ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހު 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް އަދި ނުލިބޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވަނީ އިއްޔެ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ފަރާތުން ޕީޖީއަށް އޮފީހަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ސީއެންއެމްއަށް ވަނީ ލިބިފައެވެ.
ރައީސް ނަޝީދު ސޮއިކުރައްވާ ފޮނުއްވި މި ސިޓީގައި އެ މައްސަލައިގައި ރައީސް ނަޝީދުގެ ބަޔާނެއް މުހިންމު ނަމަވެސް ބަޔާން މިހާތަނަށް ލިބިފައިނުވާކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވާ ކަން ފާހަގަކުރައްވާ، ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން ކޯޓުގައި ވަކާލާތު ކުރާނީ ދައުލަތުގެ އެންމެ އިސް ވަކީލު، ޕީޖީ ހުސެއިން ޝަމީމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން ބޭއްވި ޕްރެސް ބްރީފިން ގައި ފުލުހުންވެސް ވަނީ ރައީސް ނަޝީދުގެ ބަހެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ ބަޔާނަކަށްވެސް ބަހަކަށްވެސް ދައްކަން އޮތީ ޖާނާއި ހިތާއި މޭ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައި ވާއިރު 5 މީހަަކަށް ވަނީ ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު، މުޖާޒް އަހުމަދު، ތަހުމީން އަހުމަދު އަދި އަލީ ހައިޝަމްގެ އަހުމަދު ފާތިހުއަށެވެ. މި 5 މީހުންގެ ތެރެއިން އަދުހަމްގެ މައްޗަށް 4 ދައުވާއެއް ކުރަން ނިންމާފައި ވާއިރު މުޖާޒްގެ މައްޗަށް 2 ދައުވާއެއް، އަދި ތަހުމީންގެ މައްޗަށް 4 ދައުވާއެއް ކުރަން ނިންމާފައި ވާއިރު ހައިޝަމްގެ މައްޗަށް 3 ދައުވާ ކުރަން ވަނީ ނިންމާފައިވާއިރު އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ފާތިހުގެ މައްޗަށް ދައުވާއެއް މިހާތަނަށް އުފުލާފައެއް ނުވެއެވެ.