ads
ކުރީގެ ނައީބް ރައީސް އަހުމަދު އަދީބު އަދި ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު-
ޒިޔަތާއި އަދީބަކީ، ދައުލަތުން ތައްޔާރުކޮށްފައިވާ "މެޝިން"ތަކެއް: ވަކީލް ޝިޔާޒް
ރިޝްވަތުގައި ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން އާ ދެކޮޅަށް ދައުލަތުން ޝަފަހީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް ހިމެނޭހެން ދައުލަތުން ހުށަހަޅާފައިވާ 86 ހެކިންގެ ހެކިބަސް ބަލައި ނުގަތުމަށް އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ހުށަހަޅުއްވައިފި އެވެ.

މިމަހުގެ އެއްވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން 86 ހެއްކެއް ހުށަަހަޅާފައިވެއެވެ. އޭގެތެރޭގައި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރު، މއ. ސާނީވިލާ މުހައްމަދު ޝިފާއު، ރ. އިނގުރައިދޫ ބުލްބުލާގޭ މުހައްމަދު ހުސެއިންފުޅު، ހ. ވެހެލި އަހުމަދު ޝާއިގު، މއ. ޕޮމްޕިއާ އަހުމަދު ރަޝީދު، ހ. ލެވެންލީ އަހުމަދު ޝާކިރު އެވެ. އަދި ތަހުގީގުގައި ބައިވެރިވި ބައެއް ފުލުހުންގެ އިތުރުން އަދީބާއި ޒިޔަތު ހިމެނެއެވެ. 

މި މައްސަލައާ ގުޅޭ ކިތާބީ ހެކީގެ ގޮތުގައި އެމްއެމްޕީއާރްސީއާއެކު ބަދަލު ކުރި ސިޓީތަކަކާއި ޓްރާންސެކްޝަންތަކާ ގުޅޭ ގިނަ އަދަދެއްގެ ލިޔުންތައް ދައުލަތުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އެއަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުން ހުށަހެޅުންތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އެކަމަށް ފުރުސަތު ދެއްވުމުގެ ގޮތުން ގާޒީ ވަނީ ދެފަރާތަށް ވެސް 10 ދުވަހު މުއްދަތެއް ދެއްވާފައެވެ. 

އެފަހުން މިއަދު ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަކީލް ޝިޔާޒް ވަނީ، ދައުލަތުން ކުރިން ހެކިންގެ ގޮތުގައި ހުށަހަޅި 86 ހެކިންގެ ހެކިބަސް ބަލައި ނުގަތުމަށް ހުށަހަޅާފައެވެ. ކޮންމެ ހެއްކިންގެ ހެކިބަސް ބަލައި ނުގަންނަންވީ ސަބަބުތަށްވެސް ވަކިވަކިން  ވަނީ ސާފުކޮށްދީފައެވެ.  

އެގޮތުން ދައުލަތުގެ ހެކިންގެ ތެރެއިން ޒިޔަތާއި އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް ހުށަހަޅަމުން ވަކީލް ޝިޔާޒް ވަނީ އެދެމީހުންނަކީ ޔާމީނާ ދެކޮޅަށް ހެކި ހުށަހަޅަން ދައުލަތުން ތައްޔާރުކޮށްފައިވާ "މެޝިން" ތަކެއްގެ ގޮތުގައި އަދި "ފާސިގުން"ގެ ގޮތުގައި ސިފަކޮށްފައެވެ. 

"މީނާއަކީ ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހެކިދިނުމަށް އުފަށްދާފައި ހުރި މެޝިނެއްކަމާއި، މީނާއަކީ އުންމަތުގެ ހައްގުނަގާލާ ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެ، ދައުވާކުރެވޭ ބޮޑު ހިޔާނާތުގެ އެންމެ އަޑީގައި ހުރި ފަރާތްކަމާއި، މީނާ ކުށަށް އިއުތިރާފްވެފައިވާ ކަމާއި، މީނާއަށް ހެކިބަސް ނުދެވޭނެ ކަމަށާއި، މީނާއަކީ ފާސިގެއް ކަމަށާއި، ކުށް ސާބިތުވެ ހުކުމްތަށްވެސް ކުރަމުންދާ ކަމަށާއި ޒިޔަތުއާއި، އަދީބު ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ގަޒިއްޔާއި ހިލާފަށް" ވަކީލް ޝިޔާޒް ވިދާޅުވި އެވެ.

އެހެންކަމުން އެދެމީހުންގެ ހެކި ބަލައި ނުގަތުމަށް ދިފާއުން ވަނީ ހުށަހަޅުއްވާފައެވެ. އެކަމަށް ރައްދު ދެމުން ދައުލަތުގެ ވަކީލު އައިޝަތު ވިދާޅުވީ، އަަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ދައުަލަތުން ހުށަހަޅާފައިވަނީ، އެދެމީހުންނަކީ އެމްްއެމްޕީއާރްސީ މައްސަލާގައި ދައުރެއް އޮތް ބަޔަކަށްވާއިރު އެކަން ހިގައިދިޔަގޮތް އެންމެ ރަނގަޅަށް އެގޭނީ އެދެމީހުންނަށް ކަމަށް ވާތީ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލުތުން ފާހަގަކޮށްފައިވަނީ އެކަން ހިގައިދިޔައިރު ޒިޔަތު ހުރީ އެތަނުގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ކަމަށާއި އެމަގާމަށް އޭނާ އައްޔަންކޮށްފައިވަނީ ރައީސް ޔާމީން ކަމަށްވާތީ ކަމަށެވެ. އަދި އަދީބަކީ އެކަން ހިގައިދިޔައިރު ޓުއަރިސަމް މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅެއްްގެ އިިތުރުން 2015 ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރައީސް ޔާމީންގެ ނައިބުގެ މަގާމުގައި ހުރި މީހެއް ކަމަށާއި، އެމަގާމަށް އޭނާ އައްޔަންކޮށްފައިވަނީ ރައީސް ޔާމީން ކަމަށްވާތީ ކަމަށެވެ.  

"އެކުށުގެ ތޮބީއަތުގެ ގޮތުން ހެކިބަސް ދޭން ތިބެނީ ވެސް އެކަމުގައި ޝާމިލްވާ އެކަން ހިގިއިރު އެކަމުގެ ތެރޭގައި އުޅެފަ އެކަން ކިހިނެތް، ކާކު، ކޮންއިރަކު، ކޮންކަމެއް ކުރީ އެފަދަ މައުލޫމާތުތަށް އެނގޭނެ މީހުން" އައިޝަތު ވިދާޅުވިއެވެެ.

އައިޝަތު އިތުރަށް ވިދާޅުވީ ކުށަށް އިއުތިރާފުވެ އެކަން ކުރި ގޮތް ކިޔައިދިނުމަކީ އާ ކަމެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާގޮތް ކަމަށެވެ. 

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ކަމަށް ބުނެ ޒިޔަތުގެ މައްޗަށް އުފުލި 32 ދައުވާއަށް އޭނާ އެއްބަސްވުމާއެކު ދައުލަތުގެ ފަރާތުން އެދުނީ އޭނާއަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. 

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކްރިމިނަލް ކޯޓުގައި 2020ވަނަ އަަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު، އޭނާ އިއުތިރާފުވީ، ދައުލަތާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އަޑުއެހުމުގައި، ކޮންމެ ދައުވާއެއް ވަކިވަކިން އިއްވުމުން އޭނާ ވަނީ އެ ދައުވާއަކަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފަ އެވެ. 

އަދި އެއިން ކޮންމެ ދައުވާއަކަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފް ވަނީ އަމިއްލަ އިހްތިޔާރުގައި ތޯ ވަކިވަކިން ގާޒީ ސުުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ، އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި، ދައުވާތަކަށް އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.

ދައުލަތުން އެދުން ގޮތަށް ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު އެ ހިސާބަށް އޭނާ ހުންނެވީ ގޭގަ އެވެ. އެހެންނަމަވެސް ހުކުމް އިއްވުމާއެކު ޒިޔަތު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ ޑިސެމްބަރުމަހުގެ ތެރޭގައި ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ދައުވާތަކަށްވެސް ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން އިއުތިރާފްވިއިރު އެއާއެކު އަދީބުގެ މައްޗަށް ވެސް އިއްވީ 20 އަހަރުގެ ހުކުމެކެވެ. އެހެންނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން އަދީބު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް