުތު ހަމަވާ މީހެއް ކަން ނުވަތަ ނޫންކަން ނިންމުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވަނީ ކޮމިޓީ އާ އެވެ.

ފަސް މެމްބަރުންގެ މި ކޮމިޓީގައި ތިބޭނީ ޖެންޑަ މިނިސްޓްރީގެ ފަރާތުން ކޭސް މެނޭޖްމަންޓުގެ އިސް މުވައްޒަފަކާއި ސޯޝަލް ސާވިސް ޑިޕާޓްމަންޓުގެ މުވައްޒަފަކާއި ގާނޫނީ ވަކީލަކާއި ސައިކޮލޮޖިސްޓެއްގެ އިތުރުން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ އިސް މުވައްޒަފެކެވެ. ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސެކްރެޓޭރިއޭޓެއް ވެސް މިިނިސްޓްރީން އައްޔަން ކުރަންޖެހޭނެ އެވެ.

މި ކޮމިޓީ އަށް އައްޔަންކުރާ މެމްބަރުންނަކީ ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް އެއްވެސް ގޮތަކުން ދީފައި ނުވާ ބައެއްތޯ ކަށަވަރުކުރަން ޖެހެ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކާ އާއިލީ ގުޅުމެއް ނެތް މީހަކަށް ވެސް ވާން ޖެހޭނެ އެވެ.

މި ހުރިހާ މެންބަރުން ވެސް ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އިގުރާރު ވާން ޖެހެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އަލުން އާއިލާ އާ ހަވާލުކުރާ ގަވާއިދު އެކުލަވައިލީ ދައުލަތުގެ އެ ކުދިންގެ މަސްލަހަތަށް ފައިދާ ހުރީ އާއިލާތަކާ އެކު އުޅެވޭނެ ހާލަތުގައި ކަމަށް ވާ ނަމަ، އަލުން ހަވާލު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި އާއިލީ މާހާއުލުގައި އުޅެބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގަ އެވެ.

މި ގަވާއިދުގެ ދަށުން ކުދިން އަލުން އާއިލާތަކާ ހަވާލުކުރުމުގައި ދައުލަތުންނާއި އާއިލާތަކުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ.


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް