ސީއެންއެމް އަށް ވާހަކަ ދައްކަމުން މުހައްމާ ބުނީ، އަބަދުވެސް ފިލްމީ މަސައްކަތް ތަކަށް ލޯބިކުރާ ކަމަށާއި ދާއިރާއިން އަދިވެސް އޭނާގެ މަސައްކަތްތައް ފެންނާނެ ކަމަށެވެ.
އިތުރަށް މުހައްމާ ބުނީ، މިހާރު ދިވެހި ކުރު ފިލްމު ހެދުން އެއްކޮށްހެން ހުއްޓިފައިވީ ނަމަވެސް ސިޔާސީ މަސްރަހުގެ ކަން ހިނގާ ގޮތް ގޮތުގެ މައްޗަށް އަދިވެސް ހަމަ ފިލްމު އުފެއްދުމުގެ ވިސްނުން ހުރި ކަމަށާއި ސްކްރީނުން އޭނާ އަދިވެސް ފެނުން ވަރަށް ގާތް ކަމަށެވެ.
މުހައްމާ ވަނީ، ގިނަ އަދަދެއްގެ ކުރު ފިލްމު ހަދާ ދިވެހި ސިނަމާއަށް ތަފާތު ދައްކާލާފައެވެ. ސިޔާސީ ދާއިރާގެ ކަން ކަން ވަމުންދާ ގޮތް ގޮތަށް މީގެ ކުރިން މުހައްމާ ވަނީ އެތައް ފިލްމެއް ގެނެސްދީފައެވެ.
އެގޮތުން “ތޭރަ އަށް ވިސްނާ ދެހާސް” އާއި “ސިޔާސީ ވެކްސިން” އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ މުހައްމާގެ ފިލްމުތައް ކަން ފާހަގަކޮށްލެވެއެވެ.
މޮޅު އެކްޓިން އެއް ދައްކައި ބެލުންތެރިން ހެއްވާލި މުހައްމާ ވަނީ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުރި އިރުވެސް ފިލްމީ މަސައްކަތްތަކެއް ކޮށްފައެވެ. އަލީސީޒަން ޑައިރެކްޓްކޮށް ލީޑު ރޯލު ކުޅެފައިވާ “ވަފާތެރި ކެހިވެރިޔާ” އަކީ އޭނާ އެންމެ ފަހުން ހެދި ފީޗާ ފިލްމެވެ.
ކޮވިޑްގެ ހާލަތުގައި މުހައްމާ ވަނީ އޭނާގެ ސްޓޫޑިއިން “ފުރަބަންދު”ގެ ނަމުގައި ޑްރާމާއެއް ވެސް ތައްޔާރުކޮށް ބެލުންތެރިންނަށް ގެނެސްދީފައެވެ.
“ބްރިފްކޭސް” އާއި “ބުންޏޭ ބުންޏޭ” ގެނެސްދިން މުހައްމާ މިހާރު އަންނަނީ އިތުރު ފީޗާ ފިލްމެއްގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ނިޝާ ލީޑު ރޯލަށް ލައިގެން ހަދަން ނިންމާފައިވާ ފިލްމާއި ބެހޭގޮތުން މުހައްމާ ބުނީ، ނިޝާ މަސައްކަތަށް ތައްޔާރުވިހާ އަވަހަށް ފިލްމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މުހައްމާގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތައް މާޔޫސް ވާކަށް ނުޖެހޭނެއެވެ. ކޮވިޑްގެ ހާލަތު ރަނގަޅު ވުމުން މުހައްމާގެ މަސައްކަތްތަށް ފެންނާނެކަމަށް ބުނެއެވެ.
މުހައްމާގެ “ދެކެދެކެވެެސް” ގެ ހުރިހާ ސިލްސިލާ އަކީ ފާހަގަކޮށްލެވޭ އާންމުނަށް ވަރަށް ބޮޑަށް ވެސް ކަމުދިޔަ ސިލްސިލާ އެކެވެ. ދެކެދެކެވެސް އިތުރު ބައެއް ނުގެސްދޭނެ ކަމެއް ވެސް ނޭނގެއެވެ.