ads
އިބުރާ- ފޮޓޯ: ސީއެންއެމް
ބްރިޖް ހެދުމަށް ވުރެ މުހިއްމީ ތައުލީމަށް ހަރަދު ކުރުން: އިބްރާ
ބްރިޖެއް އެޅުމަށްވުރެ މިވަގުތައް މުހިއްމީ ތައުލީމަށް ހޭދަކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި މަންދު ކޮލެޖްގެ ޗެއާމަން އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
Advertisement

އިބްރާ ވިދާޅުވީ މި މުޖުތަމައު އަކީ ތައުލީމީ މުޖުތަމައަކަށް ހަދަން އެބަޖެހޭކަމަށެވެ. ތައުލީމީ މުޖުތަމައުއެއް ކަމަށް މާނަ ކުރައްވަނީ ޖީސީއީ އޯލެވެލް ހެދުމަށްފަހު ބިޒްނަސް ސްޓްރީމްގެ އިމްތިހާންތައް ހަދާ ކުދިންތަކެއް އިތުރު ކުރުމުގެ ވާހަކަނޫންކަމަށް އިބްރާ ވިދާޅުވިއެވެ. 

"އެއަށްވުރެ ރަނގަޅު، ފެންވަރު މަތީ އަމިއްލަ ކްރިޓިކަލް ތިންކިން ހުރި ރައްޔިތެއް އުފެއްދުން. އެމެރިކާ ގައި އެކަން ކޮށްގެން އެއުޅެނީ އެހެން އިނގިރޭސި ވިލާތުގައި އެކަން ކޮށްގެން އެއުޅެނީ އެހެން، ދުނިޔޭގެ ވަރުގަދަކޮށް މިފެންނަ ޑިމޮކްރަސީތަކުގައި، އެހިސާބަށް އެމީހުން އައީ އެމީހުންގެ ޕަބްލިކް އެޑިއުކޭޝަން ސިސްޓަމް ތަކުގެ ތެރެއިން" ކްލަބްހައުސްގެ ފޯރަމެއްގައި ވާހަކަ ފުޅު ދައްކަވަމުން އިބްރާ ވިދާޅުވިއެވެ. 

ރާއްޖޭގައި ތައުލީމީ ނިޒާމް ވަރުގަދަ ނޫންކަން ފާހަގަ ކުރައްވަމުން އިބްރާ ވިދާޅުވީ އެދާއިރާއަށް ރިސޯސަސް ލެވިފައިނުވާ ކަމަށާއި، ބަޖެޓުން އެއަށް އިތުރު ކުރަން ޖެހޭކަމަށެވެ.

33.4 ބިލިޔަން ރުފިޔާގެ، މިއަހަރުގެ ބަޖެޓުން ތައުލީމީ ދާއިރާއަށް ހަރަދުކުރަން ނިންމާފައިވަނީ 3981 މިލިޔަން ރުފިޔާއެވެ. މިއީ އިކޮނޮމިކް އެފެއާޒް އަށް ހޭދަކުރަން ނިންމާފައިވާ އަދަދަށްވުރެ 3049 މިލިޔަން ރުފިޔާ މަދުއަދަދެކެވެ. އިކޮނޮމިކް އެފެއާޒް އަށް ހޭދަކުރަން ނިންމާފައިވަނީ 7030 މިލިޔަން ރުފިޔާއެވެ. 

އިބްރާ ވިދާޅުވީ މިއީ ގައުމެއްގެ ގޮތުގައި ނިންމަންޖެހޭ މުހިއްމު ނިންމުން ތަކެއް ކަމަށާއި، ރާއްޖޭގައި އެފެންވަރުގެ ޓީޗަރުން ނެތްކަމަށް ވަންޏާ ރާއްޖޭން ބޭރުން އެފެންވަރުގެ ޓީޗަރުން ގެނެސްގެން، އިތުރު ހޭދަ ކޮށްގެންވެސް ތައުލީމު ވަރުގަދަކުރުން ، ތިލަފުއްޓަށް ބްރިޖެއް އެޅުމަށްވުރެ މާމުހިއްމުކަމަށް އިބްރާ ވިދާޅުވިއެވެ. ސަބަބެއް ކަމަށް އިބްރާ ވިދާޅުވީ އިޖްތިމާއީ ހެޔޮބަދަލެއް އަންނާނީ އޭރުން ކަމަށާއި، ޑިމޮކްރަސީއަށް ހެޔޮ އަސަރުތަކެއް ކުރާނީ އޭރުން ކަމަށެވެ. 

އިބްރާ ވިދާޅުވީ ޑިމޮކްރަސީ އަށް ހެޔޮ ބަދަލު ތަކެއް އަންނާނީ އާންމުން އެއަށް ހޭލުންތެރިވީ މިންވަރަކަށް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށްވެސް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް އަންނާނީ އޭރުން ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ ޑިމޮކްރަސީ އެއްގައި ނިންމުންތައް ނިންމާނީ ރައްޔިތުން ކަމަށާއި ނިންމުން ނިންމަންތިބޭ މީހުން ހޭލުންތެރިވީ ވަރަކަށް ޑިމޮކްރަސީ ވަރުގަދަ ވެގެން ދާނެކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް