ads
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުު- ފޮޓޯ: ސީއެންއެމް
ފަނޑިޔާރުންގެ އަޑާއި ހުކުމްތައް ތަފާތުތަ؟
މީގެ އަހަރުތަކެއް ކުރިން ފަނޑިޔާރެއްގެ ވީޑިއޯއެއްކަމަށް ބުނާ އަހްލާގީ ފެންވަރު ދެރަ ވީޑިއޯއެއް ދައުރުވިއެވެ. ފަނޑިޔާރަށް މޮޅުވީ އެވީޑިއޯ ހަދާލި މީހުންނެވެ. ތެދެކެވެ. ވީޑިއޯ ހަދަން މޮޅު އައީޓީ ދާއިރާއިން ކިޔަވައިގެން ތިބި މީހުން މިރާއްޖޭގައި ގިނައެވެ. އެހެން ކަމުން އެފަދަ ވީޑިއޯއާއި އޯޑިއޯ ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

ފަނޑިޔާރުންނަކީ ނަޒާހަތްތެރި ވާންޖެހޭ ބައެކެވެ. އެވަރުގެ މުސާރައެއް އެމީހުނަށް ދެއެވެ. އެވަރުގެ ގަނޑުވަރުތައް އެމީހުނަށް ހުންނަނީ ދީފައެވެ. އެވަރުގެ އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތައް އެމީހުންށް ދިވެހި ދައުލަތުން ވަނީ ދީފައެވެ. އެހެން ކަމަށްވާނަމަ ވަފާތެރިވާން ޖެހޭނީ ދިވެހި ދައުލަތަށެވެ. ރައްޓެއްސަކަށް ގާތް ތިމާގެ މީހަކަށް ނޫނެވެ. ސިޔާސީ އެކުވެރީންނަކަށްވެސް ނޫނެވެ. ދިވެހި ދައުލަތަށެވެ. ހަމައެކަނި ދިވެހި ދައުލަތަށެވެ. 

ފަސް އަހަރުގެ ޖަލު ހުކުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވަނީ ބެންޗުގައި ތިއްބެވި ގާޒީން "ރަހީނުކޮށްގެން" ކަމަށް އެމައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވީ މިދިއަ އޮގަސްޓް މަހުގެ 29 ވަނަދުވަހުއެވެ.

your imageގާޒީ ހުސައިން ފާއިޒު ރަޝާދު

ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އަހްމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑް ކުރުމަށް ފަހު އެމައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ފަސް ގާޒީންގެ ބެންޗުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާ އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެމަނިކުފާނު ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5 މިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ހުކުމްކޮށްފައެވެ.

އެދުވަހު ބެންޗުގައި އިންނެވި ފަސް ގާޒީގެ ތެރެއިން ގާޒީ ހުސެއިން ފާއިޒް ރަޝާދު އޭނާގެ ރަހުމަތްތެރިއަކާއި ދެއްކެވި ކަމަށް ބެލެވޭ ވާހަކަތަކެއްގެ އޯޑިއޯއެއް ލީކުވެފައިވާއިރު، ރައީސް ޔާމީންއަށް އިވުނު ހުކުމަކީ ގާޒީން ތަކެއް ރަހީނުކޮށްގެން ބޭއިންސާފުން އިއްވާފައިވާ ހުކުމްތަކެއް ކަމަށް އެއޯޑިއޯގައި އޭނާ އެއްބަސްވެ ވާހަކަަދައްކަވާ އަޑުއިވެއެވެ. 

އެފަދަ ހުކުމެއް އިއްވުމަށް ގާޒީއަކަށް މަޖުބާރު ވާނެ ގޮތެއްގެ ގޮތުގައި ރަހުމަތްތެރިއާ ބުނާ އަޑުއިވެނީ އެއްގޮތަކީ "ވިކިފައި ހުރުން" ކަމަށެވެ. ނުވަތަ "ވަޒީފާގެ ބިރުވެރިކަން" ކަމަށެވެ. އެކަމަށް ގާޒީ ފާއިޒު ވިދާޅުވެފައިވަނީ އޭގައި ތިން ވަނަ ގޮތެއް ވެސް އޮންނަ ކަމަށެވެ. އެއީ "ގާޒީން ރަހީނުކުރުން" ކަމަށް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ "ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް" ހުންނަ ކަމަށެވެ. މިނޫނަސް ގިނަ ވާހަކަތަކެއް މިއޯޑިއޯ ކްލިޕުން އިވިގެން ގޮސްފައިވެއެވެ. 

ފަނޑިޔާރު ފާއިޒު ރަޝާދުގެ އިތުރުން، އިތުރު އޯޑިއޯ ކްލިޕްތަކެއްވެސް ވަނީ މިދަނޑިވަޅުގައި ލީކު ވެފައެވެ. ފަނޑިޔާރު އަލީ އާދަމްގެ އޯޑިއޯއަކާއި، ފަނޑިޔާރު މުހައްމަދު ސަމީރުގެ އޯޑިއޯއަކާއި، ފަނޑިޔާރު ހުސައިން ފާއިޒް ރަޝީދުގެ އޯޑިއޯއެއް އާންމުވެގެން ޖޭއެސްސީން މި މައްސަލަ ތަހުގީގު ކުރަން ފެށިއިރު،  ފުލުހުންނަށް ވެސް މައްސަލަ ބެލުމަށް ވަނީ ފޮނުވާފައެވެ. ފުލުހުންވަނީ އަޑުތަކުގެ ސާންޕަލް ވެސް ނަގާފައެވެ. 

ރައީސް ޔާމީނަށް ހުކުމް އިއްވި ބެންޗުގައި ތިއްބެވީ ފަސް ފަނޑިޔާރުންނަކީ އަލީ ރަޝީދާއި މުހައްމަދު ޝަކީލާއި މުހައްމަދު ސަމީރު އާއި އަލީ އާދަމާއި ހުސައިން ފާއިޒު ރަޝާދު އެވެ. މި ފަސް ފަނޑިޔާރުންގެ ތެރެއިން ލީކްވެފައިވާ އޯޑިއޯގައި ވާހަކަ ދަައްކަވާކަމަށް ވަނީ މުހައްމަދު ސަމީރު އާއި އަލީ އާދަމާއި ހުސައިން ފާއިޒު ރަޝާދު އެވެ.

ރައީސް ޔާމީންނަށް އިއްވި ހުކުމަކީ ނުހައްގުން ގާޒީން ތަކަކަށް މަޖުބޫރުކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށް ދޭހަވާ ގޮތަކަށް ބެންޗުގައި ހިމެނޭ ތިން ފަޑިޔާރަކު ވާހަކަ ދައްކަވާ އަޑު އިވޭ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޙުސައިން ފާއިޒު ރަޝާދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަލީ އާދަމްގެ އިތުރުން ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުޙައްމަދު ސަމީރު ވެސް ފަހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޒު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަލްއުސްތާޒު އަޙްމަދު ޝަކީލު އާ ވެސް ސުވާލު ކުރެވިފައިވާ ކަމަށާއި އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް މި ދެ ފަނޑިޔާރުންވެސް ދޮގުކުރައްވާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. 

your imageޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ )ގެ މެމްބަރުން 

އޯޑިއޯތަކުގައި ވާހަކަ ދައްކާފައި ވަނީ އެފްރިކާ ބައެއް ނޫންކަން އެނގެއެވެ. ނުވަތަ ދިވެހި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހެއް ނޫންކަން އެނގެއެވެ. ވާހަކަދެއްކުމުގެ ރާގާއި ބަހުރުވަ ބޭނުންކޮށްފައިވާ ގޮތަށް ބަލާއިރުއެވެ. ވާހަކަ ދައްކާފައިވަނީ ފުރިހަމަ ދިވެހި ބަހުންނެވެ. އަދި ވާހަކަ ދައްކާ މީހުންގެ ތައުލީމީ ފުދުންތެރިކަމެއް ހުރިކަންވެސް ފާހަގަ ކުރެވެއެވެ. ކުރިންވެސް ބުނިހެން ފަނޑިޔާރުންނަކީ ވަރަށް ނަޒާހަތްތެރި ބައެކެވެ. ފަނޑިޔާރުންގެ އެންމެ ރީތި ގޮތަކީ ތެދުވެރިވުމެވެ. ރީތި ގޮތަކީ ތިމާމެންގެ އަޑު ކަމަށްވާނަމަ އިތުރު ޓެސްޓުތަކެއް ކުރަން ނުފޮނުވައި ތިމާމެންނޭ ވިދާޅުވުމެވެ. އެކަމަކު މިހާރު އެވަނީ އެބޭފުޅުންގެ އަޑު ނޫންކަމަށް ވިދާޅުވެފައެވެ. އެހެންވެ ފުލުހުންގެ އިދާރާއިން އެދަނީ ތަހުލީލު ކުރުމުގެ މަސައްކަތް ކުރިއަށެވެ. 

ރާއްޖޭގައި ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމެކެވެ. ޝަރުއީދާއިރާގެ މީހެއްގެ ކަމެއްކަމަށް ވާނަމަ އަބަދުވެސް ކުރެވޭނީ ޝައްކެވެ. ވަހުމެވެ. ޑްރަގް މައްސަލަ ތައްވެސް އޮންނަނީ އެކަހަލަ ރާގެއްގައެވެ. ތުހުމަތާއި ޝައްކުގެ މައްޗަށެވެ. އެހެންކަމުން ސާބިތު ކުރެވުމަށްވުރެ ނުކުރެވުމުގެ ކޮޅަށް ބުރަވެއޭވެސް ބައެއްފަހަރު ހީވެއެވެ. ތިބާގެ އަޑާއި އަހަރެންގެ އަޑު އިވިއްޖެއްޔާ އަހަރެމެންގެ ރައްޓެހީންނަށް ވަރަށް ފަސޭހައިން އެނގޭނެއެވެ. އަދި އަހަރެމެން އަމިއްލައަށްވެސް އެއީ އަހަރެމެންގެ އަޑުކަން އެނގެއެވެ. އެއީ ޖަޕާނު މީހެއްގެ އަޑު ނޫންކަންވެސް އެނގެއެވެ. އަމިއްލަ ނަފްސަށް ފަރުވާތެރިނުވެ، އޮޅުވާލާ ޝަރުއީ ނިޒާމަކުން ލިބޭނެ މޮޅެއް އޮވެދާނެހެއްޔެވެ؟ ތެދެކެވެ. "ވަކަރުގަނޑު މާވަޑިޔާ ހިތެކެވެ. ނިޔާ ފަނޑިޔާރާ ހިތެކެވެ."

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް