މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް، ރައީސް ޔާމީން ހާޒިރު ކުރުމުންދިޔަ ގޮތާމެދު އެ ކޮމިޝަނުގެ މެމްބަރުންނާއި އެކި ފަރާތްތަކުން ދައްކަމުން ގެންދާ ހަގީގަތާއި ހިލާފް ވާހަކަތަކާއި ގުޅިގެން ކަން ހިނގައި ދިޔަގޮތް ސާފުކޮށްދިނުމުގެ ގޮތުން ކަމަށް ބުނެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބަޔާނެއް ނެރެފައެވެ.
އެބަޔާނުގައި ބުނެފައިވާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ސަރުކާރުގެ ސިޔާސީ ފަރާތްތަކާއި އަދި ސަރުކާރާއި ބައިއަތު ހިފާފައިވާ، ވާދަވެރި ސިޔާސީ ފަރާތްތައް، އަޑީގައި ތިބެގެން އެކިއެކި ތަހުގީގު އިދާރާތައް މެދުވެރިކޮށް، އަސްލެއްނެތް ތުހުމަތުތައް އުފައްދާފައިވާކަމަށާއި ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުކޮށްފައިވަނީ އެއްވެސް އަސާސެއް ހުރެގެން ނުވަތަ ހެއްކެއް ހުރެގެން ނޫނެވެ.
ބަޔާނުގައި ބުނީ މަރު ކޮމިޝަނުން ރައީސް ޔާމީންގެ މައްޗަށް ކުރަނީ ވީނުވީއެއްނޭނގި ގެއްލުނު ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މައްސަލައިގައި ދައުލަތުން ކުރަން ހުރި ކަންކަމަށް އިދާރާތަކަށް ހުރަސް އެޅި ކަމަށް ބުނެ ނަމަވެސް އެމަނިކުފާނު އެޅުއްވީ ކޮން ހުރަހެއް ކަމެއް އަދި ހުރަސް އަޅުއްވަން އެމަނިކުފާނު ކުރެއްވީ ކޮންކަމެއްކަމެއް އެ ކޮމިޝަނަށް ބަޔާންކޮށްދެވިފައިނުވާ ކަމަށެވެ.
އެހެން ކަމުން ޖުމުލަގޮތެއްގައި މުޅި ތުހުމަތަށް އެމަނިކުފާނު އިންކާރުކުރައްވާ ކަމަށާއި، އަދި އެ މައްސަލާގައި އިތުރަށް ކޮމިޝަނަށް ދޭންޖެހޭ މަޢުލޫމާތެއް ނުވަތަ ދައްކަންޖެހޭ ވާހަކައެއް ނެތްކަމުގައި ކޮމިޝަނުގެ ތަހުގީގުގައި ވިދާޅުވެފައިވާ ކަމަށް ބުނެފައިވެއެވެ. ވަކީލުންގެ ޓީމުން ވަނީ މިފަދަ ތުހުމަތުތައް ކުރަނީ ސިޔާސީ ގޮތުން ރައީސް ޔާމީނަށް ގޯނާކުރަން ކަމަށް ބުނެފައެވެ.
މީގެ އިތުރުން ރައީސް ޔާމީނު ވެރިކަމުގައި ހުންނެވިއިރު މަސައްކަތް ކުރެއްވީ ގާނޫނު އަސާސީއާއި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ކަން ފާހަގަކުރައްވާ އަދި އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް އިރުޝާދެއްދީ އެންގުމެއް އަންގާފައެއް ނުވާނެ ކަމަށްވެސް ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.