މި ފަހަރު ޔޫއްޕެ ކައިވެނިކޮށްފައި ވަނީ ރ. ރަސްގަތީމު އަންހެނަކަށެވެ. އެނގިފައިވާގޮތުގައި ޔޫއްޕެގެ ފަސް ވަނަ ކައިވެނި ކުރެވުނީ މިދިޔަ މަހުގެ ތެރޭގައެވެ.
ކައިވެނީގެ ކުޑަ ވަލީމާއެއް އިއްޔެ ބާއްވާފައިވާއިރު ސޯޝަލް މީޑިއާގައި އަންނަނީ އެ ހަފްލާގެ ބައެއް ފޮޓޯ ދައުރު ވަމުންނެވެ.
ފަސް ވަނަ ކައިވެނީގެ ބަހެއް ސީދާ ޔޫއްޕެގެ ފަރާތުން އަދި ލިބިފައިނުވާއިރު ދެ ފަރާތުގެ އާއިލާ އިންނާއި ފޭނުން އަންނަނީ އެދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.
މީގެ ކުރިން ޔޫއްޕެ ހަތަރު ކައިވެންޏެއް ކޮށްފައިވާއިރު ދެ ކައިވެންޏަކަށް ދަރިން ވެސް ލިބިފައިވެއެވެ. އެއީ ފުރަތަމަ ކައިވެންޏަށާއި ދެވަނަ ކައިވެންޏަށެވެ. ދެވަނަ ކައިވެނި ކުރީ ފިލްމީ ތަރި ފަރީލާ އާ އެވެ.
ފަރީލާއާއެކި ދިރިއުޅެމުން އައިސް އެ ގުޅުން ނިންމާލުމަށް ފަހު ދެން ކައިވެނި ކުރީ މާލޭ ސިޓީ މިހާރުގެ މެންބަރު ނަހުލާ އަލީ އަށެވެ.
ހަތަރު ވަނަ ކައިވެންޏެއް ކޮށްފައިވަނީ ދަރިން ހުންނަ މީހަކަށް ކަމަށް ކުރިން މީޑިއާގައި އަޑުތައް ފެތުރު ނަމަވެސް އެ ކައިވެނީގެ ވާހަކަ މާ ގަދަޔަކަށް ނުދެކެވެއެވެ.
ގިނަ އެވޯޑްތަކެއް ހާސިލް ކޮށްފައިވާ ޔޫއްޕެ އަންނީ އެކްޓު ކުރުމުގެ އިތުރުން ފިލްމު އުފައްދާ އަދި ޑައިރެކްޓްވެސް ކުރަމުންނެވެ. ޔޫއްޕެގެ އިތުރު މަސައްކަތްތަކެއް ކުރިޔަށް ރިލީޒްވާން ހަމަޖެހިފައި ހުރިކަން ފާހަގަކޮށްލެވެއެވެ.