އިއްޔެ އަކީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާ މަޖިލީހުން ސުވާލު ކުރެވުނު ދުވަހެކެވެ. ފުރަތަމަ ސުވާލު ކުރެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމްއެވެ. ފައްޓަވަމުން ވިދާޅުވީ އެސުވާލަކީ 16 ފެބްރުއަރީ 2021 ގައި ކުރަން ހުށަހަޅުއްވާފައިވާ ސުވާލެއް ކަމަށެވެ. ސުވާލަކީ ށ.ފޭދޫ، ބިލެތްފަހި، ގޮއިދޫ އަދި ނޫމަރާގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯއާއި އަދި ފެށޭ ވަރުވާނީ ކިހާތާކު ތޯއެވެ؟ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ށ.ފޭދޫ ގައި އެއީ އޮފިޑް ފޭސް ތިނެއްގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިގެން ދިޔަ ކޮންޓްރެކްޓެއް ކަމަށެވެ. އެމަސައްކަތް ކުރުމަށް ކޮންޓްރެކްޓުގައި ސޮއި ކުރެވިފައިވަނީ މިއަހަރުގެ މެއި 6 ގައިކަމަށެވެ.
މިހާރު އެމަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ ސާވޭގެ މަސައްކަތްވެސް ނިމިފައިވާކަމަށް ވިދާޅުވިއެވެ. އެދުވަސްކޮޅަކީ ކޮވިޑްގެ ދެވަނަ ރާޅެއް އައި ދުވަސްކޮޅަކަށް ވުމާއެކު މަސައްކަތް ލަސްވެގެން އައިކަމަށް ވިދާޅުވިއެވެ. އެކަމަކު ސާވޭ މަސައްކަތްތައް 1 އޮގަސްޓުން 12 އޮގަސްޓަށް ކޮށް ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ކޮންޓްރެކްޓުގެ މުއްދަތަކީ ދޮޅު އަހަރުގެ ދުވަހެވެ. ށ. ބިލެތްފަހީގެ މަސައްކަތްތަކަކީ އެރަށާއެކު 11 ރަށެއްގައި ހިންގަން އޮތް ޕްރޮޖެކްޓެއް ކަމަށާއި އެއީ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން ހިންގޭ މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެޕްރޮޖެކްޓް ޓެންޑަރަށް ދެފަހަރަކަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ކަމަށާއި އެކަމަކު ދެފަހަރަށްވެސް އެމަސައްކަތް ކުރާނެ އެކަށީގެންވާ ބަޔަކު ނުލިބުނު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންވެ މިހާރު ވިސްނަމުން ގެންދަވަނީ އަލުން ޓެންޑާ ކުރާނީތޯ ނުވަތަ ޑައިރެކްޓް ކޮންޓްރެކްޓަކަށް ދާނީތޯ ކަމަށް އަސްލަމް ވިދާޅުވިއެވެ. ގޮއިދޫގައި ހިންގާ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދެންވެސް ސުވާލު ކުރެއްވީ ކަނޑިތީމު ދާއިރާގެ މެންބަރެވެ. ސުވާލު ކުރެއްވީ ށ. ފޭދޫގެ ބަނދަރާއި، ބިލެތްފަހީގެ އެއާޕޯޓުގެ އެއްވެސް ހަބަރެއް އޮތްތޯއެވެ. މެންބަރުގެ މި ސުވާލާއެކު އަސްލަމް ވިދާޅުވީ މީގެ ކުރިން "މަޖިލީހުގައި އިންއެކިއުރޭޓްކޮށް ވާހަކަ ދެކެވިފައި އެބަހުރި" ކަމަށާއި، 251 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދާތީ ރަނގަޅު ޖަވާބު ބުނެނުދެވި ހިނގައިދާނެ ކަމަށެވެ. އެހެންވެ، ބައްދަލުކޮށް މައުލޫމާތު ހޯއްދެވުމަށް އެދިވަޑައިގެންނެވިއެވެ.
މިހިސާބުން މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް މިނިސްޓަރު "ހިފެހެއްޓުންތެރި" ޖަވާބުތަކެއް ދެއްވަން ފެއްޓެވިއެވެ. އަދި ގިނަފަހަރަށް އެސުވާލަކާ ގާތްވެސް ނުވެ ވޭތޯ މަސައްކަތް ކުރެއްވި ތަން ފެނުނެވެ.
ދެންސުވާލު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. ކުރެއްވި ސުވާލަކީ ފުވައްމުލަކުގެ ރިވެޓްމަންޓުގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބަކީ ކޮބައިތޯއާއި، އަމަލީ މަސައްކަތް ފެއްޓޭނީ ކިހާ ހިސާބެއްގައިތޯއެވެ؟ އަސްލަމް ދެއްވީ ގާތްގަނޑަކަށް އެއް ޖަވާބެކެވެ. ބައްދަލު ކުރެއްވުމަށް ވިދާޅުވިއެވެ. މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ނޭކުރެންދޫގައި އަޅަން ހަމަޖެހިފައިވާ ކަރެކްޝަނަލް ސެންޓަރު ނޭޅި ހުރީ ޕްލޭނިން މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ނުކުރެވިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވާ ކަމަށާއި، އެއީ ރަނގަޅު ވާހަކައެއްތޯއެވެ. ޖަވާބުގައި އަސްލަމް ވިދާޅުވީ އެކަން ޖެހޭނީ ބަލާލަން ކަމަށެވެ.
ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ބާރަށުގެ ބަނދަރުގެ މަސައްކަތް ނުނިމި ލަސްވަނީ ކީއްވެތޯއާއި، ފެށޭނީ ކިހާތާކުތޯއެވެ. މިނިސްޓަރު ދެއްވީ އެއްޖަވާބެކެވެ. ދާއިރާގެ ތެރެއިން ސުވާލު ކުރެއްވުމަށާއި ބައްދަލު ކުރެއްވުމަށެވެ. ދެން ސުވާލު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބަރާހީމް ޝަރީފެވެ. ވިދާވީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށޭނީ ކޮން ދުވަހަކުތޯއާއި، އައްޑޫ ސިޓީގައި ނަރުދަމާ އާއި ބޯފެނުގެ މަސައްކަތް ނިންމައި ހިދުމަތް ލިބެން ފަށާނީ ކޮންއިރަކުތޯއެވެ؟ އެސުވާލުގައި މިނިސްޓަރު ޖަވާބު ދެއްވީ ފެނާއި ނަރުދަމާގެ ބަޔަށެވެ. ވިދާޅުވީ އައްޑޫ ސިޓީގައި މިނިސްޓްރީގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓެއް ނުހިނގާކަމަށެވެ.
ދެން ސުވާލު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގްއެވެ. ވިދާޅުވީ މިނިސްޓަރާ ބައްދަލު ކުރަން ވަގުތު ހޯދަން މިދިޔަ މަހު އެދިފައިވާކަމަށާއި ވަގުތު ލިބިފައި ނުވާ ކަމަށެވެ. އެދާއިރާގައި ގިނަ މަޝްރޫއުތަކެއް ބަޖެޓްކޮށް ނުފެށި ހުރިކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ޅޮހީ ބަނދަރުގެ ކަންތަކާ ވެލިދޫ މަގުހެދުމުގެ މަސައްކަތް އޮތީ ކިހިނެއްތޯއާއި، އަދި ފޮއްދޫ ބަނދަރުގެ ކަންތައް އޮތީ ކިހާ ހިސާބެއްގައިތޯއާއި ޅޮހީގެ ފެނާ ނަރުދަމާގެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށެވެ. މިހުރިހާ ކަންކަމަކީ ވެސް ބަޖެޓުގައި ހިމެނިފައި ހުރި ކަންކަން ކަމަށާއި، ގިނަ ކަންކަމަކީ ނުފެށިހުރި ކަންކަން ކަމަށް ވިދާޅުވެ، ވިދާޅުވީ އެމަސައްކަތްތައް ފެށޭނީ ކޮންއިރަކުތޯކަމަށެވެ. އަދި ބައްދަލު ކޮށްލަން ވަގުތު ކޮޅެއް ދެއްވޭނީ ކޮންއިރަކުންތޯއެވެ. މިނިސްޓަރު ވިދާޅުވީ ޅޮހީގައި މަސައްކަތް ކުރިއަށްދާކަމަށާއި ޕްރޮގްރެސް ބަލާލަން ޖެހޭ ކަމަށެވެ.
މިނިސްތަރު އަސްލަމަށް އޭނާގެ ދާއިރާގެ ސުވާލުތަކަށްވެސް އެކަށީގެންވާ ގޮތަށް ރައްޔިތުންނަށް ޖަވާބު ދެއްވިފައި ނުވާކަން ފާހަގަ ކުރެވެއެވެ. ފާހަގަވެގެންދިޔައީ މިސެޝްނަކީ މަޖިލީހާއި މިނިސްޓަރުގެ ވަގުތު ނަގާލުމަށް ބޭއްވުނު ސެޝަނެއްގޮތަށެވެ. އޮއްޓަރު ހުރި ޖަވާބެއް މިނިސްޓަރަކަށް ނުދެވެއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވިދާޅުވީ ކިނޮޅަހުގެ ބަނދަރު ބަޔަކާ ހަވާލު ކުރެވޭނީ ކޮންތާރީހެއްގައިތޯއެވެ. އެށުގެ ނެރަށް ވެލިވަދެ ފުރިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންނަމާދޫގެ ނަރުދަމާގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްގެން ކުރިއަށްގެންދާތާ ތިން އަހަރު ވެފައިވާ ކަމަށާއި، ރައްޔިތުންނަށް ނަރުދާމަ ލިބޭނެ ގޮތް ހެދުމަށް މިނިސްޓްރީން ކުރަނީ ކޮންމަސައްކަތެއްތޯކަމަށެވެ. ލަސްވެފައިވާ މައްސަލާގައި މައްސަލަބަލަން ބަޔަކު ފޮނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރެވުނު ގިނަ ސުވާލުތަކަށް މިނިސްތަރުގެ ފަރާތުން އަލި ޖަވާބު ތަކެއް ނުލިބެއެވެ. ރައްޔިތުން އެއްކައިރީގައި ބައިތިއްބާށެވެ. މެންބަރުން ސުވާލު ކުރައްވަނީ ސީދާ މެންބަރުންނަށް އެކަންކަމާ ގުޅޭ ޖަވާބުތައް ލިބިފައި ނުވާތީއެވެ. ރައްޔިތުންނަށްޓަކައި ހިންގޭ މަޝްރޫއުތަކުގެ މައުލޫމާތު ނޭނގޭތީއެވެ. އެކަން އެހެން އޮންނަން ވެއްޖެނަމަ ވައްކަން ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ނިވަލުގައި ތިބެ ކުރެވޭ ކަންކަމަކީ ރަނގަޅު ކަންކަން ކަމަކަށް ނުވާނެއެވެ. އެންމެ ކުޑަމިނުން މަޖިލީހުގައި ކުރެވޭ ސުވާލުތަކުގެ ޖަވާބު ފުރިހަމައަށް ލިބެންޖެހެއެވެ.
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވި މިލަންދޫ ގިރާ ސައްކަހައްދުގެ މަސައްކަތް ބަޖެޓުގައި ހިމެނިފައި އޮންނަތާ ތިން އަހަރު ވެފައިވާ ކަމަށާއި އެމަސައްކަތް ފެށޭނީ ކޮން އިރަކުތޯއާއި، ނަރުދޫގެ ބަނދަރުގެ މަސައްކަތްފެށޭނީ ކޮންއިރަކުތޯ ކުރެއްވި ސުވާލަށް މިނިސްޓަރު އަސްލަމަކަށް ޖަވާބެއް ނުދެއްވެއެވެ. ވިދާޅުވީ އެދުވަހު ފަހުގެ ވަގުތެއްގައި ޖަވާބެއް ދެއްވާނެކަމަށެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ތިމަރަފުށީ ގިރާސަރަހައްދުގައި ރިވެޓްމެންޓް މަސައްކަތް ކުރެވޭނީ ކޮން އިރަކުތޯއާއި، ވޭމަންޑޫއާއި ކިނބިދޫއާ ދެމެދު އޮންނަ ކޯޒުވޭގެ އެއްވެސް އަޕްޑޭޓެއް އެބައޮތްތޯއެވެ. މިނިސްތަރު ޖަވާބެއް ނުދެއްވިއެވެ.
ސުވާލަކީ މަޖިލީހުގައި ސުވާލާއި ޖަވާބު ސެޝަނެއް މިބާއްވަނީ ކީއްކުރަންތޯއެވެ؟ މިނިސްޓަރު މަޖިލީހަށް ގެންނަނީ ޖަވާބު ދާރީ ކުރުވުމަށެވެ. މިނިސްޓަރު ޖަވާބު އެދެނީ މަޖިލީހުގައި ފެންނަން އިންނަ މެންބަރަށް އެކަންޏެއް ނޫނެވެ. މުޅިރައްޔިތަށެވެ. ތ އަތޮޅުގެ ނެރެއް ބޭނުންކުރާނީ ހަމައެކަނި ތ އަތޮޅުގެ މީހުން އެކަންޏެއް ނޫނެވެ. މުޅިގައުމުގެ ރައްޔިތުންނެވެ. އެހެންކަމުން މިނިސްޓަރަކަށް ހުންނަ މީހާ ޖަވާބު އެދެނީ މުޅިރައްޔިތަށެވެ. އެކަންކަމަކީ ކުޅޭ ކުޅޭ ކަމެއްހެން ކޮށް ނިންމާލެވޭނެ ކަމެއް ނޫނެވެ. މިނިސްޓަރަކަށް އެނގޭ މިންވަރަކުން ޖަވަބުދާރީވާން ޖެހޭނެކަމަށް ބުއްދި ގަބޫލުކުރެވެއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި އޮންނަގޮތަކީވެސް ކުރެވޭ ސުވާލަކާއި ގުޅިގެން އުފެދޭ ސުވާލަކަށް ސުވާލު ކުރުން ކަމަށާއި، އަދި މިނިސްޓަރު ދެއްވާ ޖަވާބަކާއި ގުޅިގެން ސުވާލުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި އޮންނަ ކަމަށެވެ. އެކަމަކު ކުރެވުނު ސުވާލަކީ އެއުސޫލުން ކުރެވުނު ސުވާލެއްކަން ކަނޑައަޅަނީ ކާކު ހެއްޔެވެ؟މަޖިލީހަށް މިވަޑައިގަންނަވަނީ މިނިސްޓަރެވެ. މިނިސްޓަރު ވަޑައިގަންނަވަނީ ޖަވާބު ދާރީ ވާށެވެ. ޖަވާބުދާރީ ނުވެވޭނަމަ އެއީ މައްސަލައެކެވެ. އަދި ޖަވާބު ނުލިބޭ އުސޫލަކުން ރައްޔިތުންގެ މަޖިލީހުގެ އުސޫލުތައް ހަމަޖެހިފައިވާނަމަ އަދި އެއީ މާދެރަކަމެކެވެ.
ދެވަނަ ކަމަކީ ޖަވާބު ނުލިބޭނެ ސުވާލުތަކެއްކަން އެނގިތިބެ ސުވާލު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާފައިވަނީ ސަކަރާތް ޖަހާކަށް ނޫނެވެ. ތިމާ ހޮވުނު ދާއިރާގެ މެންބަރުން "ހެއްވާލުމަށްޓަކައި" ނުބައި ހަސީލަތުގައި ތިބެ ސުވާލު ކޮށްގެން ނުވާނެއެވެ. ކުރަންޖެހޭނީ ޖަވާބު ލިބޭނެ ސުވާލެވެ. ނުވަތަ އެސުވާލުތަކަށް ޖަވާބު ލިބޭނެ މެކޭނިޒަމެއް މަޖިލީހުން ރައްޔިތުންނަށް ފަހި ކޮށްދޭން ޖެހޭނެއެވެ. އެހެންނޫނީ މިނިސްޓަރަކު މަޖިލީހަށް ގެންދިއުމުގެ ބޭނުމަކީކޮބައިހެއްޔެވެ. ރައްޔިތުން މަޖިލީހުން އަޑުއަހަން ބޭނުންވަނީ "ހަތަރުބީރުންގެ ވާހަކަ"އެއް ނޫނެވެ.