ads
ޝެއިހް އަލީ ޒައިދު--
އަލީ ޒާހިރު ކިޔައިގެން ދޮގު ވާހަަކަ އުފެއްދި ގާޒީން ތައުބާވާން ޖެހޭ: އަލީ ޒައިދު
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އާ ގުޅޭ ގޮތުން ދޮގު ވާހަކަ އުފެއްދި ކުރީގެ ގާޒީންތައް ތައުބާ ވާން ނަސޭހަތްތެރިވާ ކަމަށް ދީނީ އިލްމުވެރިޔާ ޝޭހް އަލީ ޒައީދު ވިދާޅުވެއްޖެ އެވެ.

ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލައާ ގުޅިގެން އަދި ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އިތުރު ފަނޑިޔާރުންތަކެއް ވަނީ އަލީ ޒާހިރު ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒް ފޯރުވާ ކަމުގެ ތުހުމަތުކޮށްފައެވެ. 

އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަލީ ޒާހިރު، ފަނޑިޔާރުންނަަަށް ގުޅުއްވާ ނުފޫޒުފޯރުވި ކަމަށް ދެކެވޭ ވާހަކަތަކަކީވެސް ހަގީގަތެއް ކަމަށް ހައި ކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ. އެގޮތުން ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވިއިރު، ހައިކޯޓްގެ ބައެއް މައްސަލަތަކާއި ގުޅޭގޮތުން އަލީ ޒާހިރު ފަނޑިޔާރު ޝުޖާއުއާއިވެސް ގުޅުއްވި ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ތަކުރާރުކޮށް ގުޅުއްވާތީ އެމަނިކުފާނުގެ ލީގަލް އޮފިސަރާއި ދިމާލަށް ފޯނުވެސް އެއްލާލެވުނު ކަމަށެެވެ. 

އަދި އެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބުވެސް ވިދާޅުވީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރާފައި އޮތް މިންވަރު ގާތުން ފެނިވަޑައިގެންނެވި ކަމަށާ އެކަން ތަޖުރިބާވެސް ކުރެއްވުނު ކަމަށެވެ.

އެވާހަކަތަކާއި ގުޅިގެން ފަނޑިޔާރުންގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަދާލަތު ޕާޓީއަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ޒައިދު ވިދާޅުވީ އަލީ ޒާހިރު ކިޔައިގެން ދޮގު އުފެއްދި ކުރީގެ ގާޒީންތައް ﷲ އަށް ބިރުވެތިވެ ތައުބާވުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި ﷲ ގަންދީ ދޮގު ހުވާ ކުރުމަކީ ބޮޑު ފާފައެއް ކަން ފާހަގަކުރައްވާ ޒައިދު ވިދާޅުވީ ގާޒީން ހެއްދެވި ދޮގު ފަޅާ އަރާފައިވާ ކަމަށެވެ. އަދި ވަޒީފާއަށްޓަކައި އެ ވަރުވާން ޖެހޭތޯ؟ ޒައިދު ސުވާލު އުފެއްދި އެވެ. 

އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅައިގެން އެކި މައްސަލަތަކުގައި ނުފޫޒު ފޯރުވާ ކަން ފާހަގަކުރަމުން އޭރު މައްސަލަ ބެއްލެވި ގާޒީ ހައިލަމުގެ މަސައްކަތްޕުޅަށް ނުފޫޒު ފޯރުވާ، ދެމީހުންގެ ދެމެދުގައި ޑީލެއް ހެއްދެވި ކަަމަށް ސިފަކޮށްވެސް ނަޖީބު ވަނީ ވާހަކަދައްކަަވާފައެވެ.

އެވާހަކަތައް ކުށްވެރިކުރައްވާ ހައިލަމްވެސް ވަނީ ރައްދުދެއްވާފައެވެ. ހައިލަމް ވިދާޅުވީ، ‏ރައީސް ޔާމީންގެ ޝަރީއަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ކުރީގެ ޤާޒީ ނަޖީބް ދެއްކެވީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެކަން ކުށްވެރިކުރައްވަމުން ވިދާޅުވީ، ނަޖީބަކީ، ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އެމަނިކުފާނު ގާތުގައި އެދުނު ބޭފުޅެއް ކަމަށެވެ. 

ގާޒީ ހައިލަމް ވިދާޅުވީ، އެއްވެސް މީހަކާއެކީ ހެދި ޑީލެއް ނޯންނާނެ ކަމަށާއި ޑީލެއް ހެދިނަމަ މިއަދު ވެސް ހުންނާނީ މަގާމުގައި ކަމަށެވެ. ގާޒީ ހައިލްމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިޔަ މައިގަނޑު ސަބަބަކީވެސް ރައީސް ޔާމީންގެ އެންމެހައި ހައްގުތައް ކަށަވަރު ކުރެވިގެން، ސައްހަ އިޖުރާއާތުގެ ތެރެއިން، ނުފޫޒުތަކުން އެއްކިބާވެ ޝަރީއަތް ކުރިއަށް ގެންދެވޭކަން ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށެވެ. އަދި އެކަން އެމަނިކުފާނު ވާނީ ކުރައްވާފައި ކަމަށް ވިދާޅުވިއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް