ads
ޝިދާތާ އެމްއެންޕީއާ ސޮއިކުރެއްވުން--ފޮޓޯ:އެމްއެންޕީ
ޝިދާތާ އެމްއެންޕީއާ ގުޅިވަޑައިގެންފި
ކުރީގެ ޖެންޑަ މިނިސްޓަރުކަން ކުރައްވާފައިވާ ޝިދާތާ ޝަރީފް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅިވަޑައިގެންފިއެވެ.
Advertisement

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިސްވެރިޔާގެ މަގާމުވެސް އަދާކުރައްވަމުން އައި ޝިދާތާ އަދާލަތުން ވަކިވެވަޑައިގަތީ މިހަފްތާ ތެރޭގައެވެ. 

ޝިދާތާ އެމްއެންޕީއާ މިއަދު ގުޅިވަޑައިގަތްއިރު، އެމްއެންޕީން ބުނީ ޝިދާތާ ފަދަ ސިޔާސީ، އިޖުތިމާއީ އަދި ހިންގުމުގެ ދާއިރާއިން ކުޅަދާނަ އަދިި ތަޖުރިބާ ހުރި ބޭފުޅަކު އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. 

ޝިދާތާ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެންޑާ މިނިސްޓްރީގެ ނައިބުކަން ކުރެއްވާފައެވެ. ނަމަވެސް ސަރުކާރާ އަދާލާތު ޕާޓީއާ ދެބަސްވުން އުފެދި، ސަރުކާރު ދާ މިސްރާބާ މެދު ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވެ، އެކަމަނާ 2015ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. 

އެފަހުން 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ގެނެއުމަށްޓަކައި އަދާލަތު ޕާޓީއާއިއެކު އެމްޑީޕީން ކޯލިޝަން ހެދައިގެން މަސައްކަތްކުރި އިރު ގިނަ މަސައްކަތްތަކެއް ޕާޓީގެ އިސްސަފުގައި ހުންނަވައިގެން ޝިދާތާ ކުރައްވާފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން އެފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާ ކޯލިޝަން ސަރުކާރަކުން އެމްޑީޕީ ވެރިކަމަށް އައުމަށްފަހު މަގާމުތަށް ކޯލިޝަނަށް ބަހާލިއިރު ޖެންޑަ މިނިސްޓްރީގެ މަގާމު އެކަމަނާއަށް ލިބިވަޑައިގަތެވެ.

ނަމަވެސް މިނިސްޓްރަކަމުގެ މަގާމުގެ ފުރަަތަމަ ކޮޅު ފެންމަތިވި ޖިންސީ ކުށުގެ އެތަށް މައްސަލަތަކަކަށްފަހު ޖެންޑާއިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ، އިސްތިއުފާއަށް ގޮވާ އާއްމުން މުޒާހަރާތައް ފެށި ދަނޑިވަޅެއްގައި، އެމްޑީޕީގެ ޕީޖީ ގުރޫޕުން އެކި ތުހުމަތުތައް ކުރައްވާ އެކަމަނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނެ ކަމުގެ އިންޒާރު ދޭން ފެށުމުން މިދިޔަ އަހަރުގެ ފެބްރުއަރީ ހަޔެއްގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. 

އެމްއެންޕީއަކީ ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒްއާއި، މުހައްމަދު ނަޝީދު އަބްދުﷲ ގެ އިތުރުން އަބްދުލް މުހުސިން ހަމީދު އާއި ގުޅިގެން އުފައްދާފައިވާ ޕާޓީއެކެވެ. 

2023ވަނަ އަހަރުގެ އިންތިހާބާއި ދިމާކޮށް ޕާޓީގެ ހަރަކާތްތައް ފުޅާކޮށް ޕާޓީއަށް ގިނަ އަދަދެއްގެ މީހުން ގުޅުމަށް ކެމްޕެއިންތައް ފަށާފައިވާއިރު، މިހާތަނަށް 4000އަށްވުރެ ގިނަ މެމްބަރުން ވަނީ އެޕާޓީއާއި ގުޅިފަކަމަަށް އެޕާޓީން ސީއެންއެމްއަށް މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް