ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ހަރަދު ކުރަނީ ރައްޔިތުންގެ ފައިސާއިންކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ހިދުމަތް އެމަޖިލީހަށް ނުލިބޭނެ ގޮތަކަށް ކަންކަން ހިންގާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަތްޕުޅުގައި މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހިދުމަތް ނުލިބި ތިން މަސް ދުވަސް މިހާރުވެސް ވެފައިވާކަމަށާއި، އެހެންކަމުން އެހެން ރައީސަކު ދައްކަވަން ޖެހޭ ކަމަށެވެ.
"ރައީސަކު ނުދައްކަވައި ހަމަމިތާ ތިއްބަވައިގެން އަޅުގަނޑުމެން ހަމަ ސަރުކާރުން ހެދިހާ ގޮތެއް ހެދިގެން ރައީސް ނަޝީދަށް މިތަނަށް ވަޑައިނުގެންނެވޭނެގޮތަކަށް، ބޭރަށް ފޮނުވާލާފައި ބަހައްޓާ ގޮތަކަށް މިކަން ކުރުމަކީ އަޅުގަނޑު ދެކޭގޮތުގަ މަޖިލީސްގެ އަޅުގަނޑުމެންގެ ޒިންމާއާ އެއާ ފުށުއަރާ ކަމެއް،" ރައީސް ޔާމީނުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް މެންބަރުން އަރިހުން ހިތްހަލާސް ހޯއްދެވީ ހަމަ އެއްގޮތަކަށްވެސް ރާއްޖެއަށް ވަޑައި ނުގަންނަވަންތޯ ވެސް ބަލަން ޖެހޭ ކަމަށާއި މަޖިލީހުގައި އެކަމާ ބެހޭ ގޮތުން ބަހުސް ކުރެވެން ޖެހޭ ކަމަށެވެ. އަދި އެފަދަ ހާލަތެއް ދިމާވީ ކިހިނެއް ވެގެންތޯ ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދު ފޮނުއްވި ސިޓީއާއެކު، މިއަހަރުގެ ކުރިއަށް އޮތް ތާނގައި ވެސް އެމަޖިލީހާ އެކު ރައީސް ނަޝީދަށް މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މިއީ މިގައުމަށް ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށާއި މަޖިލީހުގެ ގަވާއިދުގައިވާގޮތުން ވެސް މަޖިލީހަށް ވަރަށް ބޮޑު އުނިކަމެއް، ހުސް ކަމެއް އަންނަ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
މެއި ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިޑީއެއް ގޮއްވާލުމުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، ފުރާނަ ސަލާމަތް ކުރަން ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ. އެ އައިޑީ ގޮއްވާލާފައިވަނީ ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްގެންނެވެ.
އެ މައްސަލައިގެ ތުހުމަތަށް 10 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން އެދި ފުލުހުން، ޕީޖީ އަށް ފޮނުވީ މިދިއަ މަހުއެވެ.