ads
ކުއްޖާ ފެނުނު ސަރަހައްދު ބަންދުކޮށްފައި-- ފޮޓޯ:ސީއެންއެމް
17 އަހަރުގެ ކުއްޖާގެ މައްޗަށް މައްޔިތާ ނަހަމަގޮތުގައި ބޭނުން ހިފިކަމުގެ ދައުވާ
ރަހީނު ކުރުމަށްފަހު މަރާލާ، ފޮއްޓަކަށްލާ އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާގެ މައްޗަށް މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއާއިއެކު ތިން ދައުވާއެެއް އުފުލާފައިވާ ކަމަށް ޕްރޮސިކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
Advertisement

ރަހީނުކޮށްގެން ގެންގުޅުނު 13 އަހަރުގެ ކުޑަކުއްޖާ ރަހުމުކުޑަގޮތަކަށް މަރާލުމަށް ފަހު ފޮއްޓަކަށްލާ، ހެކި ނެއްތާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާން އާއިއެކު 17 އަހަރުގެ ކުޑަކުއްޖަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކުއްޖާ މަރާލި މައްސަލައަށް ދެމަސް ވެފައިވާއިރު މިއަދު އެމައްސަލާގެ މައުލޫމާތުތައް ނޫސްވެރިންނާއި ހިއްސާކުރެއްވުމަށް ޕީޖީ އޮފީހުން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، އެދެމީހުންގެ މައްޗަށްވެސް ގާނޫނުލް އުގޫބާތުގެ 110ވަނަ މާއްދާގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. 17 އަހަރުގެ ކުއްޖާގެ މައްޗަށް މީހަކު މެރުމުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެ ނަމަ 11 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޭގެ ތެރެއިން ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް ކުރާއިރު، ކުށް ސާބިތުވެއްޖެނަމަ 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ. 

13 އަހަރު ކުއްޖާ މަރާލުމުގައި 27 އަހަރުގެ ޒިހާންއާއިއެކު ބައިވެރިވި 17 އަހަރުގެ ކުއްޖާގެ މައްޗަށް މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާކޮށްފައިވާއިރު، ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ ޖިންސީ ގޮތުންނާއި، ޖިސްމާނީ ގޮތުންވެސް އެތަށް އަނިޔާތަކެއް ދީފަކަމަށް މައުލޫމާތު ލިބެއެވެ. 

ކުއްޖާ ރަހީނުކޮށްގެން އެދެމީހުން ހަތަރު ވަރަކަށް ދުވަހު ގެންގުޅެފައިވާއިރު، ކުއްޖާ ރަހުމުކުޑަގޮތަކަށް މަރާލާފައި އެއްލާލާފައިވަނީ ޖޫން މަހުގެ 23ވަނަ ދުވަހުއެވެ. ކުއްޖާ ގެއްލުނީ 18 ވަނަ ދުވަހުއެވެ.

މިމައްސަލާގައި 13 ދައުވާއެއް ކުރާ ޒިހާންގެ މައްޗަށް ކުރާ ގިނަ ދައުވާތަކަކީ ޖިންސީ ކުށުގެ ދައުވާތަކެވެ. އެގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތް ލުމުގެ ފަސް ދައުވާ ކުރެއެވެ. އަދި ކުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެކުއްޖާއާއިއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަަކައި އެކުއްޖާ ގްރޫމް ކުރުމުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މީނާވެސް ވަނީ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައެވެ. އެހެންކަމުން އެކުށުގެ އިތުރުންވެސް ދައުވާތަކެއް ކުރެއެވެ. 

ކުޑަކުއްޖާ މަރާލުމަށް ފަހު، ލަގެޖު ފޮށްޓަކަށް ލައިގެން ހުޅުމާލެ ފޭސް 2 ސަރަހައްދަށް އެދުވަހު މެންދުރު ގޮސް އުޅުނު ކަމަށާއި އަދި ފުލުހުންނަށް އެމީހުން ފެނުމުން ފޮށި މޫދަށް ގަންބާލުމަށް ފަހު މޫދުން އެރީ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާގެ މަންމަ "ސީއެންއެމް" އާއި ވާހަކަދައްކަމުން ބުނީ، އެކުއްޖާ ގެއްލުނު ދުވަހަކީ "ޔޫރޯ 2020" މެޗު ބޮޑު ސްކްރީންގައި އަޅުވައިގެން މެޗު ބަލަން ގޭ ދޮށުގައި ރައްޓެހިންތަކަކާއެކު ކުއްޖާ އުޅުނު ރެއެއްކަަމަށެވެ. އެއީ ޖޫން މަހުގެ 18 ވީ ހުކުރު ދުވަހެވެ. ކުއްޖާ މަރާލާ އެއްލާލާފައި އޮއްވާ ފެނުނީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. 

ދަރިފުޅަށް ޖިންސީ ގޯނާ ކުރާކަމާއި، ކިޑްނެޕް ކުރިކަމުގެ މައުލޫމާތު ލިބުނީ ޖޫންމަހުގެ 20 ވީ އާދިއްތަ ދުވަހުގެ ފަތިހު ކަމަށާއި، ފުލުހުންނަށް މައްސަލަ ހުށަހެޅީ އެދުވަހު ހެނދުނު ކަމަށް މަންމަ ބުންޏެވެ.

މައްސަލަ ހުށަހެޅުމާ އެކު ފުލުހުން ކުއްޖާ ހޯދަންފެށިއިރު، ތަހުގީގަށް ފުރަތަމަ ކުރިއެރުމެއް ލިބުނީ، ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އާންމުން ވަނުން މަނާކޮށްފައިވާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކުރަމުންދާ ކަމަށް އާންމު މީހަކު ރިޕޯޓް ކުރުމާއި ގުޅިގެންގެނެވެ. 

އެމައުލޫމާތާ އެކު ފުލުހުން އެ ސަރަހައްދު ބަލަމުންދަނިކޮށް ރަހީނުކޮށްގެން ގެންގުޅުނު 13 އަހަރުގެ ކުއްޖާ ފެނިފައިވަނީ ޖޫން މަހުގެ 23 ވީ އަންގާރަ ދުވަހުގެ ރޭ 02:38 ހާއިރު، ބޮޑެތި އަނިޔާކޮށް ފޮއްޓަކަށްލާ އެއްލާލާފަ ވަނިކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު މޫދުން ނެވެ.

އެ ކުއްޖާ ފެނުނުއިރު އެ ކުޑަކުޑަ ހަށިގަނޑުގައި ފުރާނައެއް ނެތެވެ. ގިނަ އިރު ފެނު ތެރޭގައި އޮތުމުން މުޅި މޫނު ކަޅުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ބައެއް ތަންތަނުގައި ލޭ ގަނޑުވެފައި ހުރި އިރު، ހަށިގަނޑަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމުގެ ނިޝާންތަކާއިއެކު، ފަހުން މައުލޫމާތު ލިބުނުގޮތުން ކުއްޖާވަނީ ރޭޕްވެސް ކޮށްފައެވެ.  

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް