ads
އޮލިމްޕިކްސް ޖަޕާން
އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަކަށް މުންތަގިމް
އަންނަ ހުކުރު ދުވަހު ރަސްމީކޮށް ފަށަން ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަކަށް، އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް ހަމަޖައްސައިފި އެވެ.

ޖަޕާނުގެ ވެރިރަށް، ޓޯކިޔޯގައި ބާއްވާ އޮލިމްޕިކް ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓް މިއަދު ވަނީ ފުރައިފަ އެވެ.

މުންތަގިމް އަކީ އިންޓަނޭޝަނަލް ގޭމްސްތަކާއި މުބާރާތްތަކުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ނާޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އެތުލެޓިކްސްގެ އިންޓަނޭޝަނަލް އިސް ޓެކްނިކަލް އޮފިޝަލްގެ މަގާމު އަދާކުރެއްވި މުންތަގިމް ވަނީ އިންޓަނޭޝަނަލް އެކި ރޭސްތަކުގައި އޮފިޝަލްކަން ކުރައްވައިފަ އެވެ.

މިފަހަރުގެ އޮލިމްޕިކް ގޭމްސްގައި ރާއްޖެއިން ތިން ކުޅިވަރަކުން ހަތަރު އެތުލީޓުން ވާދަކުރެ އެވެ. އެއީ އެތުލެޓިކްސް އިން ދުވުންތެރިޔާ ހަސަން ސާއިދު އާއި ބެޑްމިންޓަން އިން ފާތިމަތު ނަބާހާ އަބްދު ރައްޒާގް އަދި ސްވިމިން އިން އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އެވެ.

ހޮންކޮންގުގައި 2019 ގައި ބޭއްވި ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ގިނަ އިވެންޓުތަކެއްގައި މުންތަގިމް ވަނީ ވަނީ އޮފިޝަލްކަން ކުރައްވައިފަ އެވެ.

ޗެފް ޑި މިޝަންގެ މަގާމު ވެގެންދާނީ ޓޯކިޔޯ އޮލިމްޕިކްސްގެ އިންޓަނޭޝަނަލް ލެވަލްގައި އޭނާ ކުރާ ދެ ވަނަ ތަޖުރިބާ އަށެވެ. ޖާޕާންގައި 2018 ގައި ބޭއްވި އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި މުންތަގިމް ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް އެއީ ރެފްރީއެއްގެ ހައިސިއްޔަތުންނެވެ.

ޗެފް ޑި މިޝަންގެ ޒިންމާ އަކީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް