ads
ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު
ޖަލުގައި ތިބި ގައިދީންގެ 70 އިންސައްތަ މަސްތުވާތަކެތީގައި ޝާމިލްވާ ކަމަށް: ކަރެކްޝަންސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބަލަހައްޓާ ހަތަރު ޖަލުގައި ބަންދުކުރެވިފައިވާ ގައިދީންގެ ތެރެއިން 70 އިންސައްތަ ގައިދީންނަކީ މަސްތުވާތަކެއްޗާ ކޮންމެވެސް ބާވަތެއްގައި، ޝާމިލްވާ ގައިދީންކަމަށް ކޮމިޝަނަ އޮފް ޕްރިސަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރު މިހެން ވިދާޅުވީ އެމްސީއެސް އާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އިން ޕްރިޒަން އޮފިސަރުން ތަރައްގީކުރުމަށް ހިންގި “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމާއި “ޑްރަގް އެޑިއުކޭޝަން އެވެއަނަސް ޕްރޮގްރާމް ފޯ ޕްރިޒަން އޮފިސާސް” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުންނެވެ. 

މިހަފްލާގައި، އޭނާ ވިދާޅުވީ ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަޕްލައި ހުއްޓުވުމަށް ވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ނެޝަނަލް ލެވެލްގައި މަޝްވަރާތައް ކުރެވި، ގިނަ ކަންކަން ކުރެވެމުންދިޔަނަމަވެސް އެކަށީގެންވާ ހައްލުތަކެއް އަދި ނުފެންނަކަމަށާއި އޭގެ ސަބަބަކީ މުޖްތަމައުތެރޭގައި އަދި ޖަލުތަކުގެ ތެރޭގައިވެސް މިކަން ފެތުރިފައިވާލެއް ބޮޑުކަމުންނާއި އޭގެންކުރާ ނޭދެވޭ އަސަރު ބޮޑުކަމުންކަމަށް  އޭނާ ފާހަގަކުރެއްވިއެވެ. 

އެމްސީއެސްއިން ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަންތަކުން އަތުލާގަނެވިފައިވާކަމަށާއި ޖަލުތަކަށް މަސްތުވާތަކެތި ވަންނަ ގޮތްތައް އިތުރަށް ދިރާސާކުރެވެމުންދާއިރު، ދިވެހިރާއްޖޭގައި ޖަލުތައް ހަދާފައިވާ ގޮތުން، ޖަލުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގައި ބައެއް އަސާސީ ސިފަތަކާއި ކަންތައްތައް ނެތުމުން ދަތިތަކާކުރިމަތިލާންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ އެގޮތުން ޖަލުތަކުގެ ވަށާފާރު ނެތުމާއި ބޭނުންވާ ބައެއް ޒަމާނީ އާލާތްތައް ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ ސަބަބުން ގައިދީން އެއްތަނުން އަނެއްތަނަށް އުފުލުން 1 އިންސައްތައަށް މަދުކުރި ނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ވަންނަކަމަށާއި އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު، އޮޕަރޭޝަންތަކުން 178 މޮބައިލް ފޯނު އަތުލައިގަނެވިފައިވާކަމަށް އަހްމަދު ވިދާޅުވިއެވެ. އަދި މި ކަންތައްތައް ހައްލުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހޭކަމަށާއި ކޮންމެވެސް ވަރަކަށް މިކަންކަމުގައި އޮފިސަރުންގެ ބައިވެރިވުންވާކަމީވެސް ހިތާމަހުރިކަމެއްކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ 

އެކަންތައްތައް ހުއްޓުވުމަށް މުއައްސަސާގެ އޮނިގަނޑަށް ބަދަލު ގެނެވި، ޕްރޮފެޝަނަލް ސްޓޭންޑަޑްއެއް ގާއިމުކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި އޮފިސަރުންނާއި ހުރި ވަސީލަތްތަކުގެ ދަތިކަމާއެކު ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭލެއް މަދުކަމަށް އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ. 

ގައިދީންނަށް ޕެރޯލް ފުރުސަތުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިތަކާ މަޝްވަރާކުރައްވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައެއް ބާވަތުގެ ކުށްތަކަށް ޖަލު ނޫން އެހެން އަދަބު ދެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކަމާބެހޭ ވުޒާރާތަކާ އެކު މަޝްވަރާކުރަން ފަށާފައިވާކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް