ads
ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އަދި މައުމޫން އަބްދުލް ގައްޔޫމް--
ކޮންމެ ރައީސަކު ޖަލަށް، ޝަރުތެއް ތަ؟
ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ސަރުކާރުގެ އެންމެ އިސް މަގާމެވެ. ގައުމުގެ މޫނުބަލާ ލޯގަނޑެވެ. ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް ހުރި އެންމެ އިސް ނަމޫނާ އެވެ. ބަލިމީހުންނަށް އޯގާތެރިވެ އަޅާލަން އޮތް ކުލުނުގެ ހިތެވެ. ރައްޔިތުންނަށް ނުވެ ހުރި ކަންކަން ފޫބައްދައިދިނުމުގެ ސިޔާސަތުތައް އެންމެ ފުރިހަމައަށް ކަނޑައަޅައިދޭން ހުންނަ އެންމެ އިސް ފަރާތެވެ. މަސްތުގެ ވަބާގައި ޖެހޭ ކުދިންނަށް ރަނގަޅުވާނެ ފުރުސަތު ދޭން ހުރި މަގު ދައްކާ މީހާއެވެ.
Advertisement

"ވައްކަން ނުކުރާށޭ" ބުނަން އެންމެ ބާރަށް އަޑުނެރެން ހުރި ފަރާތެވެ. ގައުމުގެ އެންމެ އިސް ލީޑަރެވެ. ހުރިހާގޮތަކުން ފުރިހަމަ ނަމޫނާ އަކަށް ވާން ޖެހޭ މީހާއެވެ.

ރާއްޖޭގައި ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު އެކަން އެގޮތަށް އެބަ ހިނގާ ހެއްޔެވެ؟ ފަހުގެ ތާރީހުތަކަށް ބަލަމާ ހެއްޔެވެ؟ ރައީސް ވެލާނާގޭ އިބްރާހީމް ނާސިރުގެ ހިސާބުން ފަށަމާ ހެއްޔެވެ. ވެރިކަން ކުރެއްވިއިރު އެވަރުގެ މީހަކު ގައުމުގައި ނެތެވެ. ސަނާގެ އަންބާތަކައި ތައުރީފުގެ ލަވަތައް ދިޔައީ އޮހެމުންނެވެ. 

ގައުމީ ބަތަލެއް ކަމާއި ގައުމަށްޓަކައި ޖިހާދުވަމުންދިޔަ ލީޑަރެއް ކަމުގެ ވާހަކަ ދިވެހި ޖައްވުތެރޭ ދިޔައީ ގުގުމަމުންނެވެ. އޭރު އެރައީސް ކުރެއްވި އެއްވެސް ގޯސް ކަމެއް މިގައުމުގެ މީހަކަށް ނުފެނެއެވެ. އެކަމަކު އެވެރިކަމުގައިވެސް އެތައް ބަޔަކަށް އަނިޔާ އާއި ލާއިންސާނީ ގެއްލުންތައް ޖަލުތަކުގައި ދިޔައީ ދެމުންނެވެ.

އެކަމަކު ވެރިކަން ވެއްޓުމާއެކު ގޮވަންފެށީ ލޯހުޅުވާލަން ނުކެރޭ ފަދަ އެއްޗެއްސެވެ. ބާޒާރުމަތީ ބަހުރުވަ މާތްވެގެންގޮސް ގަނޑުވަރުތަކަށް ވަދެ، އެބަހުރުވައިން ތައްގަނޑު ޖެހި ފޮތިތައް މަގުތަކަށް ނެރެވުނެވެ. އިންސާނަކަށް ހަރުފައެއްގެ ސިފަ ގެނެސް ފައިސާ ފޮތިތަކެއް ކަމުންދާ މަންޒަރު ކުރަހައި އެމަންޒަރު ކުރެހި މީހާގެ ނަމަށްދަންދެން ޝާއިއު ކުރެވުނެވެ. 

ލަވަތައް ހުރީ އެންމެ ބާޒާރުމަތީ ބަހުރުވައިން، ތިލަ އިބާރާތުންނެވެ. ހުތުރު ވެގެން ނުގޮވާ އެއްޗެއް ނެތެވެ. އެއީ ސަރުކާރުގެ އާރާއި ބާރުގައި ހިންގުނު ލާއިންސާނީ ފުރައްސާރަތަކެވެ. އޭރު ނަސީބަކުން ނަގައިގަތް ރައީސް ހުރީ ސިންގަޕޫރުގައެވެ. ދައުލަތުގެ މުދަލާ ތަކެއްޗަށް ހެދުނު އެއްޗެއް ހެދުމަށް ފަހު އެވެ.

އޭރުވެސް އަދި އޭގެ ކުރިންވެސް ކަން ހިނގަމުން އައީ އެމަގުންނެވެ. އެކަމަކު އޭރަކު މިހާރު މިގައުމުގައި މިހުންނަހެން މިނިވަން މުއައްސަސާތަކެއް ނެތެވެ. އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނެއް ނެތެވެ. ނުވަތަ ދެންވެސް ދެން ހުރި ކޮމިޝަން ތަކެއް ނެތެވެ. 

އެއީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ރައީސް ކަމުގެ ފެށުން އައި ގޮތެވެ. 1978ގައި ރައީސް މައުމޫނުގެ ވެރިކަމުގެ ފެށުން ވެސް އައިސްފައިވަނީ ހައިޖާނުގަނޑެއްގެތެރެއިން ކަން އެނގެއެވެ. އެއީ ރައީސް މައުމޫނު ހުވާ ކުރެއްވި ރޭ ފިސްތޯލައެއް ޖީބަށް ލައްވާފައި އޮތްކަމަށް ޚުދު ރައީސް ވިދާޅުވެފައިވާތީ އެވެ. 

ބަޔަކު ހަމަލާތަކެއް ދީފާނެ ކަމަށް ބައްލަވާ އަމިއްލަ ނަފްސުގެ ދިފާއުގައެވެ. ގާނޫނީ ގޮތުން އެއީ ކޮން ކަހަލަ ކަމެއް ކަން އެނގިވަޑައި ނުގަންނަވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް އެވާހަކަ ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫނުގެ ވެރިކަމަކީ ދިގު ތާރީހެކެވެ. ބައެއް މީހުން ރަން ތިރީސް އަހަރުގެ ނަމުގައި ސިފަ ކުރާ އިރު އަނެއް ބަޔަކަށް އެއީ އަނިޔާވެރި ތިރީސް އަހަރެވެ. ބައެއް މީހުނަށް އެއީ ތަރައްގީގެ ބާނީ އަށް ވާއިރު އަނެއް ބަޔަކަށް އެއީ ޑިކްޓޭޓަރެކެވެ. ގައުމުގައި ވެރިކަން ކުރެއްވި މުއްދަތަށް ބަލާއިރު އެއީ ދުނިޔޭގައިވެސް އިނގިލިން ގުނާލެވޭ މަދު ރައީސުންގެ ތެރެއިން އެކެކެވެ. އެކަމަށްޓަކައި ފަތްކޮޅެއް ދެންޏާ ދޭންވީ އެވެ. ވެރިކަން ވެއްޓުމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ވި އެއްސަބަބަކީ ވެސް އެއީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރައީސް މައުމޫނަކީ ވެސް ވެރިކަން ހިފެހެއްޓުމަށްޓަކައި ކުރެއްވެން ހުރި ކޮންމެ ކަމެއް ކުރައްވަމުން ގެންދެވި ރައީސެކެވެ.

މީގެ ގާތްގަނޑަކަށް 32 އަހަރު ކުރިން، 1989 ވަނަ އަހރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭރުގެ ޒުވާން ޓީމެއް މަޖިލީހަށް ވަނެވެ. އެކި ސަރަހައްދުތަކުން ގޮނޑި ކާމިޔާބު ކޮށްގެންނެވެ. 

ރާއްޖޭގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ފެށިއެވެ. އޭގެ ފަހަތުން "ހުކުރު" ނޫހާއި "ސަންގުނޫސް" ނުކުންނަން ފެށިއެވެ. ރައީސް މައުމޫނަށް ކެތް ކޮށް ލެވުނީ އެންމެ ދެތިން މަހަށެވެ. 

ބައެއް މީހުން ޖަލަށްލައި އަނެއް ބަޔަކު އަރުވާލައި އަނެއް ބަޔަކަށް ވިޔަފާރި އާއި އެހެނިހެން ގޮތް ގޮތުން ޕްރެޝަރު ކޮށް އެ މީހުންގެ އިސްލާހީ ހަރަކާތް ހިންދާލި އެވެ. އެމީހުންގެ ތެރެއިން ރައީސް މައުމޫނާ އެއްކޮޅަށް އެރިމީހުނަށް ރިސޯޓާއި އެހެނިހެން މަންފާތަކެވެ. އިދިކޮޅު ނޫސްތައް ވުޖޫދުން ނައްތާލިއެވެ. 

އެއަށްފަހު ޖަލުތަކުގައި ކުރާ އަނިޔާވެރިކަމުގެ ވާހަކައިގެ އަޑު ގަދަވެ، ޖަލުގެ ކަންކަން ކޮންޓްރޯލުން ނެއްޓި، އެއްބަޔަކު ރާއްޖޭން ބޭރަށް ގޮސް އުފެއްދީ އެމްޑީޕީއެވެ. މަޖިލީސް މެންބަރުންގެ ވެސް ހިމެނޭ ގޮތަށް 42 މެންބަރުންނާ އެކުއެވެ. 

ޖަލުގައި އެންމެ ގަދައަށް ބޭނުންކުރާ ލަފުޒު ކަމަށްވާ " ސައިޒައް ކެނޑުން" ބޭނުންކޮށް ވައްޓައިލަން މަސައްކަތް ފެށީ މައުމޫނުގެ ވެރިކަމެވެ. ރައީސް މައުމޫނުގެ ވެރިކަން ވައްޓާލީ ގޮވުނުހާ ހުތުރު އެއްޗެއް ގޮވަމުންނެވެ. ސައިޒަށް ކަނޑާލިއެވެ.

ނަތީޖާ ފެނުނީ ކިހިނެއް ހެއްޔެވެ؟ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2008ގައި ފެށި، ވެރިކަމަކީ މާ ސީރިއަސް އެއްޗެއް ކަމަކަށް ރައީސް ނަޝީދުގެ ވެރިކަމުގައި ނުބައްލަވައެވެ. އަދި ހަމައެހެންމެ ރައީސް މައުމޫނު ޖަލަށް ލުމުގެ ވިސްނުމެއް ވެސް ނުގެންގުޅުއްވައެވެ.

އިދިކޮޅުން އަބަދުވެސް ފާޑުކިޔަމުންދިޔަ ރައީސް ނަޝީދުގެ ދީނީ ސިޔާސަތާއި، ޒާތީ ގޮތުން ދީނާ މެދު ގެންގުޅުއްވާ އުސޫލުތަކުގެ ސަބަބުން އިދިކޮޅަށް ނުކުތީ ސީދާ އެމްޑީޕީ ކޯލިޝަން ތެރެއިންނެވެ. 

ކޯލިޝަން ބައިބައިވެ، ވެރިކަމުގެ މުއްދަތު ހަމަނުވަނީސް ވައްޓާލި ވެރިކަމާއެކު ރައީސް ނަޝީދަށް އަނިޔާތަކާއެކު ކަށަވަރު ވެގެން ދިޔައީ ޖަލުގެ ތޭރިތަކުގެ ބިއްދޮށެވެ. މިއީ ރައީސް މައުމޫނުގެ ވެރިކަމުގައި، އިންތިޚާބު ތަކުގައި މަކަރު ހަދާފައިވާތީ ގެނައި ޑިމޮކްރެޓިކް ފުރަތަމަ ވެރިކަމުގެ ވާހަކަ އެވެ. 

ޖެހިގެން އައި 2013 ވަނަ އަހރުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ބޭރުން ލޯނު ނެގުމާއި ރާއްޖެ ތަރއްގީ ކުރުމުގެ ޕްރޮޖެކްޓްތައް ހިންގުނެވެ.

މިނިވަންކަމާއެކު ބަސް ބުނުމުގެ ފުރުސަތު ހަނިވެގެން ދިޔައެވެ. ވަޒީފާތަކުގައި ހަމަޖެހިގެން ދެމިތިބުމުގައި ބިރުވެރިކަން އޮތެވެ. ވެރިކަމުގެ ފަހުކޮޅުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގިއެވެ. ރައީސް ޔާމީނުގެ ކޯލިޝަން ބައިބައިވެ، އެވަރެއްގައި ގޮސް ވެރިކަން ހިފަހައްޓައި އަނެއްކާވެސް އިންތިޚާބަކަށް ދިވެހީންނަށް ފުރުސަތު ލިބުނެވެ. 

އަނެއްކާވެސް އެހެން ރާގެއް، ރައީސް ޔާމީނުގެ ކޯލިޝަނުން ބޭރުވި މީހުންނާއެކު އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް 2018ގައި އިންތިޚާބުވެ، މިއޮތީ ދިވެހީންގެ ކަންކަން ނިންމަން ހަވާލުވެއެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމެވެ. ހަމަ އެހެން ވެެރިކަންތަކެކޭވެސް އެއްފަދައިން މިވެރިކަމުގެވެސް އެންމެ އިސް ކަމަކަށްވީ ނަގައިގަތް ރައީސް ޖަލަށްލުމެވެ. އެކަން ކޮށްފިއެވެ. ރައީސް ޔާމީނަށް ވެސް ވަނީ ޖަލުގެ ގޮޅިން ޖާގަ ކަށަވަރު ވެފައެވެ. 

ރައްޖޭގައި ހިނގި އެހެން ވެރިކަން ތަކެކޭ އެއްފަދައިން މިވެރިކަމުގައިވެސް ވައްކަމާއި ފަސާދައިގެ ކަންކަން ހިނގާފައިވްކަމުގެ އަޑު ކެނޑިނޭޅި ރަށުތެރޭގައި ޑަދަވަމުންދާ ކަމެ އެވެ.

އުފެދޭ ސުވާލަކީ މިވެރިކަން ނިމުމަށް ފަހު ދެންއަންނަ ސަރުކާރަކުން ރައީސް ސޯލިހު އަށް ޖަލުގެ ގޮޅި ކަށަވަރު ކޮށް ނުދޭނެ ހެއްޔެވެ؟ ކަށަވަރު ކޮށްދީފިނަމަ އެއީ ޒަމާނީ ޑިމޮކްރަސީން ދިވެހީންނަށް ލިބޭނެ އާދައެކެވެ. ފެންވަރު ދެރަ އާދައެކެވެ. 

ނަމަވެސް އެއީ ރާއްޖެ ބޭނުންވާނެ އާދައެއް ނޫނެވެ. އެމީހަކު ކުރި ކުށަކަށް ވެރިކަމުގައި ހުންނައިރު އެމީހަކަށް އަދަބު ލިބެން ޖެހޭނެ ކަމީ ބުއްދިން ވިސްނާއިރު ގަބޫލު ކުރެވޭ ގޮތެވެ. އަދި އެއީ ދެން އަންނަ ޖީލަށްވެސް ފައިދާ ކުރާނެ ގޮތެވެ. ވެރިކަމަށް އަންނަ ކޮންމެ މީހަކީ ޖަލަށް ދިއުމުގެ ޝަރުތު ހަމަވާ މީހަކަށް ނެހެދުމަށް މަސައްކަތް ކުރަން ނުޖެހޭ ހެއްޔެވެ؟ 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް