ads
ދިގުފެތުމުގެ ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފަތަން ދަސްކުރާކަށް ނުވޭތަ؟
"ތަޖުރިބާގެ ދަތުރެއްގައި ކ. ހުރައަށް ދިޔަ ހިރިޔާ ސްކޫލުގެ 4 ދަރިވަރަކާއި އެސްކޫލުގެ ޕްރިންސިޕަލް ގެބިގެން ނިޔާވި ހަބަރު އަޅުގަނޑު އެހީ ކުއްލި ހައިރާންކަމަކާއި ވަރަށް ފުން އަސަރާއި ހިތާމައާއެކުގައެވެ. އެހެންކަމުން، މި ހިތާމައިގައި އަޅުގަނޑު ބައިވެރިވެ އެ ޢާއިލާތަކަށް އަޅުގަނޑުގެ ނަމުގަޔާއި ސަރުކާރުގެ ނަމުގައި ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ. އަދި ނިޔާވި ދަރިވަރުންނާއި ޕްރިންސިޕަލްގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އެކަލާނގެ ހަޒުރަތުގައި ދުއާ ދަންނަވަމެވެ. އަދި އެ އާއިލާތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދިވެސް އަޅުގަނޑު ދުއާ ދަންނަވަމެވެ.
Advertisement

މި ގައުމީ ހިތާމައިގައި މިއަދުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އަޅުގަނޑު ހަމަޖައްސައިފީމެވެ. އަދި އެސްކޫލްގެ ޕްރިންސިޕަލާއި މި 4 ދަރިވަރުންގެ ޖަނާޒާ ކަންތައް ނިމެންދެން އެމް.އެން.ބީ.ސީގެ ހުރިހާ ޗެނަލްތަކުން ކީރިތި ގުރްއާން ފޮނުވުމަށްވެސް އަޅުގަނޑު ހަމަޖައްސައިފި ވާހަކަ ދެންނެވީމެވެ. " މިއީ 09 ސެޕްޓެމްބަރު 2011ގައި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް މަރުވުމާ ގުޅިގެން އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ މެސެޖެވެ. 

އިހަކަށްދުވަހު ބ. ފުޅަދޫ ތުނޑީކޮޅު ބީޗަށް އެރިއުޅުނު އެކުވެރިން އޮޔާގޮސް, ގެނބެމުންދާތީ ފުރާނަ ސަލާމަތްކުރަން ހިތްވަރުކުރަމުންދިޔައީ މުހައްމަދު ޔޫޝައު އެވެ. ފަތާފައި ގޮސް އެކަކު ސަލާމަތްކޮށްގެން އެއްގަމަށް ވެސް އެރުވި އެވެ. އަނެކަކު ސަލާމަތްކުރަން ގޮސް އޭނާއާ އަރާހަމާވާން އުޅެނިކޮށް ދެން ފެނުނީ ޔޫޝައު 36, މަޑުމަޑުން އަޑިއަށްދާ ތަނެވެ. ކައިރީގައި ތިބި މީހުން އޭނާ މޫދުން ނެގި އިރު އޮތީ ހަރަކާތް ހުއްޓިފަ އެވެ. ފަސްޓް އެއިޑް ވެސް ދިނެވެ. އެކަމަކު ސިއްހީ މަރުކަޒާ ހިސާބަށް ގެންދެވުނު އިރު އޮތީ މަރުވެފައެވެ.

މީގެ ދެތިން ދުވަސްކުރިން ފުޅަދު އަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ ޔޫޝައު އަށް ދިމާވީ ހިތާމަވެރި ގޮތެކެވެ. ދަތުރު ނިންމާފައި އެކުވެރިން އަންނަން ޖެހުނީ ޔޫޝައުގެ ފުރާނަ ނެތް މަސްގަނޑާ އެކުއެވެ.

މިފަދަ އެތައް "މޫދު މަރު" ގެ ހާދިސާއެއް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. ސަރުކާރުން މިކަމަށް ސަމާލުކަން ދެވެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ރާއްޖޭގައި މިކަމަށް ސަމާލުކަން ނުދެވެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ސަމާލުކަން ނުދެވެނީ ކީއްވެ ކަމެއް ނޭނގެއެވެ. އެކަމަކު މޫދުގައި ނުވަތަ ކަނޑުގައި ފަތަން ނޭނގިގެން ދިމާވެފައި ހުރި ހާދިސާތައް ގިނައެވެ. ޔޫޝައުގެ މަރުގެ މައްސަލައި ފަތަން ނޭނގިގެން މަރުވީ ކަމަށް ބުނަނީކީއެއް ނޫނެވެ. ވަޔާއި އޮއިވަރު ހުންނަގޮތެއްގެ ސަބަބުންވެސް އެފަދަ ކަންކަން ދިމާވެދާނެއެވެ. އެހެންނަމަވެސް އެކަށީގެންވާ މިންވަރަށް ކޮންމެ ދިވެއްސަކަށް ފަތަން އެނގެންޖެހޭ ކަމަށް ގިނަމީހުން ގަބޫލުކުރެއެވެ. 

ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނުގެ ފަރާތުން ފަތަންދަސްކޮށްދޭ ޕްރޮގްރާމްތައް ދޭތެރެދޭތެރެއިން ހިންގައެވެ. އެހެންނަމަވެސް އެ އެސޯސިއޭޝަނުން ހިންގަނީ ސުވިމިން އިންސްޓްރަކްޓަރުން މެދުވެރިކޮށެވެ. އެ އެސޯސިއޭޝަނުން ސީދާ އެކަމުގެ ތެރެއަށް ނުވަދެއެވެ. ރާއްޖޭގައި މީހުނަށް ފަތަންދަސްކޮށްދިނުމުގެ ކަންކަން އެންމެ ރަނގަޅަށް ދާކަމަކަށް އެ އެސޯސިއޭޝަނުން ގަބޫލެއް ނުކުރެއެވެ. އޭގެ ސަބަބުތައްވެސް އެސޯސިއޭޝަނުން ދައްކައެވެ. 

އެއެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ އެސޯސިއޭޝަނުން ކުރެވެން ހުރި މަސައްކަތްތައް، ފަތަން ދަސްކޮށްދިނުމަށްޓަކައި ކުރަމުން ގެންދާ ކަމަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަން ވަރަށް ބޮޑަށް ހުންނަކަމަށެވެ. އެހެން ކުޅިވަރުތަކާއި ކަންކަމަށް ވަރަށް ބޮޑަށް ހަރަދު ކުރެވޭ ކަމަށާއި އެކަމަކު ފަތަން ދަސްކޮށްދިނުމުގެ ކަންކަމަށް ދެވޭ ސަމާލުކަން ކުޑަކަމަށް އެ އެސޯސިއޭޝަނުން ފާހަގަ ކުރެއެވެ. 

" ބަޖެޓާއި ، ލިބިހުރި ވަސީލަތްތަކަށް ބަލާއިރު މިކަންކަން ހިންގަން ވަރަށް ގިނަ ދަތިތަކެއް ހުރޭ. ރާއްޖޭގެ ހުރިހާރަށެއްގައިވެސް ޕްރޮގްރާމްތައް ހިންގަން ޖެހޭ. އެކަމަކު އެކަމުގައި ބައިވަރު ދަތިތަކެއް ހުރޭ" ސްވިމިން އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވިއެވެ.

އެ އެސޯސިއޭޝަނުން ފާހަގަ ކުރި ދެވަނަ ކަމަކީ ކިޔަވައިދޭނެ އިންސްޓްރަކްޓަރުންގެ ދަތިކަމެވެ. އިސްމާއިލް ފާހަގަ ކުރެއްވި ގޮތުގައި އެންމެންވެސް ބޭނުންވަނީ ހިލޭ ފަތަންވެސް ދަސްކުރުމަށެވެ. އެކަމަކު އިންސްޓްރަކްޓަރުން ވެސް ކުރަނީ މަސައްކަތެއް ކަމަށް ދެކެން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. 

ދިވެހިންނަށް މޫދު ހިތަކަށް ލިބިފައިވާއިރު އޭގެ ބޭނުން ކުރުމަށް ޑޮލަރު ހަރަދު ކޮށްގެން އަންނަނީ ބޭރުމީހުންނެވެ. މޫދަށް އެރި ފަތަން ނޭނގި ތިބުމަކީ މައްސަލައެއްކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ. އަދި އެއީ ދިވެހި ރާއްޖެ ފަދަ ގައުމެއްގައި ލަދުވެތި ކަމެކެވެ. އެކަމަކު އެއަށް ވުރެވެސް ލަދުވެތީ އެކަމަށްދެވޭ ސަމާލުކަން ކުޑަވުމެވެ. 

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަރިކިއުލަމްގައި ގްރޭޑް 5 ނިންމާ ކޮންމެ ދަރިވަރަކީ ފަތަން އެނގުން މަޖުބޫރު ދަރިވަރެކެވެ. އެކަމަކު ސްކޫލްތަކުގައި ވެސް އެކަން ކުރުން އޮންނަނީ އުނދަގޫ ދަތިކަމަކަށް ވެފައެވެ. ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒު މުހައްމަދު ވިދާޅުވީ އެސްކޫލުގައި ޕްރޮގްރާމްތައް ހިންގަމުންއައީ އެމްއެންޑީއެފްގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެއްކޮށް ކަމަށެވެ. އެކަމަކު އެމްއެންޑީއެފް އަށްވެސް އެކަން ކުރުން އޮންނަނީ ބޮޑު ކަމަކަށްވެފައެވެ. 

" މިސާލަކަށް ހުވަދުއަތޮޅުގައި އެކަނިވެސް އަށާރަވަރަކަށް ރަށް އެބައޮތް . ބައެއްރަށްރަށުގައި ސްކޫލްތައް ގިނަވެސްމެ. ހުރިހާ ރަށަކަށް އެކަން ކޮށްދޭން ޖެހުނީމަ ބޮޑުކަމަކަށް ވާނެ ދެއްތޯ" ޝިފާޒު ވިދާޅުވިއެވެ.

ފަތަން ދަސްކޮށްދިނުމުގައި ދެވޭ ސަމާލުކަން ކުޑަކަމަށް ޝިފާޒުވެސް އެއްބަސް ވެލައްވައެވެ. 

ސްވިމިން އެސޯސިއޭޝަނުން ބުނީ ފަތަން އެނގޭކަމަށް އެ އެސޯސިއޭޝަނުން ގަބޫލު ކުރަނީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި 25 މީޓަރަށް ފެތުމާއެކު ފްލޯޓިންވެސް އެނގުމުން ކަމަށެވެ. އަދި އެގޮތަށް އެނގުނަސް 6 މަސްދުވަސް ފަހުން ލިއުން އާކުރަން ޖެހޭ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ. ހަމައެހެންމެ އިންސްޓްރަކްޓަރުންގެ ގޮތުގައި ތަމްރީންވާ މީހުން ކޮންމެ ދެއަހަރަކުން ލައިސެންސް އާކުރަން ޖެހޭ ކަމަށްވެސް ރާއްޖޭގެ ފެތުމާބެހޭ ޖަމިއްޔާއިން ބުނެއެވެ. 

ފަތަންދަސްކޮށްދިނުމަކީ މުހިއްމުކަމެއް ކަމުގައި ބަލައިގަނެ ހުވަދޫ ސްވިމިން އެސޯސިއޭޝަނުން ދަނީ ޕްރޮގްރާމް ތަކެއް ހިންގަމުންނެވެ. އެ އެސޯސިއޭޝަނުން ބުނާގޮތުގައި މިހާރުވެސް އެޖަމިއްޔާއިން 20 ކުދިންގެ ބެޗަކަށް ފަތަންދަސްކޮށްދެމުން އެބަގެންދެއެވެ. އެޖަމިއްޔާގެ ރައީސް އަހުމަދު ޖަމްޝީދު ވިދާޅުވީ ރާއްޖޭގައި ހިނގާ މޫދުގެ ހާދިސާތަކުގައި މީހުން މަރުވެފައިވަނީ އެކަށީގެންވާ މައުލޫމާތު ނެތުމުންކަމަށެވެ. އަދި ފަތަންވެސް ބައެއް ފަހަރު ނޭނގުމުންނެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެންމެފަހުން ހިނގައިދިޔަ ފުޅަދޫ ކޭސްގައިވެސް ފަހުން ރަށުން ދިޔަމީހުން ފްލޯޓްވާނެ ކަހަލަ އެއްޗެއް ހިފައިގެން ދިޔަނަމަ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑުވާނެއެވެ. 

"އަޅުގަނޑުމެން މިދަނީ ކޮންމެ ހަފްތާއަކުވެސް މީހުން ހޭލުންތެރި ކުރުމަށްޓަކައި ކްލިޕްކޮޅުތަކެއް ހަދައިގެން އާންމުކުރަން ތައްޔާރު ވަމުން. ރާއްޖޭގައި އާންމުކޮށްދިމާވާ މިފަދަ މައްސަލަތަކަށް އޭގައި އެޑްރެސް ކުރެވިފައި ހުންނާނެ" ރައީސް ޖަމްޝީދު ވިދާޅުވިއެވެ. 

ފަތަން ނޭނގިގެން މަރުވުމުން އެކަމުގެ ހިތާމަ ބޮޑެވެ. އާއިލާއަށް ކުރާނެ އަސަރު ފުނެވެ. ރައްޓެހީންނަށް ގެއްލިގެން ދާނީ ގާތް އެކުވެރިއެވެ. އެކަމަކު މިކަންކަމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަރުކާރުން މަސައްކަތް ކުރެވެނީ ކިހާވަރަކަށް ހެއްޔެވެ. ފުރަތަމަ ކަމަކަށް މިފަދަ މަރުތަކުގެ ރިކޯޑް ބެލެހެއްޓިފައިވޭތޯވެސް ބަލަން ޖެހެއެވެ. އެނގޭ ކަމަކީ މިއީވެސް އަޅާލަންޖެހޭވަރަށް އަޅާނުލެވި އޮތް ކަމެއް ކަމެވެ. ދޫވެފައި އޮތް، ސަމާލުކަން ދޭންޖެހޭ މައްސަލައެއްކަމެވެ. "ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނުހެން" ރާއްޖޭގެ މީހުނަށް މޫދު ބޭނުންކަމެއް ބޭނުން ވަގުތަކު ކުރުމަށް ލިބިފައިވާއިރު މޫދުގެ ހަރަކާތްތައް މަދު ކަމީ ދެރަ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް