
އެސްޓީއޯ އިން މިރޭ ވަނީ އެ ކުންފުންޏަށް ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީގެ ތަފްސީލްތައް އާންމުކޮށްފަ އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުން އެ ދެ ވަނަ ކުއާޓާގެ ފައިދާ އަކީ އޭގެ ކުރީ ކުއާޓާއަށް ވުރެ ދެ ޕަސެންޓުގެ ދަށްވުމެކެވެ. ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ ކުއާޓާ އަށް ވުރެ 12 ޕަސެންޓުގެ ދަށްވުމެކެވެ.
ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އަދި އެ ކުއާޓާގައި ތެލުގެ ޑިމާންޑް ދަށްވުމާ ގުޅިގެން ކަމަށް އެކުންފުނިން ބުންޏެވެ. ތެލުގެ ވިޔަފާރިއަކީ އެކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ދާއިރާ އެވެ.
ތެލުގެ ވިޔަފާރި ދަށްވި ނަމަވެސް، އެކުންފުނީގެ އެހެން ވިޔަފާރީގެ އާމްދަނީ އިތުރުވި ކަމަށް އެސްޓީއޯއިން ބުންޏެވެ.
ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާ ވެސް ވަނީ ދަށްވެފަ އެވެ. ހިންގުމުގެ ފައިދާ ދަށްވިކަމުގައިވީ ނަމަވެސް ދެވަނަ ކުއާޓާގައި އިންވެސްޓްމަންޓް އިންކަމް އިތުރުވުމާއިއެކު ނެޓް ފައިނޭންސް ކުޑަކުރެވި ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 198 މިލިއަން ރުފިޔާއެވެ.
ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 163 މިލިއަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ ކުއާޓާ އާ އަޅާ ބަލައި ތިން އިންސައްތައިގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާ ބަލާއި އިރު ސާފު ފައިދާ 15 މިލިއަންއިން އިތުރުވެ، 10 އިންސައްތައިގެ ކުރިއެރުމެއް ވަނީ އެ ކުންފުންޏަށް ލިބިފަ އެވެ.
މިދިޔަ އަހަރު ކުންފުންޏަށް ފައިދާގެ ގޮތުގައި 741 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 2023 ވަަނަ އަހަރަށް ވުރެ 10 ޕަސެންޓް ދަށް އަދަދެކެވެ. އެ އަހަރު ކުންފުނީގެ ފައިދާގެ ގޮތުގައި 812 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.