ads
ބިން ހިއްކުމުގެ މަސައްކަތް ކުރަނީ--
ބިން ހިއްކަން ނަގާ ވެލި އެހެން ކަންކަމަށް ބޭނުން ކުރާ ނަމަ ފިޔަވަޅު އަޅަން ގޮވާލައިފި
ވަކި ޕްރޮޖެކްޓަކަށް ބިން ހިއްކަން ނަގާ ވެލި އެ ނޫން އެހެން ޕްރޮޖެކްޓްތަކުގައި ބޭނުން ކުރުން އާންމު ވެފައިވާ ކަމަށާއި، އެކަން ހުއްޓުވައި އެފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ކަމާގުޅޭ އިދާރާތަކަށް ޑްރެޖިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގޮވާލައިފި އެވެ.
Advertisement

ޑްރެޖިން އެސޯސިއޭޝަނުން ބުނީ ރާއްޖޭގައި ބިން ހިއްކުމުގެ ޕްރޮޖެކްޓްތައް ހިންގަންވީ ގޮތް ކަނޑައަޅާފައި އޮންނަނީ އެ ޕްރޮޖެކްޓެއްގެ އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައި ކަމަށެވެ. ނަމަވެސް ބައެއް ޕްރޮޖެކްޓްތަކުގައި އީއައިއޭ ރިޕޯޓުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް މަސައްކަތް ކުރާ ކަން ފާހަގަ ކުރެވޭ ކަމަށް އެ އެސޯއިއޭޝަނުން ބުނެ އެވެ.

އެގޮތުން ވަކި ޕްރޮޖެކްޓަކަށް ނަގާ ވެލި އެ ޕްރޮޖެކްޓާއި ގުޅުމެއް ނެތް އަދި އެހެން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުން ކުރުން އާންމު ވެފައިވާއިރު އެއީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ހުއްދަ ދޭ ކަމެއް ނޫން ކަމަށް ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.

"ކޮންމެ ޕްރޮޖެކްޓަކަށް ވެސް ވެލި ނަގަންވީ ވަރު ކަނޑައަޅާނީ ހިއްކާ ސަރަހައްދަށް ބަލާފައި، މަސައްކަތް ފެށުމުގެ ކުރިން ޖީއެންއެސްއެސް އަދި ހައިޑްރޯގްރަފިކް ސާވޭ ހަދާފައި. އެހެންކަމުން ކޮންމެ ޕްރޮޖެކްޓަކަށް ވެސް ނަގާ ވެލި، އެއީ ސީދާ އެ ޕްރޮޖެކްޓަކަށް ބޭނުން ކުރެވޭ ވަރަށް ނަގާ އެއްޗެއް… އީޕީއޭ އިން ހުއްދަ އެއް ނުދޭނެ ވަކި ޕްރޮޖެކްޓަކަށް، އެ ޕްރޮޖެކްޓަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެލި ނަގައިގެން އެހެން ރަށެއްގައި އޮންނަ ޕްރޮޖެކްޓަކަށް އެ ވެލި ބޭނުން ކުރުމަކަށް،" ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.

އޭގެ އިތުރުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، އަތޮޅު ތަކާއި ރަށްތަކުގެ އިން ކަނޑައެޅިފައިވާއިރު، އެ އަތޮޅެއްގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއަކަށް ނަގާ ވެލި އެހެން އަތޮޅެއްގައި ހިންގާ ޕްރޮޖެކްޓަކަށް ގެންދާއިރު، ވެލި ނެގި އަތޮޅުގެ ކައުންސިލުގެ ހުއްދަ ބޭނުން ވާނެ ކަމަށް ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.

"އީޕީއޭ އިން ހުއްދަ ދީފައިވާ ގޮތަށް ޑްރެޖިން ޕްރޮޖެކްޓެއް ހިންގާ ނަމަ، އެހެން ޕްރޮޖެކްޓަކަށް ބޭނުން ކުރެވޭ ވަރަށް ވެއްޔެއް ނުނެގޭނެ. އެއީ ކޮންމެ ޕްރޮޖެކްޓަކަށް ވެސް ވެލި ނެގުމުގެ ހުއްދަ އޮންނާނީ ސީދާ އެ ޕްރޮޖެކްޓަކަށް ބޭނުން ވަރު ބެލުމަށް ފަހު އެ ވަރަށް އެކަނި،" ޑްރެޖިން އެސޯސިއޭޝަނުން ބުނެ އެވެ.

ޑްރެޖިން އެސޯސިއޭޝަނުން ބުނީ، ޕްރޮޖެކްޓް ނިންމާފައި ކޮންޓްރެކްޓަރު ދާއިރު އީއައިއޭ ރިޕޯޓާއި ހިލާފަށް އެ ސަރަހައްދުގައި ބޮޑު ވެލި ފޫންޏެއް ޖަހާފައި ގޮސްފި ނަމަ އެއީ އެންވަޔަރަމަންޓް ޑެމޭޖް ލައިބިލިޓީ ރެގިއުލޭޝަންގެ ދަށުން އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށެވެ.

އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގާނޫނުތަކާއި ހިލާފަށް ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބަލައި، އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާގުޅޭ އިދާރާތަކަށް ޑްރެޖިން އެސޯސިއޭޝަނުން ގޮވާލަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް