"ރައީސް ނަޝީދަށް އިންސާފު ލިބިދާނެ ކަމަށް ގަބޫލު ކުރަންތަ؟" މިސުރުހީގެ ދަށުން ވާހަކަ ދެކެވެމުންދިޔަ ކްލަބްހައުސްގެ ފޯރަމެއްގައި ހަލީމު ވިދާޅުވީ 7 ފެބުރުއަރީ 2012ގެ ވެރިކަމުގައިވެސް ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ދޭހަވާފަދަ ގޮތަކަށް ކަންކަން ރޭވިގެން ދިޔަ ކަމަށެވެ.
ބަގާވާތެއް އަންނަން އުޅޭކަން އަމިއްލައަށް ހެއްދެވި އެނެލިސިސްއަކުން އެނގުމާއެކު ލެފްޓިނެންޓެއްގެ ހައިސިއްޔަތުން ޗީފްއޮފް ޑިފެންސްފޯސްއަށް އެކަން އެންގިކަމަށް ހަލީމް ވިދާޅުވިއެވެ. އަންގާފައިވަނިކޮށް ދޭއް ފެބްރުއަރީގައި، ސިފައިންގޭގެ އިންޓެލިޖެންސް ކޮމާންޑަރު ބަގާވާތެއް އަންނަން އުޅޭކަމުގެ ހަބަރު ދެއްވިކަމަށެވެ.
އޭގެކުރިން، ރައީސް ނަޝީދު އަވަހާރަ ކޮށްލަން އުޅޭކަމަށް ދޭހަވާފަދަ ގޮތަކަށް ލައިވްއެކްސަސައިޒެއް ހިނގަމުންދިޔަކަމަށް ހަލީމް ވިދާޅުވިއެވެ. އަދި އެވާހަކަތައްވެސް އަންގަން ޖެހޭ ފަރާތްތަކަށް އެންގިކަމަށް ހަލީމު ވިދާޅުވިއެވެ. އަދި އެކަން މިހާރުގެ ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު އަށްވެސް އެނގިވަޑައިގަންނަވާނެކަމަށް ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އޭގެ ހަފްތާއެއްހާދުވަސް ފަހުން ކަސްޓަމްސްގެ ޖެނެރަލް އޮފިސަރެއް އޭނާ އާ ބައްދަލު ކުރިކަމަށެވެ. ބައްދަލު ކުރުމަށްޓަކައި ވަޑައިގެންނެވީ ކުރީގެ ޕޮލިސްކޮމިޝަނަރު ހުސައިން ވަހީދުއާ އެކީ ކަމަށް ވިދާޅުވިއެވެ. އަދި އެބޭފުޅުން ހަލީމުކުރެން ކޮންވާހަކައެއް ދައްކަންތޯއާއި ، މިތާ ކޮންސަކަރާތެއް ޖަހަން އުޅެނީތޯ ސުވާލު ކުރެއްވި ކަމަށް ހަލީމު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވައިފިން ތީނދީ ނޫންހޭ ދިހަ ބުރި އިމާރާތެއް. އެތާނގަ ވީއައިޕީ ޕްރޮޓެކްޝަނެއްގަ ސްނައިޕަރެކޭ ބާއްވާފަ އޮތީ. ވީއައިޕީ އޮތީ އޭގެ ކުރީގައޭ. ދުނިޔޭގެ އެއްވެސް ގައުމެއްގަ މިގޮތަކައެއް ރާވާފަކައެއް ނުހުންނާނެއޭ. ލައިވް އެކްސަސައިޒެއް ހިނގާއިރުގައެއް" އެދެބޭފުޅުން ގާތު މިހެންވިދާޅުވިކަމަށް ހަލީމުވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އެދުވަހު އިއްތިފާގުން ރައީސް ނަޝީދު ވަޑައިނުގަންނަވާ ކަމަށާއި ރައީސް ނަޝީދު އެދުވަހު ވަޑައިގެންނެވީ ހުޅުމާލެއަށް ކަމަށެވެ.
"އަޅުގަނޑަށް މުޅި ޕްލޭންވެސް ފެނުނު. އެހެންވެގެން އަޅުގަނޑު މިދަންނަވަނީ މިމައުލޫއާގުޅިގެން ރައީސް ނަޝީދަކަށް ނެތޭ މިރާއްޖޭގަ އިންސާފު ލިބޭނެ ގޮތެއް" ހަލީމް ވިދާޅުވިއެވެ.