މިނިވަން ކަމަށް އިތުރު އަހަރެއް ފުރިގެން މިއަދު އެކަން ފާހަގަކުރަމުން އަންނައިރު، ފާހަގަކޮށްލަން ޖެހޭ ކަމެއް އެބަ އޮތެވެ. މިނިވަން ވުމުގެ މުއާހަދާގައި ރާއްޖެއިން ސޮއިކުރި ދުވަހަކީ ރާއްޖޭގެ ފުރަތަމަ މިނިވަން ދުވަހެވެ. އެއާއެކު ރާއްޖޭގެ މިނިވަން ކަމަށް މިއަދު ފުރިގެންދަނީ 56 އަހަރެވެ. ނަމަވެސް މިއަދަކީ 57 ވަނަ މިނިވަން ދުވަހެވެ.
ކަންމިހެން އޮތް ނަމަވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ގިނަ ބަޔަކު ޝުއޫރު ފާޅުކުރަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ މިއަދަކީ 56 ވަނަ މިނިވަން ދުވަހުގެ ގޮތުގައި ސިފަކުރަމުންނެވެ. މީގެ ތެރޭގައި މިނިވަން ދުވަސް ފާހަގަކޮށް، ވިލަރެސް ކުރާ ހޯމް މިނިސްޓްރީ ވެސް ހިމެނެއެވެ. ހޯމް މިނިސްޓްރީންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވަނީ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ކަމަށެވެ. ހޯމް މިނިސްޓްރީގެ އިތުރުން ދައުލަތުގެ ގިނަ އިދާރާތަކުންނާއި ކައުންސިލްތަކުގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ފަރުމާކޮށް ނެރުނު ޕޯސްޓަރުތަކާއި ކުރެހުންތަކުގައި ހުރީ ވެސް 56 ވަނަ މިނިވަން ދުވަސްކަމަށެވެ.
މިއަދަކީ ރާއްޖޭގެ 56 ވަނަ މިނިވަން ދުވަސްކަމަށް ބުނާ މީހުން ބުނާ ވާހަކައަކީ އުފަން ދުވަސް ފާހަގަކުރާ ގޮތުގެ ވާހަކައެވެ. އެއީ އުފަން ދުވަސް ފާހަގަކުރާއިރު، ވަނަ ގުނަން ފަށަނީ ޖެހިގެން އަންނަ އަހަރު ކަމަށެވެ. އެއީ މިސާލަކަށް 2020 ވަނަ އަހަރު އުފަންވާ ކުއްޖެއް ނަމަ 2021 ވަނަ އަހަރު ފުރޭނީ އެއް އަހަރުތާއެވެ. އެއީ އެކުއްޖާގެ އެއް ވަނަ އުފަން ދުވަހެވެ.
ތާރީހު ދިރާސާކުރައްވާ ފަރާތްތަކާއި ކަމުގެ ގިނަ އިލްމުވެރިން ބުނާ ގޮތުގައި އަބަދުވެސް ވަނަ ކިޔާނީ ފުރުނު އަހަރުގެ އެއް އަހަރު ކުރިއަށެވެ. އޭގެ އެއް މިސާލަކީ ހިނގަމުންމިދާ 21 ވަނަ ގަރުނެވެ. 21 ވަނަ ގަރުނު ނަމަވެސް މިއީ ދެ ހާހުގެ އަހަރުތައް ކަން ނޭނގޭނެ މީހެއް ނުހުންނާނެ ކަން ޔަގީނެވެ. އުފަން ދުވަސް ފާހަގަކުރުމުގައި އެގޮތަށް ވަނަ ކިޔުނު ނަމަވެސް ހަގީގަތުގައި 2021 ވަނަ އަހަރު އެކުއްޖާއަށް އަހަރެއް ފުރުނު ނަމަވެސް އަންނާނީ އެކުއްޖާގެ ދެ ވަނަ އުފަން ދުވަސް ކަމެކެވެ. ނަމަވެސް ލިޔެ ކިޔުމުގައި ކުށް ގޮތެއް ބޭނުންކޮށް ދިވެހިންގެ ތެރޭގައި މިހާރު މިވަނީ އަށަގެންފައެވެ.
ދިވެހިންގެ ތެރޭގައި މިނިވަން ދުވަހުގެ ވަނަ ކުށްގޮތުގައި ބޭނުންކުރާ ކަން މިދިޔަ 2020 ވަނަ އަހަރު ފާހަގަކުރި ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ސަމާލުކަމަށް ގެނެސްދެއްވާފައެވެ. ރައީސް މައުމޫން 2020 ވަނަ އަހަރު ވިދާޅުވީ އަޅުގަނޑުމެން ފާހަގަ ކުރަމުން ދަނީ ރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރޭ 56 ވަނަ މިނިވަން ދުވަސް ކަމަށެވެ.
އެހެން ކަމަށްވާނަމަ މިނިވަން ކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު 1965 ވަނަ އަހަރަކީ ރާއްޖޭގެ ފުރަތަމަ މިނިވަން ދުވަހެވެ. ޖެހިގެން އައި 1966 މިނިވަންކަމަށް ފުރުނީ 1 އަހަރެވެ. ނަމަވެސް އެއީ ރާއްޖޭގެ ދެ ވަނަ މިނިވަން ދުވަހެވެ.