ނިއުޒިލޭންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އެޑާން ވަނީ އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޅިގައުމުގައި ލޮކްޑައުން އިއުލާންކޮށްފައެވެ. ކޮވިޑް-19ގެ އެންމެ ކޭސް އެއް ފެނުމާއި ގުޅިގެން މުޅި ނިއުޒިލޭންޑް ލޮކްޑައުންކޮށްފައިވާއިރު މިއީ މިއަހަރު ފެބްރުއަރީއަށް ފަހު އެގައުމުގެ އެތެރެއިން ފެނުނު އެންމެ ފުރަތަމަ ކޭސް އެވެ.
ނޫސްވެރިންނާއި ބައްދަލުކޮށް އެޑާން ވިދާޅުވީ އެގައުމުގެ ކަމާގުޅުންހުރި އިދާރާތަކުން ދެކޭ ގޮތުގައި ފެނުނު ކޭސްއަކީ ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއަންޓްގެ ކޭސްއެއް ކަމަށް ބެލެވޭ ކަމަށެވެ.
ވެކްސިން ނުޖަހާހުރި އުމުރުން 58 އަހަރު މީހަކު ނިއުޒިލޭންޑުގެ އެންމެ ބޮޑު ސިޓީ ކަމަށް އޮއުކްލޭންޑްއިން ފެނިފައިވާއިރު އެމީހާ ވަނީ އެގައުމުގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައެވެ.
އަންގާރަ ދުވަހުގެ ރޭ 11:59 އިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް އެންމެ ހަރުކަށި ލެވެލްގެ ލޮކްޑައުންއެއް އިއުލާންކޮށްފައިވާއިރު ބޮޑުވަޒީރު އެޑާން ވިދާޅުވީ ލޮކްޑައުންގައި އެންމެންވެސް ގޭގައި މަޑުކުރަން ޖެހޭނެ ކަމަށާއި ބޭސް ފިހާރަތަކާއި ސުޕަމާޓްތައް ވެސް ޒަރޫރީ ބޭނުންތަކަށް ނޫނީ ބަންދުކުރެވޭނެ ކަމަށެވެ.
ނިއުޒިލޭންޑަކީ ދުނިޔޭގެ އެންމެ ރަނގަޅަށް ކޮވިޑް ކޮންޓްރޯލް ކުރި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެގައުމުން ވަނީ ވައިރަސް ފެނުނުތާ މާގިނަ ދުވަސް ނުވަނީ އެހެން ގައުމުތަކުގެ މީހުންނަށް އެގައުމުގެ ބޯޑަރު ބަންދުކޮށްފައެވެ. އަދި އެހެން ގައުމުތަކުން އަންނަ އެގައުމުގެ މީހުންނަށް ހަރުކަށި ކަރަންޓީންގެ އުސޫލެއް ކަނޑައަޅައި އެގައުމުގެ ސަރުކާރުން ތަންފީޒް ކުރަމުންދިޔައެވެ.
5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލޭންޑުން މިހާތަނަށް ކޮވިޑް ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ އެންމެ 3،000 މީހުންނެވެ. އެގައުމުން ކޮވިޑްގައި މަރުވީ 26 މީހުންނެވެ.