ads
ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިކުމެވަޑައިގަންނަވަނީ- ފޮޓޯ: ސީއެންއެމް
ނޫމަޑި މައްސަލާގައި މޭޔަރު މުއިއްޒަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ
މުއިއްޒަށް ދައުވާ ކުރަނީ ފުލުހުންނަށް ދޮގު ބަޔާނެއް ދިން މައްސަލާގައި
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލިއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފިއެވެ.
Advertisement

އެ ކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން، އެ އެއްބަސްވުން އުވާލިއިރު މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުއިއްޒު ސީއެންއެމްއަށް ވިދާޅުވީ، ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައި ކަމަށެވެ.

މީގެ ކުރިން އެ މައްސަލައިގައި ޕީޖީ އޮފީހުން ބުނެފައިވަނީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން (ނޫމަޑި) ނަމަކަށް ކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއު އާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލް އާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ފުލުހުންނަށް ދީފައިވާ ކަމަށެވެ. 

ޑރ. މުއިއްޒުގެ މައްޗަށް ކުރަނީ ފުލުހުންނަށް ދޮގު ބަޔާނެއް ދީފައިވާތީ، ޤާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އެވެ. 

ނޫމަޑި މައްސަލައިގައި ޑރ. މުއިއްޒުއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭޖީ އޮފީހުން ފުލުހަށް ހުށަހަޅާފައިވާކަން އޭޖީ އޮފީހުން ހާމަކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. 

އޭޖީ އޮފީހުން އެދިފައިވަނީ ނޫމަޑި މައްސަލާގައި ޑރ. މުއިއްޒު އަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް، ރަސްމީ ހައިސިއްޔަތު، ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ނުވަތަ ނޫން ކަން ތަހުގީގުކޮށްދިނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް