ރަށުގެ ގަދަރުވެރި އާއިލާއެއްގެ ހަތަރު މެންބަރުންނާއި އެރަށު ސްކޫލްގެ އިސްލާމް ޓީޗަރުގެ އަންހެނުން ވެސް ކަނޑުވެގެން މުޅި އުމުރަށް ވަކިވީ އެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެ އާއިލާ ތަކަށެވެ. ހިތާއި ސިކުނޑިން އެ ހަދާންތައް ފޮހެލަން އެންމެ ދަތި ވާނީ ޔަގީނުންވެސް އެ ހާދިސާއިން ސަލާމަތްވި މީހުންނަށެވެ.
ސަލާމަތް ނުވެވި ދުނިޔެއާ ވަކިވެ ފަސް މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މެންބަރުން ކަމަށްވާ، އެ ރަށު އަހިމާގެ އުމުރުން 55 އަހަރުގެ ހުސައިން އަބްދުﷲ އާއި އޭނާގެ އަންހެނުން އުމުރުން 48 އަހަރުގެ މަރިޔަމް މައުސޫމާ އާއި އެ ދެމަފިރިންގެ ދަރި، އުމުރުން 30 އަހަރުގެ ފާތުމަތު ގުރައިޝާ އާއި އޭނާގެ ތިން އަހަރުގެ ދަރި، އީރާ ހަސަން ޝީފާޒުގެ އިތުރުން ދެން މަރުވި އެ ރަށު ވީނަސް، އުމުރުން 51 އަހަރުގެ އައިޝަތު އަލީގެ ހަނދާން ނުވާ އެންމެ މީހަކުވެސް އެރަށުގައި ނެތެވެ. މޫސުން ގޯސްވެފައި ވަނިކޮށް ދަތުރެއް ކުރަން އެރަށު ގިނަ މީހުން މިހާރު ޖެހިލުންވެއެވެ. އެހެން ނަމަވެސް އެމީހުން ވަރަށް ކެތްތެރިއެވެ.
އެ ހާދިސާ ތަޖުރިބާ ކުރި މީހުން ވެސް ހަމަ އެހާމެ ހިތްވަރުގަދައެވެ. މޫނު މަތިން ހިތާމައިގެ އަސަރު އެންމެނަށް ނުދެއްކި ނަމަވެސް އަދިވެސް އެންމެންގެ ހިތްވަނީ އެ ހާދިސާގައި މަރުވި މީހުންނާއި އެކުގައެވެ.
ލޯންޗު ކަނޑުވި ހާދިސާގައި ސަލާމަތްވި މީހަކު މީގެ ދެ އަހަރު ކުރީގެ ހަނދާނެއް އާކުރަމުން ވަރަށް ހިއްވަރާއެކު އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ވެސް އެެދުވަހުގެ ބައެއް ވާހަކަތައް މިވަނީ ހިއްސާކޮށްފައެވެ. އެދުވަހުގެ އެ ހިތްދަތި ހަނދާންތަކަކީ ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެންދާނެ ހަނދާންތަކެއް ނޫން ކަމަށް އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ. އަދި ލޯންޗު ކަނޑުވި ވަގުތު ވާރެޔާ ބިޔަ ރާޅުތަކުގެ ތެރޭގައި ފެންނަމުންދިޔަ މަންޒަރުތައް ދެންމެ ވީކަމެއް ފަދައިން ލޯކުރިމަތިން ސިފަވަމުންދާ ކަމަށް އަސަރާއެކު ބަޔާންކޮށްފައި ވެއެވެ.
އޭނާ އިތުރަށް އެ ޕޯސްޓުގައި ލިޔެފައިވަނީ ވަކިވެގެންދިޔައީ އެންމެ ކުޑައިރުން ފެށިގެންވެސް އެންމެ ގާތް އެކުވެރިޔާ އާއި ލޯބިވާ އާއިލާއެއް ކަމަށާއި ނަމަވެސް އެއްވެސް މީހަކީ ތާއަބަދު ދުނިޔޭގައި ހުންނާނެ މީހެއް ނޫން ކަމަށެވެ. އެހެން ކަމުން އަބަދުވެސް އެކަނި އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.
ފަހަރުގެ ހިނިތުންވެފައިވާ ކޮންމެ މޫނެއްގެ ފަހަތުގައި އުފާވެރިކަން ނުވެދާނެ ކަމަށް ހާމަ ކުރަމުން އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ޔަގީނުންވެސް ކެތްތެރިންގެ ތެރެއިން އޭނާ ވާނެ ކަމަށެވެ.
މިއީ އެ ބިރުވެރި ހިތްދަތި ހާދިސާގައި ބިންދަމުންދިޔަ ބިޔަ ރާޅުތަކުގެ ތެރެއިން اللهގެ ރަހުމަތްފުޅާއެކު ސަލާމަތްވި އެންމެ މީހެއްގެ ވާހަކައެވެ. އެދުވަހުގެ އެހާދިސާގެ ބިރުވެރިކަން ތަހައްމަލު ކުރި މީހުންގެ ލޯތަކުން އަދިވެސް ކަރުނަ ނުހިކެއެވެ. ކުރު ދަތުރެއްގެ ތެރެއިން ހިނދުކޮޅެއްގެ ތެރޭގައި ލޯބިވާ ބަޔަކު ގެނބިގެން މި ފަނާކުރަނި ދުނިޔެ އަށް އުމުރަށް އަލްވަދާއު ކީއިރު ނޮޅިވަރަންފަރުގެ އެންމެންގެ ހެޔޮ ދުއާ ވަނީ އެ ފަސް މީހުންނާއި އެކުގައި ކަން ކަށަވަރެވެ.
ރާއްޖެ އަށް ސިހުންގެނައި އެ ހާދިސާގައި ވަކިވެގެންދިޔަ އެ ފަސް މީހުންނަކީ ވެސް ރަށުގެ އެންމެންގެ ވެސް ލޯތްބާއި އިހުތިރާމް ފުރިހަމައަށް ލިބުނު ފަސް މީހުންނެވެ. މިއަދު ދުނިޔޭގައި ނެތަސް ނޮޅިވަރަންފަރުން އެ ފަސް މީހުންގެ ހަނދާން އާކުރާނެ ކަން ޔަގީނެވެ. އެ ދުވަހުގެ ހިތާމަވެރި ހަނދާންތައް ދުވަހަކު ވެސް ނުފިލާނެ އެވެ. އެހާދިސާގެ ހަނދާން ނޮޅިވަރަންފަރު ރައްޔިތުންނެކޭ އެއް ފަދައިން މުޅި އުތުރުގެ ރަށްރަށުގައި ވެސް އާވެ އާވެ ހުންނާނެ އެވެ.