"ސަބަބަކީ ޖަލުން ނުކުމެގެން ދާންޖެހޭ، ނުވަތަ އުޅެން ޖެހިފައިވާ މާހައުލަކީ ރައްކާތެރި މާހައުލަކަށް ނުވާތީ. ޖަލުގައި އެންމެ ކުޑަމިނުން ކެއުމާއި ބުއިމާއި ނިދުން ލިބޭތީ،" އީނާސް ވިދާޅުވި އެވެ.
ކްލަބް ހައުސްގައި ރޭ، ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިކަމުން ދޭހަވަނީ އެކުދީންނަށް އަޅާލުމާއި ލޯތްބާއި އޯގާތެރިކަމުގެ މާހައުލެއް ނެތްކަން ކަމަށެވެ.
"އަޅުގަނޑު ރިޕީޓްކޮށްފައި ދަންނަވަން ބޭނުން އެކުދީންނަށް ބޭނުންވަނީ އަޅާލުމާ ލޯބި. ޖަލުން އަޅުގަނޑާ ދިމާވި އެތައް ބައެއްގެ އެންމެ ފުރަތަމަ ވާހަކަ އަކީ 'އަހަންނަކީ އަޅާލުމެއް ލޯތްބެއް ލިބިފައިވާ މީހެއް ނޫނޭ. ވަންނާނެތަނެއް ނެތޭ. ދާނެތަނެއްނެތޭ. ގެ އެކޭ ބުނީމަ ގެއަކީ ކޮބައިކަމެއް ނޭނގޭ،" އީނާސް ވިދާޅުވިއެވެ.
އީނާސް ވިދާޅުވީ ޖަލުގައިތިބި ބައެއްކުދީންނަށް ގެއަކީ ކޮބައިކަން ބުނެދޭންވެސް ނޭނގޭ ކަމަށެވެ.
ދިވެހި މުޖުތަމައުގައި ހުރި ކުޑަކުދީންނާ ގުޅޭ މައްސަލަތަކާބެހޭ ގޮތުން، ވާހަކަ ދައްކަވަމުން އީނާސް ވިދާޅުވީ ޖަލުން ދިމާވި ބައެއް ކުދިން ގެއެއް ކުރަހައިދޭން އެދުމުން ގޮނޑުދޮށް ކުރަހައިދީފައިވާ ކަމަށެވެ. އަދި އެހެން ކުއްޖަކު ގަހެއް ކުރަހައިދީފައިވާ ކަމަށެވެ. އީނާސް ވިދާޅުވީ އަޅާލުން ކުޑަވުމުގެ ސަބަބުން ގެއަކީ ކޮބައިކަން އެކުދީންނަށް ނޭނގެނީކަމަށެވެ.
ރާއްޖޭގައި ކުށުގެ ވެއްޓަށް ކުދީން ފެތެމުންދާ ސަބަބުތަކުގެ ތެރޭގައި ތައުލީމީ ނިޒާމްު ބިނާވެފައި އޮތްގޮތާއި، ދިވެހި ވެށީގައި ހަރުލަމުންދާ ގޯސް އާދަތަކުގެ ސަބަބުން ވަރަށް ނޭދެވޭ އަސަރުތައް ކުދީންނަށް ކުރަމުންދާ ކަމަށް އީނާސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެތައް ސަބަބުތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އީނާސް ވިދާޅުވީ މިކަން ހައްލުކުރުމަށް އެކުދީންނަށް އެންމެބޮޑަށް ބޭނުންވަނީ އަޅާލުމާ ލޯބި ކަމަށެވެ.
އަސަރާއެކު އީނާސް ވިދާޅުވީ ދިވެހި ކޮންމެ ކުއްޖަކަށް ގޭތެރެއިން އަޅާލުމާއި އޯގާތެރިކަން ލިބެން ޖެހޭ ކަމަށެވެ. އަދި ހަމައެހެންމެ އޯގާތެރިކަމާއި ލޯތްބަކީ ކުޑަކުދީންނަށް އެކަނި ދޭންޖެހޭ އެއްޗެއް ނޫންކަމަށާއި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ލޯތްބާއި އޯގާތެރިކަން ބޭނުންވާކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ގައުމީ ވިންދު" ގްރޫޕްގައި ރޭ ވާހަކަ ދެއްކެވި ބޭފުޅުންގެތެރޭގައި ގައުމީ ދިފާއީ ބާރުގެ ގިނަ ބޭފުޅުންނާއި ކުރީގެ ބަންޑާރަ ނައިބު އާޒިމަ ޝުކޫރު ހިމެނިވަޑައިގަންނަވައެވެ. މިފަހަކަށް އައިސް ކްލަބްހައުސްގެ ގްރޫޕްތަކުގައި މުޖުތަމައުއަށް ފައިދާހުރި ވަރަށް ގިނަ މައުލޫ ތަކަށް ވާހަކަދެކެވެއެވެ.