ads
ތާލިބާނުން ޕަންޝިރް ގަވަރުނަރު އޮފީސް ކުރިމަތީގައި
އެންމެ ފަހުން އޮތް ޕަންޝިރް ޕްރޮވިންސް ވެސް ތާލިބާނުން ހިފައިފި
އަފްގާނިސްތާނުގައި އެންމެ ފަހުން ތާލިބާނުންގެ އަތްދަށް ނުގޮސް އޮތް ޕްރޮވިންސް ކަމަށްވާ ޕަންޝިރްވެސް އެ ޖަމާއަތުން ހިފައިފި އެވެ.
Advertisement

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ތާލިބާނުން ވަނީ ޕަންޝިރްގެ ކޮންޓްރޯލް ނަގާފައެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރިން ވަނީ ހަމަލާތައް ކުރިއަށްދާނެ ކަމަށް އިއުލާނުކޮށްފައެވެ. 

ވެރިރަށް ކަބުލް ހިފިތާ ތިން ހަފްތާއަށް ފަހު ތާލިބާންގެ ތަރުޖަމާނު ޒަބިހުﷲ މުޖާހިދު ވަނީ އެންމެ ފަހު ޕްރޮވިންސް ހިފާފައިވާ ކަމަށް އިއުލާންކޮށްފައެވެ. 

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ތާލިބާން ހަނގުރާމަވެރިން ޕަންޝިރު ޕްރޮވިންސްގެ ގަވަރުނަރު އޮފީހުގެ ގޭޓް ކުރިމަތީ ފޯރިމަރާތަން ފެނެއެވެ.

ނަމަވެސް ތާލިބާނުންނާ ދެކޮޅު ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ރެސިސްޓެންސް ފްރޮންޓު (އެންއާރުއެފް) ގެ ތަރުޖަމާނު  ވަނީ ތާލިބާނުންގެ ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނީ ހަނގުރާމަ ކުރިއަށް ދާނެ ކަމަށެވެ. 

އެންއާރުއެފްގެ ތަރުޖަމާނު ބުނީ އަދިވެސް އެ ޖަމާއަތުން ޕަންޝިރުގެ މުހިއްމު ހިސާބުތައް ކޮންޓްރޯލް ކުރަމުން އަންނަ ކަމަށެވެ. 

އެންއާރުއެފްގެ ލީޑަރު އަހުމަދު މަސްއޫދު އަދި އަފްގާނިސްތާންގެ ކުރީގެ ނައިބުރައީސް ކަން ކުރެއްވި އަމްރުﷲ ސަލޭހް މިހާރު އުޅުއްވާ ތަނެއް ނޭނގޭއެވެ. ނަމަވެސް މަސްއޫދު ވަނީ އޭނާ ހުރީ ސަލާމަތުންކަން ޓްވީޓާ މެދުވެރިކޮށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައެވެ. 

އަފްގާނިސްތާންގެ ރައީސް އަޝްރަފް ގަނީ ގައުމުދޫކޮށް ވަޑައިގަތުމުން ސަލޭހް ވަނީ އަމިއްލައަށް ވެރިކަމާ ހަވާލުވެފައެވެ. 

ހޯމަ ދުވަހު އެންއާރުއެފް އިން ވަނީ ހަމަލާތަކުގައި އެ ޖަމާއަތައް ބޮޑެތި ގެއްލުން ލިބެމުން އަންނަ ކަމަށް ބުނެފައެވެ. އަދި ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓުމަށް ގޮވާލާފަވެއެވެ. 

ޕަންޝިރް ސަރަހައްދަކީ މީގެ ކުރިން 1980 އިން ފެށިގެން 1990 އާ ޖެހެންދެން ސޯވިއެޓް ޔޫނިއަނުން އަފްގާނިސްތާނަށް އަރައިގަތް އިރުވެސް އަދި 1996 އިން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް ތާލިބާނުންގެ ވެރިކަމުގައި ވެސް އަތް ނުލެވި އޮތް ސަރަހައްދެކެވެ. އެއީ އެ ސަރަހައްދަކީ ފަރުބަދަ މަތީ ސަރަހައްދަކަށް ވެފައި އެ ސަރަހައްދަށް ވަންނަން އޮންނަނީ އެންމެ މަގަކަށް ވުމުން، އަރައިގަންނަން އަންނަ މީހުންނަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުންނެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް